Roadha Mihaaru
އަދީބަށް ފަރުވާ ނުދޭ މައްސަލަ އދ. އަށް

އަދީބު ސިއްހީ ފަރުވާ އިން މަހްރޫމްކޮށްފައިވާ މައްސަލަ އދ. އަށް ހުށަހަޅައިފި

17 ޖޫން 2017

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ސިއްހީ ފަރުވާ އިން މަހްރޫމްކޮށްފައިވާ މައްސަލަ އދ. އަށް ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ސިއްހީ ފަރުވާ އިން މަހްރޫމްކޮށްފައިވާ މައްސަލަ އދ. އަށް ހުށަހަޅައިފި އެވެ.

އަދީބަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލަތަކަށް އެކަށީގެންވާ ފަރުވާ ނުދޭ މައްސަލަ އދ.ގެ ސަމާލުކަމަށް ގެންނެވީ ދީނީ އަދި ފިކުރީ މިނިވަންކަމާ ބެހޭ އދ.ގެ ހާއްސަ މަންދޫބު ޑރ. އަހްމަދު ޝަހީދެވެ. އަދީބުގެ އާއިލާގެ ކަންބޮޑުވުންތައް އޭނާ ވަނީ، މަތީ ފެންވަރެއްގެ ސިއްހީ ފަރުވާ އެންމެންނަށް ހަމަހަމަ އަށް ލިބިދިނުން ކަށަވަރު ކުރުމަށް އދ. އިން ކަނޑައަޅާފައިވާ ހާއްސަ ރެޕަޓުއާ ޑެނިއަސް ޕޫރަސް އާ ވެސް ހިއްސާ ކުރައްވައިފަ އެވެ.

އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދި، ކިޑްނީގައި ހިލަ އުފެދުމާއި ލޮލަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލުކޮމާ" ޖެހިފައިވާ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ. މިކަމަށް އެކަށީގެންވާ ފަރުވާ ނުލިބޭތީ ބޭސްފަރުވާ އަށް އަދީބު ރާއްޖެ އިން ބޭރަށް ފޮނުވައިދޭން ވެސް އާއިލާ އިން ވަނީ އެދިފަ އެވެ.

އެކަމަކު އެކަން ކުރުމުގެ ޒިންމާއާ ހަވާލުވެފައި އޮތީ ކޮން ބައެއް ކަން ނުބުނެ، އެއް ބަޔަކު އަނެއް ބައެއްގެ ބޮލަށް ޖަހަމުން އަންނަ ކަމަށް ވަކީލުން ވިދާޅުވެ އެވެ.

އަދީބު ސިއްހީ ފަރުވާ އިން މަހްރޫމްކުރުމަކީ ރާއްޖޭގެ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ހިލާފުވުން ކަން ފާހަގަކުރައްވައި ބޭސްފަރުވާ ކުރުމުގެ ފުރުސަތު އަދީބަށް ދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ގޮވާލައިފަ އެވެ.

ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ ވައްކަމުގައި އަމަލީ ގޮތުން އެންމެ އިސް ދައުރެއް އަދާ ކުރެއްވުމާއި ރައީސް ޔާމީން އަވަހާރަ ކޮށްލަން ރޭވި ކަމުގެ ކުށުގައި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް އައިސްފައިވެ އެވެ.