Roadha Mihaaru
އަދީބަށް ވަކީލުންނާ ބައްދަލު ނުކުރެވޭތާ މަހެއް ވެއްޖެ

އަދީބަށް ވަކީލުންނާ ބައްދަލު ނުކުރެވޭތާ މަހެއް ވެއްޖެ

04 ޖޫން 2018

އެކި ކުށްތަކުގައި 33 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އޭނާގެ ވަކީލުންގެ ޓީމާ ބައްދަލު ނުކުރެވޭތާ މަހެއްހާ ދުވަސް ވެ، އެކަމާ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އެކި ކުށްތަކުގައި 33 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އޭނާގެ ވަކީލުންގެ ޓީމާ ބައްދަލު ނުކުރެވޭތާ މަހެއްހާ ދުވަސް ވެ، އެކަމާ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވަކީލު މޫސާ ސިރާޖު މިއަދު ވިދާޅުވީ މިހާރު ދޫނިދޫ ޖަލުގައި ހުންނެވި އަދީބާ ބައްދަލު ކުރުމަށް ވަކީލުންގެ ޓީމުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ކޮންމެވެސް ސަބަބަކާ ގުޅުވައިގެން އެ ބައްދަލުވުންތައް ފުލުހުން ކެންސަލް ކުރާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުލުހުން ފުރަތަމަ ބުނަމުން އައީ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި "ފިނިފެންމާ" ލޯންޗު ގޮއްވާލި ހާދިސާގެ ގަޒިއްޔާއާ ބެހޭ ގޮތުން އަދީބާ ބައްދަލު ނުކުރެވޭނެ ކަމަށެވެ. އޭގެ ސަބަބަކީ، ސިރާޖު ވިދާޅުވި ގޮތުގައި، އެ މައްސަލާގައި ހުކުމްކޮށްފައިވުމެވެ.

އެކަމަކު އޭނާ ވިދާޅުވީ ކްރިމިނަލް ކޯޓުން ކުރި ހުކުމް، ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާތީ އެ ގަޒިއްޔާގެ ދަށުން އަދީބާ ބައްދަލުކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން ދެންނެވިން އަދީބުގެ މައްޗަށް ކުރާ އެހެން ދައުވާއެއްގެ ގަޒިއްޔާ ނަމްބަރުގައި ވިޔަސް ބައްދަލު ކުރަން. އޭނާގެ އެހެން ގިނަ މައްސަލަތަކެއް ވެސް އެބަ ހުރިތާ،" ސިރާޖު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަދީބާ ބައްދަލުކުރުމަށް ފުލުހުން ދެކޮޅުހެދި އަނެއް ސަބަބަކީ ވަކީލުންގެ ލިސްޓުގައި، އަދީބު ވިދާޅު ނުވާ ވަކީލެއްގެ ނަން އޮތުމެވެ. ފުލުހުންނަށް އަދީބު ދެއްވި ވަކީލުންގެ ލިސްޓުގައި އެ ނަން ނެތް ކަމަށް ބުނި ނަމަވެސް، އެއީ އެންމެ ކުރިއްސުރެ އަދީބާ އެކު މަސައްކަތް ކުރެއްވި ވަކީލެއް ކަމަށް ސިރާޖު ވިދާޅުވި އެވެ.

"މިކަމުގައި ވެސް ފުލުހުން ފަހުން ބުނީ ލިސްޓުގައި އެ ވަކީލުގެ ނަން އޮތް ކަމަށް. އަދި އެއީ ފުލުހުންނަށް ހެދިފައި އޮތް ގޯހެއް ކަމަށް،" ސިރާޖު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަދީބާ ބައްދަލުކުރުމަށް ހުށަހަޅާ ފޯމާ އެކު، ކޯޓުގައި މައްސަލަ ރަޖިސްޓްރީކޮށްފައި އޮތް ކަމުގެ ލިޔުމާއި ވަކީލެއް ކަމުގައި އައްޔަންކޮށްފައިވާކަމުގެ ލިޔުން ކޯޓުން ހޯދަން ޖެހޭނެ ކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ. އެކަމަކު މިއީ ކޯޓުން ދޭ ލިޔުންތަކެއް ނޫން ކަމަށާއި އެފަދަ ލިޔުމެއް ހުށަހަޅަން އެހެން ބަޔަކަށް ނާންގާ ކަމަށް ވެސް ސިރާޖު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ރިޔާސީ އިންތިހާބުގެ ކުރިން، އަދީބާ ބައްދަލުކުރުމުގެ ފުރުސަތެއް ނުލިބޭނެ. އެއީ ރައީސް ދެކެވަޑައިގަންނަވާ ގޮތުގައި އަދީބަކީ އެމަނިކުފާނަށް ހުރި ތްރެޓެއް. އެކަމަކު އަޅުގަނޑުމެން އަދިވެސް މަސައްކަތް ކުރަމުން މިދަނީ،" ސިރާޖު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާއިލާއާ ބައްދަލުކުރަން، އަދީބަށް ދީފައިވާ ފުރުސަތު ވެސް މިހާރު ހަނިކޮށްފައިވާ ކަމަށެވެ.

އަދީބުގެ ސިއްހީ ހާލަތު ގޯސްވެފައިވާ ކަމަށް އާއިލާއިން ބުނެފައިވާއިރު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. އެކަމަކު ސަރުކާރުން އެ ހުއްދައެއް ނުދެ އެވެ. އަދީބުގެ ސިއްހީ މައްސަލަތަކުގެ ތެރޭގައި ގްލުކޮމާ ޖެހުމާއި އެތެރެހަށީގައި ސިސްޓެއް އުފެދިފައިވުން ހިމެނެ އެވެ.