Roadha Mihaaru
ކަނޑު އަޑީގެ ސިޓީއެއް، އިންސާނުން ހެދި ތަނެއް ނޫން!

ކަނޑު އަޑީގެ ސިޓީއެއް، އެކަމަކު އިންސާނުން ބިނާކުރި ތަނެއް ނޫން

04 ޖޫން 2016

ކަނޑަށް ޣަރަގުވެގެން ގޮސްފައިވާ ރަށްތަކާއި ގައުމުތަކުގެ ވާހަކަ އަހަރެމެން އަހަމެވެ. އޭގެ ތެރެއިން ބައެއް ތަންތަން އެތައް ހާސް އަހަރެއް ފަހުން ކަނޑު އަޑިން ފެނިފައިވެ އެވެ. ގްރީކްގެ ޒަކިންތޮސް ކައިރިން ކަނޑު އަޑިން ފެނުނު މި ތަނަކީ ވެސް އިންސާނުންގެ ބުރަ މަސައްކަތުން ބިނާކޮށްފައި ވަނިކޮށް ކަނޑުގެ ތެރެއަށް ގޮސްފައިވާ ތަނެއް ކަމަށް، ބަލާ ބެލުމަށް ހީވެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ކަނޑަށް ޣަރަގުވެގެން ގޮސްފައިވާ ރަށްތަކާއި ގައުމުތަކުގެ ވާހަކަ އަހަރެމެން އަހަމެވެ. އޭގެ ތެރެއިން ބައެއް ތަންތަން އެތައް ހާސް އަހަރެއް ފަހުން ކަނޑު އަޑިން ފެނިފައިވެ އެވެ. ގްރީކްގެ ޒަކިންތޮސް ކައިރިން ކަނޑު އަޑިން ފެނުނު މި ތަނަކީ ވެސް އިންސާނުންގެ ބުރަ މަސައްކަތުން ބިނާކޮށްފައި ވަނިކޮށް ކަނޑުގެ ތެރެއަށް ގޮސްފައިވާ ތަނެއް ކަމަށް، ބަލާ ބެލުމަށް ހީވެ އެވެ.

މިތަން ބަލައިލަން މޫދަށް ފީނާ ޓޫރިސްޓުން ވެސް ގަބޫލުކޮށްގެން ތިބެނީ އެއީ އިންސާނުން ބިނާކޮށްފައިވާ ތަނެއް ކަމަށެވެ. އެހެން ހީނުވާންވީ ސަބަބެއް ނެތެވެ. ބުރު ހަމަޔަށް ހުރި ގާތަކާއި ބައްޓަން ފުރިހަމަވާ ގޮތަށް ހުރި ތަނބުތަކާއި މަގުތައް ވެސް ހުރެ އެވެ. އެކަމަކު އެއީ އިންސާނުން ބިނާކޮށްފައިވާ ތަނެއް ނޫން ކަމަށް ދިރާސާއަކުން ވަނީ އެނގިފަ އެވެ.

މެރިން އެންޑް ޕެޓްރޯލިއަމް ޖިއޮލޮޖީ އިން ކުރި ދިރާސާއަކަށް ފަހު، މި "އާސާރީ ސިޓީ" ގެ އަސްލާ މެދު އިތުރަށް މި ވަނީ ޝައުގުވެރިކަން އުފެދިފަ އެވެ. ދިރާސާ ޓީމުން އެންމެ ފުރަތަމަ ވެސް ބުނެފައި ވަނީ އެއީ އިންސާނުން ބިނާކޮށްފައިވާ ތަނެއް ކަމާ މެދު ޝައްކު ކަމަށެވެ. ދިރާސާތަކަށް ފަހު ބުނެފައި ވަނީ އެއީ ބެކްޓީރިއާ "ބިނާކޮށްފައިވާ" ތަނެއް ކަމަށެވެ.

ގްރީކްގެ ޒަކިންތޮސް ކައިރީ، މޫދުގައި އޮންނަ "ސިޓީ" ގައި ތަރުތީބުވެފައިވާ ގާތަކެއް

ގްރީކްގެ ޒަކިންތޮސް ކައިރީ، މޫދުގައި އޮންނަ "ސިޓީ" ގައި ތަރުތީބުވެފައިވާ ގާތަކެއް

އެންމެ ވިއްސަކަށް ފޫޓު އަޑީގައި އޮންނަ މިތަން ބެލި އާކިލޮޖިސްޓުންނަށް އެންމެ ފުރަތަމަ ވެސް ފާހަގަކުރެވުނު އެއް ކަމަކީ އިންސާނުން ދިރިއުޅެފައިވާ ތަނަކުން އާންމުކޮށް ފެންނަ އެއްވެސް ނިޝާނެއް ނެތުމުންނެވެ. ފައިސާ ފޮއްޗާއި ހިފާގެންގުޅޭ ސާމާނު ނުވަތަ އެފަދަ ތަކެތީގެ ބައިތަކެއް ވެސް ނުފެނުނެވެ.

"ކަނޑު އަޑީގެ ސިޓީ" ގައި އާކިއޮލޮޖިސްޓުން ދިރާސާކުރުމުގައި. -- ފޮޓޯ: ޔުނިވަސިޓީ އޮފް އޭތެންސް

"ކަނޑު އަޑީގެ ސިޓީ" ގައި އާކިއޮލޮޖިސްޓުން ދިރާސާކުރުމުގައި. -- ފޮޓޯ: ޔުނިވަސިޓީ އޮފް އޭތެންސް

މިތަނާ އިންސާނުންނާ ގުޅުވޭނެ ހެއްކެއް ނުފެނުމުން އާކިއޮލޮޖިސްޓުން ވަނީ ތަނބުތަކުގެ މިނެރަލް ކޮންޓެންޓް ތަހުލީލުކޮށްފަ އެވެ. އެ ތަހުލީލުތަކުން އެނގުނީ އެއީ ސައްތައިން ސައްތަ ގުދުރަތީ މާއްދާތަކެއް ކަމަށެވެ. އެ މާއްދާ އުފެދެން އިންސާނެއް މެދުވެރިވާން ނުޖެހޭކަން އެނގުނެވެ. އެތަނުން ފެނުނު ޑޮލޮމައިޓް ކިޔާ މިނެރަލަކީ މީތޭން އިން ކާނާ ލިބިގެން ދިރިއުޅޭ މައިކްރޯބެއްގެ ބައިޕްރޮޑަކްޓެކެވެ. ތަޖުރިބާކާރުން ބުނެފައި ވަނީ މިގޮތަށް ބައި ހަދައިގެން، ގޭހުގެ ވަށައިގެން އުޅޭ ބެކްޓީރިއާ ބޭރުކުރާ މާއްދާ މީތޭންއާ އެކުވުމުން ސިމެންތި ފަދަ މާއްދާއެއް އުފެދެ އެވެ.

"ކަނޑު އަޑީގެ ސިޓީ" ގައި އާކިއޮލޮޖިސްޓުންގެ ދިރާސާ ކުރިއަށް ގެންދަނީ. -- ފޮޓޯ: ޔުނިވަސިޓީ އޮފް އޭތެންސް

"ކަނޑު އަޑީގެ ސިޓީ" ގައި އާކިއޮލޮޖިސްޓުންގެ ދިރާސާ ކުރިއަށް ގެންދަނީ. -- ފޮޓޯ: ޔުނިވަސިޓީ އޮފް އޭތެންސް

ދިރާސާގައި ބުނެފައި ވަނީ މިއީ ކުރީ ޒަމާނުގެ ސިޓީއެއް ނޫން ކަމަށާއި އެކަމަކު މާކުރީ ޒަމާނެއްގައި ކަނޑު އަޑިން ގޭސް ލީކުވެ، އެތަނުގައި އުޅުނު ބެކްޓީރިއާގެ ސަބަބުން އުފެދިފައިވާ ތަނެއް ކަމަށެވެ. ސައިންސްވެރިން ބުނެފައި ވަނީ މިއީ ވަރަށް މަދުން ނޫނީ ދިމާ ނުވާ ކަމެއް ކަމަށެވެ. އެކަމަކު ގުދުރަތީ ގޭސް ބިމުން ބޭރުވާ ހިސާބުތަކުގައި މިގޮތަށް، އެކި ބައްޓަންތަކަށް ތަރުތީބުކޮށް ތަކެތި އުފެދިފައި ހުންނަ ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.