Roadha Mihaaru
18 ގަޑިއިރު ފަހުން އަލިފުއްޓަށް ކަރަންޓު ދީފި

18 ގަޑިއިރު ފަހުން އަލިފުއްޓަށް ކަރަންޓު ދީފި

28 ޖޫން 2017

ރ. އަލިފުށީގައި އަލިކަމެއް ނެތްތާ، 18 ގަޑިއިރު ފަހުން މިއަދު މެންދުރު ފަހު އެ ރަށަށް ކަރަންޓު ދީފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރ. އަލިފުށީގައި އަލިކަމެއް ނެތްތާ، 18 ގަޑިއިރު ފަހުން މިއަދު މެންދުރު ފަހު އެ ރަށަށް ކަރަންޓު ދީފި އެވެ.

އަލިފުށިން އެންމެ ފުރަތަމަ ކަރަންޓު ދިޔައީ ރޭ އިރާކޮޅެވެ. އެކަމަކު އިންޖީނަށް ދިމާވި މައްސަލަ ހައްލުކޮށް، އެ ރަށަށް އަލުން ކަރަންޓު ދެވޭވަރުވީ މިއަދު މެންދުރު 2:30 ހާއިރު އެވެ.

އަލިފުށީ ކައުންސިލްގެ ރައީސް އަބްދުﷲ ރާޒީ ވިދާޅުވީ އެ ރަށުގައި ހުންނަ 400 ކިލޯވޯޓާއި 600 ކިލޯވޯޓުގެ ޖަނަރޭޓަރު މަރާމާތުކޮށް މިއަދު ހެނދުނު 11 ޖަހާކަންހާއިރު ކަރަންޓު ދިން ނަމަވެސް އިރުކޮޅެއް ނުވެ، ކަރަންޓު ހިނގައްޖެ ކަމަށެވެ. އެކަމަކު މިހާރު އެ މައްސަލަ ހައްލުކޮށް، ހަމަ އެ ޖަނަރޭޓަރުތަކުން ކަރަންޓު ދޭން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަރަންޓު ނުލިބި ގިނައިރު ވުމުން އަލިފުށީގެ ބައެއް މީހުން ރޭ ވަނީ އިންޖީނުގެ ކައިރިއަށް އެއްވެ އިހްތިޖާޖު ވެސް ކޮށްފަ އެވެ.

އަލިފުށިން ކަރަންޓު ކެނޑޭތީ މިއަދު ހެނދުނު އެ ރަށަށް ވަނީ 200 ކިލޯވޯޓުގެ ޖަނަރޭޓަރެއް ވެސް މާލެ އިން ގެންގޮސްފަ އެވެ. އެކަމަކު އެ ޖަނަރޭޓަރު އަދި ބޭނުން ކުރާކަށް ނުފަށަ އެވެ.

"މިހާރު ކަރަންޓު ދޫކުރަމުން މިދަނީ ދެ ޖަނަރޭޓަރުން. އަލަށް ގެނައި ޖެނެރޭޓަރު އިންސްޓޯލް ކުރަމުން އަންނައިރު، އެ މަސައްކަތް ނިމުނުހާ އަވަހަށް އެއިން ވެސް ކަރަންޓު ދޭން ފަށާނެ،" ރާޒީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިދިޔަ ރޯދަމަހުން ފެށިގެން އެ ރަށުން ކަރަންޓު ކެނޑެމުން ދަނީ 600 ކިލޮވޮޓުގެ ޖަނަރޭޓަރުގެ ރޭޑިއޭޓަރު ހަލާކުވެގެންނެވެ. އެހެންވެ، އެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ރޭޑިއޭޓަރެއް ލިބުމުން ކަމަށް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ރޭޑިއޭޓަރު ލިބޭނެ. އޭރުން މި މައްސަލަ ހައްލުވާނެ،" ރާޒީ ވިދާޅުވި އެވެ.