Roadha Mihaaru
ބޮޑު ދެ މަރާ އެކު އިހަވަންދޫގައި ފިޔަވަޅުތަކެއް އަޅަނީ

ބޮޑު ދެ މަރާ ގުޅިގެން އިހަވަންދޫގައި ބިދޭސީންނާ މެދު ފިޔަވަޅުތަކެއް އަޅަނީ

18 ޖޫން 2017

ހއ. އިހަވަންދޫގައި ބިދޭސީން ހިންގި ކަމަށް ތުހުމަތުކުރެވޭ ރަހުމް ކުޑަ ދެ މަރާ ގުޅިގެން ބިދޭސީންނާ މެދު ހަރުކަށި ފިޔަވަޅުތަކެއް އަޅަން ވިސްނާފައިވާ ކަމަށް ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހއ. އިހަވަންދޫގައި ބިދޭސީން ހިންގި ކަމަށް ތުހުމަތުކުރެވޭ ރަހުމް ކުޑަ ދެ މަރާ ގުޅިގެން ބިދޭސީންނާ މެދު ހަރުކަށި ފިޔަވަޅުތަކެއް އަޅަން ވިސްނާފައިވާ ކަމަށް ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

އިހަވަންދޫ އައިސް ޕްލާންޓްގައި މެކޭނިކެއްގެ ވަޒީފާގައި އުޅުނު އިސްމާއިލް އުމަރު (އިއްސެ) އެތަނުގެ ތެރޭގައި މަރާލާފައި އޮއްވާ މިދިޔަ ހުކުރު ދުވަހު ވަނީ ފެނިފަ އެވެ. އެ މައްސަލައިގެ ތުހުމަތުގައި ފަސް ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މީގެ 15 އަހަރު ކުރިން އޮގަސްޓް 2002 ގައި ވެސް ބިދޭސީންތަކެއް ވަނީ އެ ރަށުގެ އަންހެން ކުއްޖަކު ރަހުމް ކުޑަގޮތަކަށް މަރާލައިފަ އެވެ. އުމުރުން 16 އަހަރުގެ އެ ކުއްޖާ މަރާލީ އެ ރަށުގައި ދިރިއުޅުނު ތިން ބިދޭސީއެކެވެ.

ރަޝީދު ވިދާޅުވީ ބިދޭސީންތަކެއް އެ ރަށުގައި ދެ މީހަކު މަރާލުމުން ރައްޔިތުންގެ ކަންބޮޑުވުން އިންތިހާ އަށް އެބަ އޮތް ކަމަށެވެ. އެހެންވެ، ކައުންސިލުން އެކަމާ މެދު ވިސްނައި ވަރަށް އަވަހަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްވެރިކަމާއި ފައިބަރު މަސައްކަތުގެ އިތުރުން އުމްރާނީ އެހެން މަސައްކަތްތަކުގައި އިހަވަންދޫގައި ގާތްގަނޑަކަށް 200 ބިދޭސީން އުޅެ އެވެ.

"މީގެ ތެރޭގައި ތިބި ގަވާއިދާ ހިލާފަށް އުޅޭ މީހުން ރަށުން ފައިބަން ކައުންސިލުން މުއްދަތެއް ދޭނެ. އެ މުއްދަތު ދިނުމަށް ފަހު އިމިގްރޭޝަނާ ގުޅިގެން އެ މީހުން ފޮނުވާލުމުގެ މަސައްކަތްތައް ކުރިއަށް ގެންދަން ކައުންސިލުން ނިންމާނެ،" އޭނާ ވިދާޅުވި އެވެ.

މިއާ އެކު، ގަވާއިދާ އެއްގޮތަށް އުޅޭ ބިދޭސީންގެ ތެރެއިން ވެސް ރައްޔިތުންނަށް އުނދަގޫކޮށް، މަގުމަތިން ހިނގާ މީހުންނާ ފޮށި ހަދާ ބިދޭސީންނަށް ކައުންސިލުން ފިޔަވަޅު އަޅާނެ ކަަމަށް އޭނާ ވިދާޅުވި އެވެ. އެއް ކަމެއްގެ ގޮތުގައި ކައުންސިލުގެ ވިސްނުން ހުރީ ރޭގަނޑު 10 ގެ ފަހުން، މަގްބޫލު އުޒުރެއް ނެތި ބިދޭސީން މަގުމަތީގައި ނޫޅެވޭ ގޮތް ހެދުމެވެ.

"ރޭގަނޑު ދަންވަންދެން މަގުތަކާއި އެކި ތަންތަނުގައި ބިދޭސީން އުޅޭ. އޭގެ ތެރެއިން ބައެއް މީހުންގެ ފަރާތުން ރައްޔިތުންނަށް އުނދަގޫތަކެއް ކުރިމަތިވޭ. އެހެންވީމަ ކައުންސިލުން ނިންމާނެ އެފަދަ މީހުންނާ ދޭތެރޭގައި ވެސް އަމަލުކުރާނެ އުސޫލްތަކެއް،" ރަޝީދު ވިދާޅުވި އެވެ.

ޅ. ހިންނަވަރު އިއްސެގެ މަރުގެ ތުހުމަތަށް ހައްޔަރުކުރި މީހުންގެ ތެރޭގައި އޭނާއާ އެކު އައިސް ޕްލާންޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ވެސް ހިމެނެ އެވެ.

އިއްސެގެ މަރުގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ ބިދޭސީން ގޮވައިގެން ގޮސް ފުލުހުން ވަނީ ހެކި ހޯދުމަށްޓަކައި ރަށުގެ އެކި ސަރަހައްދުތައް ބަލައިފަ އެވެ.