Roadha Mihaaru
އަލިފުށި ކަނު އަނދިރީގައި، ރައްޔިތުން ރުޅިގަދަވެއްޖެ!

އަލިފުށި ކަނު އަނދިރީގައި، ރައްޔިތުން ރުޅިގަދަވެއްޖެ!

27 ޖޫން 2017

ރ. އަލިފުށިން ކަރަންޓް ކެނޑޭތީ ހިތްހަމަނުޖެހުންފާޅުކުރަން ރައްޔިތުންގެ ބަޔަކު ރަށު ކައުންސިލް އިދާރާ ދޮށަށް މިރޭ އެއްވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރ. އަލިފުށިން ކަރަންޓް ކެނޑޭތީ ހިތްހަމަނުޖެހުންފާޅުކުރަން ރައްޔިތުންގެ ބަޔަކު ރަށު ކައުންސިލް އިދާރާ ދޮށަށް މިރޭ އެއްވެއްޖެ އެވެ.

އެ ރަށުން ވާހަކަ ދެއްކި ޒުވާނަކު ބުނިގޮތުގައި މިއަދު ހެނދުނުން ފެށިގެން އެ ރަށުގައި ކަރަންޓެއް ނެތެވެ. މިހާރު ވެސް ރައްޔިތުން ތިބީ ކަނު އަނދިރީގައި ކަމަށާއި ކަރަންޓް ނެތުމުން އަސާސީ ގިނަ ކަންކަމުން ރައްޔިތުން މަހްރޫމްވެ އެތައް ގެއްލުމެއް ލިބެމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ މިއަދު ފުރަތަމަ ކަރަންޓް ދިޔައީ މެންދުރު 11 ޖަހަން އުޅެނިކޮށް ކަމަށެވެ. އިންޖީނަށް ދިމާވި މައްސަލަ ހައްލުކޮށްގެން ހަވީރު 4:30 ހާއިރު ކަރަންޓު ދީފައި އޮއްވައި އަނެއްކާ ވެސް ކަރަންޓް ކެނޑުނީ ކަމަށް އޭނާ ބުންޏެވެ.

ކަރަންޓް ނެތިގެން އެ ރަށު ކައުންސިލް އިދާރާ ކައިރީގައި ޒުވާނުންތަކެއް ހިތްހަމަނުޖެހުންފާޅުކުރަނީ

ކަރަންޓް ނެތިގެން އެ ރަށު ކައުންސިލް އިދާރާ ކައިރީގައި ޒުވާނުންތަކެއް ހިތްހަމަނުޖެހުންފާޅުކުރަނީ

"ދެ ވަނަ ފަހަރަށް ކުޑަ ވަގުތުކޮޅަކަށް ކަރަންޓް ލިބިފައި، މިރޭ 8 ގެ ފަހުން މި ރަށުގައި ކަރަންޓެއް ނެތް. އަވަހަށް ކަރަންޓް ލިބޭނެ ކަމުގެ ޔަގީންކަމެއް ވެސް ނެތް،" އޭނާ ބުންޏެވެ.

އަލިފުށިން ކަރަންޓް ކެނޑުނީ އިންޖީނުގެ ކޮންމެވެސް ބައެއް ހަލާކުވެގެން ކަމަށް ވެ އެވެ. އެހެންވެ، އެ ރަށަށް ދެން ކަރަންޓް ލިބޭނީ ފެނަކަ އިން އިންޖީނު މަރާމާތުކުރުމުން ކަމަށް ވެސް ރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ.

ފެނަކައިގެ މެނެޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ ކަރަންޓް ކެނޑުނީ ޓެކްނިކަލް މައްސަލައަކުން ކަމަށާއި އެކަން ހައްލުކޮށް ގަޑިއެއްހާއިރުގެ ތެރޭގައި އަލުން ކަރަންޓް ދެވޭނެ ކަމަށެވެ. އަދި ކަރަންޓްގެ މައްސަލަ ހައްލު ނުވެ ލަސްވަނީ އޭނާ ވިދާޅުވި ގޮތުގައި އިންޖީނުގެ އަށް އެތާނގެ ސްޓާފުން ވަންނަން ބަޔަކު ހުރަސް އެޅުމުންނެވެ.

މައްސަލަ ހައްލުކުރުމަށް ކައުންސިލުން ވެސް އަންނަނީ ފެނަކައާ ވާހަކަ ދައްކަމުންނެވެ.