Roadha Mihaaru
އަލިފުށީ ކަރަންޓް މައްސަލަ އަދިވެސް ހައްލެއް ނުވޭ!

އަލިފުށީ ކަރަންޓް މައްސަލައަށް އަދިވެސް ހައްލެއް ނުހޯދޭ!

29 ޖޫން 2017

ރ. އަލިފުއްޓަށް ދިމާވެފައިވާ ކަރަންޓް މައްސަލަ އަށް އަދިވެސް ހައްލެއް ނުހޯދެ އެވެ. ކަރަންޓް ނެތިގެން މިއަދު ވެސް ރައްޔިތުންނަށް ވަނީ އެތައް ތަކުލީފެއް އުފުލަން ޖެހިފަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރ. އަލިފުއްޓަށް ދިމާވެފައިވާ ކަރަންޓް މައްސަލަ އަށް އަދިވެސް ހައްލެއް ނުހޯދެ އެވެ. ކަރަންޓް ނެތިގެން މިއަދު ވެސް ރައްޔިތުންނަށް ވަނީ އެތައް ތަކުލީފެއް އުފުލަން ޖެހިފަ އެވެ.

އަލިފުށިން މިއަދު ވާހަކަ ދެއްކި އަންހެނަކު ބުނިގޮތުގައި މިދިޔަ އަންގާރަ ދުވަހު އެ ރަށަށް ދިމާވި ކަރަންޓް މައްސަލަ އަށް ވަގުތީ ހައްލެއް ހޯދައި އިއްޔެ މެންދުރެއްހާ އިރު މުޅި ރަށަށް ކަރަންޓް ދޫކުރި އެވެ. އެކަމަކު ގަޑިއެއްހާ އިރު ވިތަނާ އަނެއްކާ ވެސް ކަރަންޓް ކެނޑިފައި ރޭ ދަންވަރު ވެސް ގަޑިއެއްހާ އިރަށް ކަރަންޓް ލިބުނު ކަމަށް އޭނާ ބުންޏެވެ.

"މި ރަށަކު މިހާރަކު ވެސް ނެތް ކަރަންޓެއް. މި ޒަމާނުގައި ހުރިހާ ކަމެއް ކުރަނީ ކަރަންޓުން. ކަރަންޓް ނެތީމަ ވަރަށް ދަތި ހާލުގައި އުޅެން މި ޖެހެނީ،" އޭނާ ބުންޏެވެ.

އަލިފުއްޓަށް ދިމާވެފައިވާ ކަރަންޓް މައްސަލަ ހައްލުކުރަން ފެނަކަ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު މައްސަލަ މުޅިން ހައްލުވެ ދާއިމީކޮށް ކަރަންޓް ދެވޭނެ އިރެއް ބުނަން ދަތި ކަމަށް ފެނަކަ އިން ބުނެފައިވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ.

ކައުންސިލުން ބުނެފައިވާ ގޮތުގައި މިދިޔަ ރޯދަމަހުން ފެށިގެން އެ ރަށުން ކަރަންޓު ކެނޑެމުން ދަނީ 600 ކިލޮވޮޓުގެ ޖަނަރޭޓަރުގެ ރޭޑިއޭޓަރު ހަލާކުވެގެންނެވެ. އެހެންވެ، އެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ރޭޑިއޭޓަރެއް ލިބުމުން ކަމަށާއި ރޭޑިއޭޓަރު ލިބެން ދެ ހަފުތާވަރު ނަގާނެ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފަ އެވެ.

އަލިފުށީ ކަރަންޓް މައްސަލަ އިއްޔެ ހައްލު ނުވުމުން، މާލެ އިން 200 ކިލޯވޯޓުގެ ޖަނަރޭޓަރެެއް ވެސް ވަނީ ގެންގޮސްފަ އެވެ.

ކަރަންޓް ނެތިގެން ރުޅިގަދަވެ ރައްޔިތުންގެ ބަޔަކު ވަނީ ކައުންސިލް އިދާރާ ދޮށުގައި ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފަ އެވެ.