Roadha Mihaaru
އީދު ނަމާދުގެ ބޮޑު ޖަމާއަތް މާފަންނު ސްޓޭޑިއަމްގައި

އީދު ނަމާދުގެ ބޮޑު ޖަމާއަތް މި ފަހަރު މާފަންނު ސްޓޭޑިއަމްގައި

20 ޖޫން 2017

މި އަހަރުގެ ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތް މި ފަހަރު މާފަންނު ސްޓޭޑިއަމްގައި ބާއްވާ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި އަހަރުގެ ފިތުރު އީދު ނަމާދުގެ ބޮޑު ޖަމާއަތް މި ފަހަރު މާފަންނު ސްޓޭޑިއަމްގައި ބާއްވާ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މާލޭގެ މާފަންނު ސްޓޭޑިއަމްގެ އިތުރުން ހުޅުމާލޭގެ ސެންޓްރަލް ޕާކާއި ވިލިމާލޭގެ ބޯޅަދަނޑުގައި ވެސް އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނެ ކަމަށެވެ.

މީގެ ހައެއްކަ އަހަރު ކުރިން ފެށިގެން މާލޭގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަމުން އައީ މާފަންނު ސްޓޭޑިއަމްގަ އެވެ. އެ ތަނުގައި 30،000 އަށް ވުރެ ގިނަ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ އެވެ. ނަމަވެސް އިސްލާމީ މަރުކަޒުގެ ވަށައިގެންވާ ސަރަހައްދުގައި މާބުލް ޖަހައި ނަމާދު ކުރެވޭ ގޮތަށް އެތަން ޒީނަތްތެރިކޮށް، މިދިޔަ އަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކޮށްފައި ވަނީ އިސްލާމީ މަރުކަޒުގަ އެވެ.

އެ ސަރަހައްދުގައި މާބުލްޖަހައި ނިމުމުން 20،000 އަށް ވުރެ ގިނަ މީހުންނަށް އެއް ފަހަރާ ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އެކަމަކު މިދިޔަ އަހަރު އެތަން ބޭނުންކުރަން ފެށިތާ މަހެއް ނުވަނީސް މާބުލްތަކުގައި ވަނީ ރެނދުލައިފަ އެވެ.

މާފަންނު ސްޓޭޑިއަމްގެ އިތުރުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ 21 މިސްކިތެއްގައި ފިތުރު އީދު ނަމާދު ކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.