Roadha Mihaaru
ވެޓްރަންސް ކަޕް: މާޒިޔާ އަށް މުހިއްމު މޮޅެއް

ވެޓްރަންސް ކަޕް: ނިއު އަތުން މާޒިޔާ އަށް މުހިއްމު މޮޅެއް

02 ޖޫން 2018

ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި މިއަދު ކުޅުނު މެޗުން ނިއު ރޭޑިއަންޓް އަތުން 1-0 އިން މާޒިޔާ މޮޅުވެއްޖެ އެވެ.

ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި މިއަދު ކުޅުނު މެޗުން ނިއު ރޭޑިއަންޓް އަތުން 1-0 އިން މާޒިޔާ މޮޅުވެއްޖެ އެވެ.

މި މެޗަކީ އިއްޔެ ކުޅެން ކުރިން ހަމަޖެހިފައި އޮތް މެޗެއް ނަމަވެސް މެޗުގެ ރެފްރީން ނައުމުގެ ސަބަބުން މިއަދު ހަވީރަށް މެޗު ލަސްކުރީ އެވެ.

ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ކާމިޔާބުކުރީ ކުރީގެ އެއް ނަމްބަރު މިޑްފީލްޑަރު އަހުމަދު ނާޒު (އާކޭ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް އާކޭ ހޮވުނުއިރު، 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުރިން މި މުބާރާތުގައި ވެލެންސިއާ އަށް ކުޅުނު މުހައްމަދު ނާޒިމް (ފަންތޮށި) އެވެ.

މިއީ މި މުބާރާތް އެންމެ ފަހުން ދެ ފަހަރު ކާމިޔާބުކުރި ނިއު މި ފަހަރު ބަލިވި ފުރަތަމަ މެޗެވެ. ގްރޫޕް ސްޓޭޖުގައި އެ ޓީމުން ސިފައިންނާ އެއްވަރުވިއިރު، ވިކްޓަރީ އަތުން ވަނީ ބޮޑު މޮޅެއް ހޯދައިފަ އެވެ. މާޒިޔާ މިހާތަނަށް މި ފަހަރުގެ މުބާރާތުގައި ބަލިވީ ވެލެންސިއާ އަތުންނެވެ.

ދެ ވަނަ ބުރުގައި ފަސް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅޭއިރު، އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމަށް ސީދާ ފައިނަލުގެ ޖާގަ ލިބޭނެ އެވެ. ފައިނަލުގެ އަނެއް ޖާގަ ލިބޭނީ ދެ ވަނަ އާއި ތިން ވަނަ އަށްދާ ދެ ޓީމުގެ މެދުގައި ކުޅެވޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

ކުރީގެ ތަރިންނަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ރޯދަ މަހު ބާއްވަމުން އަންނަ މި މުބާރާތުގެ ވާދަވެރިކަން އަންނަނީ އަހަރަކަށް ވުރެ އަހަރެއް ބޮޑުވަމުންނެވެ. މި މުބާރާތް އެންމެ ފުރަތަމަ ބޭއްވީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންނެވެ. އޭގެ ފަހުން ސޮކަ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވިއިރު، މި މުބާރާތް ފާއިތުވި އަހަރުތަކުގައި ބާއްވާފައިވަނީ މޯލްޑިވްސް ސޮކަ މޭޓްސް އިންނެވެ.

މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ވެލެންސިއާ ނުކުންނާނީ ޕްލޭއޮފްގައި ވިކްޓަރީގެ މައްޗަށް ކުރިހޯދި ޕޮލިސް ކްލަބާ ދެކޮޅަށެވެ. ވެލެންސިއާ ވަނީ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި ސިފައިން އަތުން މޮޅުވެފަ އެވެ. މާދަމާ ހަވީރު ކުޅޭ މެޗުން މޮޅުވެއްޖެނަމަ ވެލެންސިއާ އަށް ފައިނަލުގެ ފުރުސަތު ބޮޑުވާނެ އެވެ. ވެލެންސިއާ އަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ.