Roadha Mihaaru
ދިވެހި އަންހެނަކު އެއްމާބަނޑު ހަތަރު ކުދިން ވިހައިފި

ދިވެހި އަންހެނަކު އެއްމާބަނޑު ހަތަރު ކުދިން ވިހައިފި، ހުރިހާ ކުދިން ވެސް އައިސީޔޫގައި

17 ޖޫން 2017

ބަނޑަށް ހަތް މަހުގައި، ދިވެހި އަންހެނަކު އެއްމާބަނޑު ހަތަރު ކުދިން މިއަދު ވިހައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބަނޑަށް ހަތް މަހުގައި، ދިވެހި އަންހެނަކު އެއްމާބަނޑު ހަތަރު ކުދިން މިއަދު ވިހައިފި އެވެ.

ސިޒޭރިއަން ހަދައިގެން ނެގި އެ ހުރިހާ ކުދިންނަށް ވެސް އޭޑީކޭ ހޮސްޕިޓަލްގެ ކުޑަކުދިންނަށް ޚާއްސަ ނިއޯނޭޓަލް އިންޓެންސިވް ކެއާގައި އަންނަނީ ފަރުވާ ދެމުންނެވެ.

އެނގިފައިވާ ގޮތުގައި، ތިން އަންހެން ކުދިންނާއި ފިރިހެން ކުއްޖަކު ލިބުނީ ށ. ފޯކައިދޫ ފިރިހެނަކާއި އެހެން ރަށެއްގެ އަންހެނަކަށެވެ. މިއީ، އެ ދެމަފިރިންގެ އަލަތު ދަރިންނެވެ.

ދުވަސް ނުފުރާ ވިހާ ކުދިންނަށް، އާއްމުކޮށް ކުޑަކުދިންގެ ޚާއްސަ އައިސީޔޫގައި ފަރުވާ ދެ އެވެ. އެއިން ކޮންމެ ކުއްޖެއްގެ ބަރުދަނުގައި ހުރީ ކިލޯ އެއް ކަމަށް އެނގިފައިވެ އެވެ.

ސިޒޭރިއަނަށް ފަހު މި ކުދިންގެ މަންމަ އަށް ލޭ އަޅަން ޖެހިގެން، އާއިލާ އިން ލޭ ހޯދަން ވެސް އިއުލާންކުރި އެވެ. އެކަމަކު، މިވަގުތަށް ބޭނުންވާ ވަރަށް އާއިލާ އިން މިހާރު ވަނީ ލޭ ހޯދައިފަ އެވެ.

ރާއްޖޭގައި އެއް މާބަނޑު ދެ ކުދިން ވަރަށް ގިނަ އާއިލާތަކުގައި ތިބި ނަމަވެސް އެއްމާބަނޑު ތިން ކުދިންނާއި ހަތަރު ކުދިން ލިބުމަކީ، ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް، ރާއްޖޭގައި ވެސް ވަރަށް މަދުން ވާ ކަމެކެވެ. ފަހުގެ ތާރީޚެއްގައި ވެސް މި ނޫނީ، އެއްމާބަނޑު ހަތަރު ކުދިން ވިހެއި ކަމެއް އެނގިފައެއް ނުވެ އެވެ.