Roadha Mihaaru
އަދީބު ފިއްލަވާކަށް ނޫޅުއްވާ: ވަކީލުން

އަދީބު ފިއްލަވާކަށް ނޫޅުއްވާ، އެކަހަލަ ވިސްނުންފުޅެއް ވެސް ނެތް: ވަކީލުން

20 ޖޫން 2017

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވިޔަސް ފިއްލެވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާކަމަށް އެމަނިކުފާނުގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވިޔަސް ފިއްލެވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާކަމަށް އެމަނިކުފާނުގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ އަދީބުގެ ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވައިފިނަމަ ފިއްލެވުމުގެ ފުރުސަތު އެބައޮތް ކަމަށް ސަރުކާރުން މިއަދު ވަނީ ބުނެފަ އެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވީ އަދީބު ފިއްލަވައިފިނަމަ ދައުލަތަށް ލިބޭ ގެއްލުން މާ ބޮޑުވާނެ ކަމަށެވެ.

ތިން ކުށެއް ސާބިތުވެ 33 އަހަރަށް ޖަލަށް ލާފައިވާ އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދި، ކިޑްނީގައި ހިލަ އުފެދުމާއި ލޮލަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލޮކޮމާ" އަދީބަށް ޖެހިފައިވާ ކަމަށް އާއިލާއިން ބުނެ އެވެ. އެ މަނިކުފާނުގެ ހާލު ސީރިއަސް ވެފައިވާ މިންވަރަށް ބަލާއިރު، ފުރާނަފުޅަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ސިއްހީ ފަރުވާއިން މަހުރޫމް ނުކުރަން އާއިލާ އާއި ވަކީލުން ގެންދަވަނީ މުއައްސަސާތަކުގައި އެދެމުންނެވެ.

އަދީބުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މޫސާ ސިރާޖު ވިދާޅުވީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އަދީބު ރާއްޖެ ވަޑައިގެންނެވީ ވެސް ތުހުމަތުތަކެއް ކުރަނިކޮށް ކަމަށެވެ. ނަމަވެސް ފިއްލެވުމުގެ ބަދަލުގައި އަދީބު ބޭނުންފުޅުވެވަޑައިގަތީ ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގެންނެވުމަށް ކަމަށް ސިރާޖު ވިދާޅުވި އެވެ.

"ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންނެވީ ވެސް ހައްޔަރުކުރެއްވުމުގެ ފުރުސަތު އޮތްކަން ގަބޫލުކުރައްވައި. ފިއްލެވުމުގެ ފުރުސަތު ވެސް އޮތް،" ސިރާޖު ވިދާޅުވި އެވެ.

ސިރާޖު ވިދާޅުވީ ބޭސްފަރުވާއަށް ސަރުކާރުން ވަރަށް އިތުބާރުކުރާ ގައުމަކަށް ނަމަވެސް ދިއުމުގެ ހުއްދަ ދެވޭނެ ކަމަށެވެ. އަދި މީހަކު ކަމެއް ކޮށްފާނެ ކަމަށް ލަފާކޮށް އަސާސީ ހައްގެއް މަހުރޫމްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އަދީބުގެ ވަކީލުން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަދީބުގެ ސިއްހީ ހާލަތު ސީރިއަސްކަން ސަރުކާރުން ވެސް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ ނުދޭން އުޅޭ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

އެޓާނީ ޖެނެރަލް އަނިލް ވިދާޅުވީ އަދީބުގެ ބޭސްފަރުވާއަށް ދައުލަތުން ހުރަސް ނާޅާނެ ކަމަށެވެ. އެކަމަކު އަދީބާ މެދު ޝަރީއަތް ކުރެވި ކުށް ސާބިތުވެފައި ހުރި ކަންކަމާއި އެ މަނިކުފާނަށް ތުހުމަތު ކުރެވި މިހާރު ޝަރީއަތް ހިނގަމުންދާ މައްސަލަތަކަށް ބަލާއިރު، ރާއްޖެއިން ބޭރަށް އެ މަނިކުފާނު ފޮނުވެން ނެތް ކަމަށެވެ.

އަދީބު ސިއްހީ ފަރުވާ އިން މަހްރޫމް ކޮށްފައިވާ މައްސަލަ އދ. އަށް ވެސް މިހާރު ވަނީ ހުށަހަޅައިފަ އެވެ. އަދި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އަންނަނީ އެ މައްސަލަ ބަލަމުންނެވެ. އަދި އެމަނިކުފާނު ބޭސްފަރުވާ އިން މަހްރޫމް ކުރުމަކީ ރާއްޖޭގެ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ހިލާފުވުން ކަން ފާހަގަ ކުރައްވައި ބޭސްފަރުވާ ކުރުމުގެ ފުރުސަތު އަދީބަށް ދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ގޮވާލައިފަ އެވެ.