Roadha Mihaaru
ނިއު ބަލިކޮށް މާޒިޔާ ފުރަތަމަ ފަހަރަށް ފައިނަލަށް

ނިއު ބަލިކޮށް މާޒިޔާ ފުރަތަމަ ފަހަރަށް ފައިނަލަށް

19 ޖޫން 2017

އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް 3-0 އިން ބަލިކޮށް ވެޓެރަންސް ކަޕްގެ ފައިނަލުން މާޒިޔާ ފުރަތަމަ ފަހަރަށް ޖާގަ ހޯދައިފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް 3-0 އިން ބަލިކޮށް ވެޓެރަންސް ކަޕްގެ ފައިނަލުން މާޒިޔާ ފުރަތަމަ ފަހަރަށް ޖާގަ ހޯދައިފި އެވެ.

މާޒިޔާ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދިއިރު، އެ ޓީމު މި މުބާރާތުގައި މިހާތަނަށް ކުޅުނު ހަ މެޗުގެ ތެރެއިން ބަލިވީ އެންމެ މެޗަކުންނެވެ.

އެހެން އަހަރުތަކާ ހިލާފަށް މި ފަހަރު ވެޓެރަންސް ކަޕަށް މާޒިޔާ އޮތީ ވަރުގަދަ ކޮށްފަ އެވެ. ފާއިތުވި އަހަރުތަކުގައި މޮޅު ކުޅުމެއް ދެއްކި އަހުމަދު ނާޝިދު (ނާދު) އާއި އިސްމާއިލް މުހައްމަދު (އިއްސެ) މި ފަހަރު ފެންނަނީ މާޒިޔާ އިންނެވެ. އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު އަހުމަދު ނާޒު (އާކޭ) ވެސް ކުޅެނީ އެ ޓީމަށެވެ.

ޓާފް އެއް ނަންބަރު ދަނޑުގައި އިއްޔެ ކުޅުނު މެޗުގައި މާޒިޔާގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ އާފިއު މުހައްމަދު، ނާދު އަދި މުހައްމަދު ޝާޒްލީ (ޝާޒް) އެވެ.

މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު އާފިއު އަށް ލިބުނުއިރު، 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ނާދު އެވެ.

އިއްޔެގެ މެޗުން ބަލިވި ނިއު އަށް ފައިނަލަށް ދިއުމުގެ ފުރުސަތު އަދި ނުގެއްލެ އެވެ. އެ ޓީމު ތިން ވަނަ ސެމީ ފައިނަލުގައި ނުކުންނާނީ މިއަދު ދެ ވަނަ ސެމީ ފައިނަލުގައި ވެލެންސިއާ އާއި ދިވެހި ސިފައިންގެ ކްލަބް ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ރޯދަ މަހު ބާއްވާ ވެޓެރަންސް ކަޕުގައި ކުޅެނީ 35 އަހަރުން މަތީގެ ކުޅުންތެރިންނެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ހަތަރު ފަހަރު ކާމިޔާބުކުރި ވެލެންސިއާ އެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ވެލެންސިއާ ބަލިކޮށް ތަށި އުފުލާލީ ނިއު އިންނެވެ. އެއީ ނިއު އިން މި މުބާރާތް ކާމިޔާބުކުރި ދެ ވަނަ ފަހަރެވެ.

ސިފައިންނާއި ވެލެންސިއާ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 16:15 ގަ އެވެ.