މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވައިފި ނަމަ ފިއްލެވުމުގެ ފުރުސަތު ބޮޑު ކަމަށާއި އޭރުން ދައުލަތަށް ލިބޭނެ ގެއްލުން މާ ބޮޑުވާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
20 ޖޫން 2017
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވައިފި ނަމަ ފިއްލެވުމުގެ ފުރުސަތު ބޮޑު ކަމަށާއި އޭރުން ދައުލަތަށް ލިބޭނެ ގެއްލުން މާ ބޮޑުވާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ތިން ކުށެއް ސާބިތުވެ 33 އަހަރަށް ޖަލަށް ލާފައިވާ އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދި، ކިޑްނީގައި ހިލަ އުފެދުމާއި ލޮލަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލުކޮމާ" އަދީބަށް ޖެހިފައިވާ ކަމަށް އާއިލާ އިން ބުނެ އެވެ. އެ މަނިކުފާނުގެ ހާލު ސީރިއަސް ވެފައިވާ މިންވަރަށް ބަލާއިރު، ފުރާނަފުޅަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ސިއްހީ ފަރުވާ އިން މަހްރޫމް ނުކުރަން އާއިލާ އާއި ވަކީލުން ގެންދަނީ މުއައްސަސާތަކުގައި އެދެމުންނެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ އަދީބުގެ ބޭސްފަރުވާ އަށް ދައުލަތުން ހުރަސް ނާޅާނެ ކަމަށެވެ. އެކަމަކު އަދީބާ މެދު ޝަރީއަތް ކުރެވި ކުށް ސާބިތުވެފައި ހުރި ކަންކަމާއި އެ މަނިކުފާނަށް ތުހުމަތު ކުރެވި މިހާރު ޝަރީއަތް ހިނގަމުންދާ މައްސަލަތަކަށް ބަލާއިރު، ރާއްޖެ އިން ބޭރަށް އެ މަނިކުފާނު ފޮނުވެން ނެތް ކަމަށެވެ.
ތަފްސީލް ދެއްވަމުން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަވަހާރަ ކޮށްލަން ލޯންޗުކޮޅުގައި އެއްޗެއް ގޮއްވަން ރާއްވަވައި އެކަން ކުރެއްވި ކަން އަދީބުގެ މައްޗަށް ސާބިތުވެފައިވާ ކަމަށެވެ. އެއާ އެކު ދައުލަތުގެ ވަރަށް ގިނަ އަދަދެއްގެ ފައިސާ އަށް ޚިޔާނާތްތެރިވެވަޑައިގެންފައިވާ ކަން ވެސް އެ މަނިކުފާނުގެ މައްޗަށް ސާބިތުވެފައިވާ ކަން އަނިލް ފާހަގަ ކުރެއްވި އެވެ.
ބަންޑާރަ ނައިބު އަނިލް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ
އެމްއެމްޕީއާރުސީގެ ހިޔާނާތުން ދައުލަތަށް ގެއްލުނު ފައިސާގެ ތެރެއިން ވެސް ބޮޑު ބައެއް ރާއްޖެ އިން ބޭރުގައި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށް އަނިލް ވިދާޅުވި އެވެ.
"މިހެން ހުރި ހުރިހާ ކަމަކަށް ބަލާއިރު، އަދީބު ރާއްޖޭން ބޭރަށް ދާން ފުރުސަތު ދީފިއްޔާ، އޭނާ ފިލުމުގެ ފުރުސަތު ވަރަށް ބޮޑު. އެހެންވީމަ ސަރުކާރަށް ވަރަށް އުނދަގޫވާނެ އަދި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ވެސ އުނދަގޫވާނެ އެފަދަ ހާލަތެއްގައި މީހަކު ސީދާ ފިލަން ފުރުސަތު ދިނުން،" އަނިލް ވިދާޅުވި އެވެ.
އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ފުރުސަތު ދިނުމަކީ، އަނިލް ވިދާޅުވި ގޮތުގައި، އެ މަނިކުފާނު ފިއްލަވަން ދެވޭ ވަރަށް ބޮޑު ފުރުސަތެކެވެ.
އަނިލް ވިދާޅުވީ އަދީބު ފިއްލަވަން ފުރުސަތު ދިނުމަކީ ދައުލަތަށް ގެއްލިފައިވާ ފައިސާ ދިވެހި ރައްޔިތުންނަށް ނުލިބިދާނެ ކަމެއް ކަމަށެވެ.
"މި ވާހަކަ މިހެން ދެންނެވުމާ އެކު ވެސް ދަންނަވާލަން އަދީބަށް ވެސް ގާނޫނުގައިވާ ގޮތުގެ މަތިން ފަރުވާ ލިބެން ޖެހޭނެ. ރާއްޖެ އިން ލިބެން ޖެހޭ ހުރިހާ ފަރުވާއެއް ލިބެންވާނެ. ރާއްޖެ އިން ބޭރުން، އޭނާ އަށް ހަމަ އެފޯޑު ކުރެވޭނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ގެންނަން ޖެހޭ މާހިރުންނާއި ތަކެއްޗާ ގެނެސްގެން ވެސް ފަރުވާ ލިބެންވާނެ،" އަނިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބޭރުން ޑޮކްޓަރުން ގެނެސްގެން ވެސް އަދީބަށް ފަރުވާ ނުދީފި ނަމަ އެކަން ބަލާނެ މުއައްސަސާތައް ވެސް ރާއްޖޭގައި އެބަހުއްޓެވެ.
ޓޫރިޒަމް މިނިސްޓަރު ޒަމީރު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ
ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވެސް ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލަ އިން ދައުލަތަށް ގެއްލުނު އެތައް ބިލިއަން ރުފިޔާއެއްގެ ފައިސާއާ އަދީބާ ގުޅުން އޮތް އިރު، އެ މަނިކުފާނު ފުރުވާލުން އެއީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދީބު ބޭނުންފުޅުވާ ފަދަ ޑޮކްޓަރުން ގެންނަވައިގެން ފަރުވާ ހޯއްދެވުމުގެ ފުރުސަތު ފަހިވެފައި އޮތް ކަަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން، ރާއްޖޭގެ ސިއްހީ ދާއިރާ ވެސް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިފައިވާތީ، ވަރަށް ގިނަ ފަރުވާތައް ރާއްޖެ އިން ވެސް ލިބެމުން އަންނަ ކަމަށް ޒަމީރު ވިދާޅުވި އެވެ.
ކޯޓަށް ހާޒިރުވެވަޑައިގަތުމަށް ފަހު އަދީބު އަނބުރާ ދޫނިދު އަށް ގެންދަނީ.---މިހާރު ފައިލް ފޮޓޯ
އަދީބު ސިއްހީ ފަރުވާ އިން މަހްރޫމް ކުރުމަކީ ރާއްޖޭގެ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ހިލާފުވުން ކަން ފާހަގަ ކުރައްވައި ބޭސްފަރުވާ ކުރުމުގެ ފުރުސަތު އަދީބަށް ދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ގޮވާލައިފަ އެވެ.
މީގެ އިތުރުން ވެސް ބޭރުގެ އެކި ޖަމިއްޔާތަކުން އަދީބު ބޭރަށް ފޮނުވަން ސަރުކާރަށް ބާރު އަޅާކަން ފާހަގަކުރައްވަމުން އަނިލް ވިދާޅުވީ އެ ފަރާތްތަކަށް ސަރުކާރުން ސުވާލެއް ކުރަމުން އަންނަ ކަމަށެވެ.
"ކޮން ގައުމެއްގައިތޯ، ދައުލަތުގެ އެންމެ އިސް ވެރިޔާ މަރާލަން އުޅުނު މީހެއް ފިލަން ފުރުސަތު ދޭނީ؟ ކޮން ގައުމެއްގައިތޯ އެތައް މިލިއަން ޑޮލަރެއްގެ ފައިސާ އަށް ޚިޔާނާތްތެރިވެފައިވާ މީހަކު އެ ފައިސާއާ އެކީގައި ފިލަން ފުރުސަތު ދޭނީ؟،" އަނިލް ވިދާޅުވި އެވެ.
އަދީބު ސިއްހީ ފަރުވާ އިން މަހްރޫމް ކޮށްފައިވާ މައްސަލަ އދ. އަށް ވެސް މިހާރު ވަނީ ހުށަހަޅައިފަ އެވެ. އަދި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އަންނަނީ އެ މައްސަލަ ބަލަމުންނެވެ.
އަނިލްގެ ރިޝްވަތުގެ މައްސަލައެއް އޭސީސީއަށް
10 ރަށެއް ދިނުމުން އަދީބާ ދެކޮޅަށް ދައުވާކޮށްފި
"އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލެއް ނޫން"
އަދީބު ފިއްލަވާކަށް ނޫޅުއްވާ: ވަކީލުން
އެސްއޯއެފަށް ދައުވާ ނުކުރާނެ ކަމާއި ސަބަބު ބުނެފި
ވެރިން މުޖުރިމެއްގެ އަތްދަށުވުމުން ހައިރާންވޭ: ޖަމީލު
އަދީބު މިހާރު ހުންނެވީ އަމީން އެވެނިއުގެ ފްލެޓެއްގައި
ނިހާނާއި އަދީބު ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށްފި
އަދީބުގެ އެރުމާއި ވެއްޓުން، ކޮން އިބުރަތެއް؟
އަދީބުގެ ހުކުމާއެކު އިމްރާން ދެއްކެވީ މޭޑޭގެ ވާހަކަ!