އެސްޓީއޯ މާލޭ ލީގުގައި މިރޭގެ މެޗަށް ނުކުންނައިރު ޓީސީ ސްޕޯޓްސް ކްލަބް އޮތީ ރަނގަޅު ފޯމެއްގައި ކަމަށާއި އެހެން ނަމަވެސް އެ ޓީމާ ދެކޮޅަށް ނުކުންނަ ނިއު ރޭޑިއަންޓް އޮތީ ޕްރެޝަރުގައި ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
23 ޖޫން 2017
އެސްޓީއޯ މާލޭ ލީގުގައި މިރޭގެ މެޗަށް ނުކުންނައިރު ޓީސީ ސްޕޯޓްސް ކްލަބް އޮތީ ރަނގަޅު ފޯމެއްގައި ކަމަށާއި އެހެން ނަމަވެސް އެ ޓީމާ ދެކޮޅަށް ނުކުންނަ ނިއު ރޭޑިއަންޓް އޮތީ ޕްރެޝަރުގައި ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ނިއު މި ވަގުތު ލީގުގެ ދެ ވަނައިގައި އޮތީ ނުވަ މެޗުން 18 ޕޮއިންޓާ އެކު އެވެ. މިރޭ ނިއު ޓީސީ އަތުން މޮޅުނުވެވި މާދަމާރޭ ގްރީން ސްޓްރީޓްސް އިން ވެލެންސިއާގެ މައްޗަށް ކުރިހޯދައިފިނަމަ ނިއު އަަށް ލީގުގެ ދެ ވަނަ ގެއްލޭނެ އެވެ.
ރޭ މާޒިޔާ އަތުން އީގަލްސް މޮޅުވުމުން އެ ޓީމު ވަނީ ލީގުގެ ހަތަރު ވަަނަ އަށް ޖެހިލައިފަ އެވެ. އީގަލްސް އަށް ނުވަ މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި ޓީސީ އޮތީ ނުވަ މެޗުން 14 ޕޮއިންޓާ އެކު އެވެ. ހަ ވަނައިގައި އޮތް ވިކްޓަރީ އަށް ވެސް ވަނީ ނުވަ މެޗުން 14 ޕޮއިންޓް ލިބިފަ އެވެ.
މިރޭގެ މެޗުގެ ކުރިން ނިޒާމްބެ ބުނީ ދެ ޓީމު އަޅާކިޔާރު ޕްރެޝަރު ބޮޑީ ނިއު އަށް ކަމަށެވެ.
"ޕްރެޝަރަކަށް ވުރެ ބޮޑަށް މިއީ ޗެލެންޖެއް. ނިއު ރޭޑިއަންޓަކީ ރާއްޖޭގެ ނިސްބަތުން ބޮޑު ކްލަބެއް ހަގީގަތުގައި. ޓީސީ އަށް ވުރެ ބޮޑަށް ޕްރެޝަރުގައި އޮތީ މިހާލަތަށް ބަލާއިރު ނިއު. އެއީ އެ ޓީމު ސީޒަނަށް ތައްޔާރުވާން ކުރި ހަރަދާ ނަތީޖާތަކަށް ބަލާއިރު މި މެޗުން ޓީސީ އަތުން ބަލިވެއްޖެނަމަ ތިން ވަނަ އަށް ވެއްޓުމުގެ ފުރުސަތު ވެސް އެބައޮތް،" ނިޒާމްބެ ބުންޏެވެ.
މީގެ ކުރިން ވެސް ނިޒާމްބެ އެންމެ ބޮޑަށް ފާހަގަކުރި އެއް ކަމަަކީ ސީޒަން ސަލާމަތްކުރުމަށް އެންމެ މުހިއްމު ކަމަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން ކަމަށެވެ. އަދި ޓީސީގެ އަމާޒަކީ ވެސް އެ ހިސާބުގައި ހިފަހައްޓާލައިގެން އޮތުން ކަމަށާއި ކުޅުންތެރިންނަށް ވިސްނައިދެނީ ވެސް އެއްވެސް މެޗެއް ފަސޭހަ ނުކޮށްލުމަށް ކަމަށް ނިޒާމްބެ އަބަދުވެސް އަންނަނީ ބުނަމުންނެވެ.
ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ޓީސީގެ ނާފިއު (ކ) ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ޕޮއިންޓު ޓޭބަލް އޮތްގޮތުން ކޮންމެ މެޗަކީ ވެސް ވަރަށް މުހިއްމު މެޗެއް. ދެން މިއޮތީ ފަސް މެޗެއް. މީގެން އެއްވެސް މެޗެއް ދޫކޮށްލައިފިނަމަ ކުރިއަށްދާން އުނދަގޫވާނެ. ހުރިހާ ގޮތަކުން ބެލިޔަސް މިއީ ވަރަށް މުހިއްމު ތިން ޕޮއިންޓު،" ނިޒާމްބެ ބުންޏެވެ.
ލީގުގައި މި ފަހަރު މާޒިޔާ ނޫން ކޮންމެ ޓީމެއް މެޗެއް މި ކުޅެނީ މަހެއްހާ ދުވަސް ފަހުންނެވެ. ނިޒާމްބެ ބުނީ ލިބުނު ބްރޭކުގެ ބޭނުން ޓީސީން ރަނގަޅަށް ހިފި ކަމަށެވެ.
"ޓީސީ ފޯމަކަށް އެޅެނިކޮށް މި ބްރޭކް އައީ. ކުރިން ރޭވުނު ގޮތަށް ބްރޭކްގެ ބޭނުން ވަރަށް ރަނގަޅަށް ހިފުނު ހަގީގަތުގައި. ޓީމުގެ ޒުވާން ކުޅުންތެރިންނަށް ވަރަށް ބޮޑު ކުރިއެރުމެއް އައިސްފި. މިހާރު ޓީމުގެ ހާލަތު އޮތީ ސީޒަން ފެށުނުއިރެކޭ އެއްގޮތަށް ވަރަށް ރަނގަޅަށް. މިއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް،" ނިޒާމްބެ ބުންޏެވެ.
ލީގުގެ ފުރަތަމަ ބުރުގައި ނިއު އަތުން ޓީސީ ބަލިވީ 2-1 އިންނެވެ. މިއީ ފުރަތަމަ ޑިވިޝަނުގައި ޓީސީ ވާދަކުރަން ފެށި ފަހުން ޓީސީ އަތުން ނިއު އަށް ލިބުނު ފުރަތަމަ މޮޅެވެ. ނިޒާމްބެ ބުނީ ފުރަތަމަ ބުރުގެ މެޗު ކުޅުނު ހާލަތާ މި ފަހަރު މެޗު ކުޅޭ ހާލަތު މުޅިން ތަފާތު ކަމަށެވެ.
"ޓީސީ ބޭރު މުބާރާތެއް ކާމިޔާބު ކޮށް ރަނގަޅު ފޯމެއްގައި އޮއްވައި ބްރޭކެއް އައިސްގެން ޓީމު ހާލަތު ގޯސްވި ވަގުތު ނިއުއާ ކުޅެން ޖެހުނީ. އެކަމަކު އެ މެޗުގައި ވެސް ކުޅުމަށް ބަލާއިރު 90 އިންސައްތަ ޓީސީން ޑޮމިނޭޓްކުރީ. އެއީ މި މެޗަށް ނުކުންނައިރު ޓީސީ އަށް ކޮންފިޑެންސެއް. މި މެޗުގައި ފެންނާނީ އެ މެޗާ އަޅާކިޔާއިރު ވަރަށް ތަފާތު ސްޓައިލެއްގެ ކުޅުމެއް،" ނިޒާމްބެ ބުންޏެވެ.
ގައުމީ ޓީމުގެ ސިލެކްޝަން ތެރެއިން ޓީސީގެ ޑިފެންޑަރު މުހައްމަދު އައްޒާމް އަނިޔާގެ ސަބަބުން ބާކީ ކުރި ނަމަވެސް އޭނާ މިހާރު ހުރީ ފިޓްކޮށް މެޗަށް ތައްޔާރަށް ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.
ނިއު އާއި ޓީސީ ކުޅޭ މެޗު ފަށާނީ މިރޭ 10 ޖަހާއިރު އެވެ.
ގަދަ ހަތަރެއްގެ ވާދަވެރިކަން އިންތިހާގައި
ނިއު އިން ފަހު ވަގުތު ޓީސީ ބަލިކޮށްފި
މާޔޫސްކަމުން އަރައިގަންނަން ބޭނުންވަނީ މޮޅެއް: ޓަވަރޭޒް
ބޮޑު މެދުކެނޑުމުގެ ފައިދާ ނެގޭކަށް ނެތް
ޓީސީ ބަލިކޮށް ނިއު އެއް ވަނަ އަށް އަރައިފި
މިހާރު އެ އޮތީ އަސްލު ނިއު ރޭޑިއަންޓް: ނިޒާމްބެ
ދަގަނޑޭގެ ދެ ގޯލުން ނިއު އިން ޓީސީ ބަލިކޮށްފި
ޓީސީ އަށް ޗެލެންޖެއް، ނިއު ކެތްމަދުވެފައި
ކޯޗުންނަށް ޗެލެންޖް ބޮޑު ސީޒަނެއް
ނިއު އެނބުރި އަންނާނީ ވަރުގަދަކޮށް: އޮސްކާ