Roadha Mihaaru
އިއްސެގެ މަރާ ގުޅިގެން އަދިވެސް ފާސްކުރަނީ

އިއްސެގެ މަރާ ގުޅިގެން އިހަވަންދޫގެ ބައެއް ސަރަހައްދުތައް އަދިވެސް ފާސްކުރަނީ

23 ޖޫން 2017

ހއ. އިހަވަންދޫ އައިސްޕްލާންޓު ހިންގާ އިމާރާތުގެ ތެރޭގައި މަރާލާފައި އޮއްވައި މިދިޔަ ހުކުރު ދުވަހު ފެނުނު އިސްމާއިލް އުމަރު (އިއްސެ)ގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ ބިދޭސީން ގޮވައިގެން ރަށުގެ އެކި ސަރަހައްދުތައް މިއަދު ވެސް ފުލުހުން ފާސްކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހއ. އިހަވަންދޫ އައިސްޕްލާންޓު ހިންގާ އިމާރާތުގެ ތެރޭގައި މަރާލާފައި އޮއްވައި މިދިޔަ ހުކުރު ދުވަހު ފެނުނު އިސްމާއިލް އުމަރު (އިއްސެ)ގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ ބިދޭސީން ގޮވައިގެން ރަށުގެ އެކި ސަރަހައްދުތައް މިއަދު ވެސް ފުލުހުން ފާސްކޮށްފި އެވެ.

އައިސްޕްލާންޓްގައި މެކޭނިކެއްގެ ވަޒީފާގައި އުޅުނު އުމުރުން 54 އަހަރުގެ އިއްސެގެ މަރާ ގުޅިގެން، އެތަނުގައި އޭނާއާ އެކު މަސައްކަތްކުރި ބަންގްލަދޭޝް މީހަކާއި އިތުރު ހަތަރު ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ. ވަޅިން ހަމަލާދީ އިއްސެ މަރާލި ކަމަށް އިއްސެއާ އެކު މަސައްކަތް ކުރި ޝުމޮން މިއާ ވަނީ ތަހުގީގުގައި އެއްބަސްވެފަ އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ހދ. ކުޅުދުއްފުށީގައި ތިބި ބިދޭސީން ގޮވައިގެން އިހަވަންދު އަށް ގޮސް ފުލުހުން ވަނީ އެކި ތަންތަން ބަލައި ތަހުގީގަށް ބޭނުންވާ ހެކި ހޯދައިފަ އެވެ. ތަންތަން ބަލައި ފާސްކުރިއިރު، މައްސަލައާ ގުޅުން ހުރި ގިނަ އަދަދެއްގެ ފައިސާ ހޯދި ކަމަށް ވާހަކަ ދެކެވުނަސް ފުލުހުން އެކަން ދޮގު ކުރެ އެވެ.

ފުލުހުން ބުނީ ތަހުގީގު ކުރިއަށް ދާތީ، މައްސަލައިގެ ތަފްސީލުތަކެއް ވަކިވަކިން އަދި ހާމަކުރެވެން ނެތް ކަމަށެވެ.

ޝުމޮން މިއާ، އޭނާގެ ރަހުމަތްތެރިންނާ އެކު އިއްސެ މަރާލި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އެ މަރުގެ ފަހަތުގައި ވަނީ ފައިސާގެ މައްސަލަތަކެއް ކަމަށް ވާހަކަ ދެކެވުނަސް، އެ ވާހަކަތަކަށް ބާރު ލިބޭ ހެކިތައް ފުުލުހުން އަދި އާއްމެއް ނުކުރެ އެވެ.

އިހަވަންދޫން ވާހަކަ ދެއްކި ގިނަ މީހުން ބުނާގޮތުގައި ތުހުމަތުކުރެވޭ ބިދޭސީންނާއި އިއްސެއާ ދެމެދު އެއްވެސް މައްސަލައެއް އުޅޭ ކަމެއް އެނގިފައެއް ނުވެ އެވެ.

އިއްސެ މަރާލާފައި ވަނީ ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީގެންނެވެ. އޭނާ މަރާލާފައި އޮއްވާ ފެނުނުއިރު ހަށިގަނޑުގައި ގިނަ ޒަހަމްތަކެއް ހުއްޓެވެ.