Roadha Mihaaru
އިހަވަންދޫ މަރާ ގުޅިގެން ހަތަރު ބިދޭސީއަކު ހައްޔަރު

އިހަވަންދޫޫ މަރާ ގުޅިގެން އިތުރު ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފި

17 ޖޫން 2017

ހއ. އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި މަރާލާފައި އޮއްވާ އިއްޔެ ފެނުނު އިސްމާއިލް އުމަރު (އިއްސެ)ގެ މަރާ ގުޅިގެން އިތުރު ހަތަރު ބިދޭސީއަކު އެރަށުން ހައްޔަރުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހއ. އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި މަރާލާފައި އޮއްވާ އިއްޔެ ފެނުނު އިސްމާއިލް އުމަރު (އިއްސެ)ގެ މަރާ ގުޅިގެން އިތުރު ހަތަރު ބިދޭސީއަކު އެރަށުން ހައްޔަރުކޮށްފި އެވެ.

އައިސްޕްލާންޓްގައި މެކޭނިކެއްގެ ވަޒީފާގައި އުޅުނު އުމުރުން 54 އަހަރުގެ އިއްސެގެ މަރާ ގުޅިގެން އިއްޔެ ވަނީ އެތަނުގައި އޭނާއާ އެކު މަސައްކަތްކުރި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފަ އެވެ. ފަހުން ހައްޔަރުކުރީ ކޮން ގައުމެއްގެ ބައެއް ކަމެއް ފުލުހުން ނުބުނެ އެވެ.

އައިސް ޕްލާންޓު ހިންގުމާ ވެސް ހަވާލުވެ ހުރި އިއްސެ ޒަހަމްތަކާ އެކު މަރާލާފައި އޮއްވައި ފެނުނީ ފުލުހުން ގޮސް ދޮރު ހަލާކުކޮށްލައިގެން ވަދެ އޭނާ ހޯދަމުން ދަނިކޮށެވެ. ޅ. ހިންނަވަރަށް އުފަން އިއްސެ ފެނުނީ އައިސް ޕްލާންޓް ތެރޭގައި ސިމެންތިން ހަދާފައި ހުރި ހަނި ބައެއްގެ ތެރެއިންނެވެ. އިއްސެގެ މަރާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި ބަންގްލަދޭޝް މީހާ މީގެ ތިން ދުވަސް ކުރިން ފިލި ކަމަށް ވެ އެވެ. އެ މީހާ ހޯދަން އިއްސެ އާއި އޭނާގެ ގާތް މީހުން މަސައްކަތް ކުރި ނަމަވެސް ނުފެނުމުން އެ މީހުން ނިންމައިގެން ތިބީ އޭނާ ފިލައިގެން ދިއްދުއަށް ދިޔައީ ކަމަށެވެ.

އެކަމަކުު ރޭ އެ މީހާ ޑިންގީއެއްގައި އިހަވަންދޫން ފުރައިގެން ހޯރަފުށްޓަށް ދިޔަކަން އެނގުމާ އެކު، އިއްސެގެ މަރުގެ ފަހަތުގައި އޭނާގެ އަތެއް ވާ ކަމަށް އިހަވަންދޫ މީހުންނަށް ޝައްކުކުރެވުނީ އެވެ.

އިހަވަންދޫން ވާހަކަ ދެއްކި މީހަކު ބުނީ ފިލައިގެން ދިޔަ ބިދޭސީ މީހާއާ އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށް އިއްސެ ބުނެފައިވާ ކަމަށެވެ. އޭނާ ފިލީ ބޮޑު މުސާރައެއް ހޯދަން އެހެން ތަނަކަށް ދާން ވެގެން ކަމަށް އިއްސޭ ގަބޫލުކުރި ކަމަށް ވެސް "މިހާރު"އާ ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.

މި މައްސަލައިގައި ދެން ހައްޔަރުކުރި ބިދޭސީންނަކީ ފިލި މީހާއާ ގާތް ގުޅުމެއް އޮންނަ މީހުން ކަމަށް ބެލެވެ އެވެ.