Roadha Mihaaru
މާމިގިލީ ބަނދަރު ބައިނަލްއަގުވާމީ ބަނދަރަކަށް!

ވިޔަފާރި ބަނދަރެއްގެ ގޮތުގައި ހިންގަން މާމިގިލީ ބަނދަރުގެ ބައެއް އެމްޕީއެލްއާ ހަވާލުކޮށްފި

28 ޖޫން 2017

އދ. މާމިގިލީގައި ހަދާފައިވާ ބަނދަރުގެ ބައެއް ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރެއްގެ ގޮތުގައި ހިންގަން ޓްރާންސްޕޯޓް އޮތޯރިޓީން އެމްޕީއެލްއާ ހަވާލުކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އދ. މާމިގިލީގައި ހަދާފައިވާ ބަނދަރުގެ ބައެއް ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރެއްގެ ގޮތުގައި ހިންގަން ޓްރާންސްޕޯޓް އޮތޯރިޓީން އެމްޕީއެލްއާ ހަވާލުކޮށްފި އެވެ.

އެ އޮތޯރިޓީގެ ޗެއާމަން މަހުދީ އިމާދު މިއަދު ވިދާޅުވީ މާމިގިލީގައި ކޮމާޝަލް ހާބަރެއް ހިންގަން އެމްޕީއެލްއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ޕްލޭންތައް ހަދައި އެ ބަނދަރު ހިންގާނީ އެމްޕީއެލްގެ ބެލުމުގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ރަށެއްގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ބަނދަރުގެ ބައެއް، ވިޔަފާރި ބަނދަރެއްގެ ގޮތުގައި ބޭނުންކުރަން ފަށަން އެމްޕީއެލް އިން އަންނަނީ ތައްޔާރުވަމުންނެވެ.

އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ހަލީމް "މިހާރު" އަށް ވިދާޅުވީ މާމިގިލީ ބަނދަރު ހިންގަން ފެށުމަށް މިހާރު އަންނަނީ އިން ވަކިކުރުމުގެ މަސައްކަތްކުރަމުން ކަމަށެވެ. އެކަން ކުރުމަށް މާމިގިލީ ކައުންސިލާއި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތައް ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ސަރަހައްދުގައި ފެންސް ޖަހާ ނިމުމާއެކު ބަނދަރުގެ ބޭނުންކުރަން ފެށޭނެ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އަންނަ ޖުލައި މަހު އެ ބަނދަރު އޮޕަރޭޓްކުރަން ފަށަން،" ހަލީމް ވިދާޅުވި އެވެ.

މާމިގިލީ އެއާޕޯޓާއެކު ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމްގެ އުފަން ރަށުގައި އެ ބަނދަރު ހެދީ އެ ކުންފުނިންނެވެ. ޖުމުލަ 1،300 މީޓަރު ދިގު މިނުގެ އެ ބަނދަރަކީ ރާއްޖެ އަށް އާއްމުކޮށް ހިލަ އާއި ހިލަވެލި އުފުލާ ސައިޒުގެ ބޯޓު ފަހަރަށް ކައިރި ކުރެވޭ ގޮތަށް ހަދާފައިވާ ބަނދަރެކެވެ.

އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވީ މާމިގިލީ ބަނދަރުން އެ ކުންފުނިން ބޭނުން ކުރާނީ 600 މީޓަރުގެ ސަރަހައްދެއް ކަމަށެވެ. އަދި އެ ބަނދަރު ހިންގާމީ "މާމިގިލި ކޮމާޝަލް ހާބަރު"ގެ ނަމުގައި ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ ރަށުގެ ރައްޔިތުންނަށް ބަނދަރުގެ ބޮޑުބައި ބޭނުންކުރަން ދޫކޮށްލަން. އެކަމަކު ބައިނަލްއަގުވާމީ މުދާ އަރުވާ ބާލާ ތަނެއްގައި ހުންނަން ޖެހޭ މިންގަނޑުތަކަށް އެތަން ބަދަލުކުރެވޭނެ. އެގޮތުން ކައުންސިލްގެ ހުއްދަ ލިބުނުހާ އަވަހަކަށް ފެންސް ޖަހަން ފަށާނަން،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ މާމިގިލީ ބަނދަރު ބޭނުންކުރާނީ ރާއްޖެ އަށް ގެންނަ ހިލަ އާއި ހިލަވެލި އަދި އެ ސަރަހައްދުގެ ރިސޯޓްތަކަށް ގެންނަ ފިނިކުރި ކާބޯތަކެތި ބާލާ ބަނދަރެއްގެ ގޮތުގައި ކަމަށެވެ.

"އެ ސަރަހައްދުގައި ވަރަށް ގިނަ ރިސޯޓްތައް ހުރުމާއެކު ގިނަ އަދަދެއްގެ ފިނިކުރި ކާބޯތަކެތި އެބަ އެތެރެކުރޭ. އެހެންވީމަ އެ ޒޯނަށް ގެންނަ ފިނިކުރި ތަކެތި ބާލާނީ އެ ބަނދަރަށް. އަދި އެއާއެކު އަޅުގަނޑުމެން އެ ރިސޯޓްތަކަށް ފްރީޒިން ކޮންޓެއިނަރު ކުއްޔަށް ދޭނަން އެތަނުން،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި މާމިގިލީ ބަނދަރު ސަރަހައްދުގައި ޔޮޓްމެރީނާ އަކާއި ބޯޓު ޔާޑެއް ހެދުމަށް ވެސް އެމްޕީއެލް އިން ވަނީ ރާވައިފަ އެވެ. އަދި ފުޅީގައި ފެން ބަންދުކުރާ ޕްލާންޓެއް ހެދުމަށް ވެސް ޕްލޭންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެތަނުގައި ބޮންޑް ފެސިލިޓީ ވެސް ގާއިމުކުރަން ނިންމާފައިވޭ. އަދި ވޭލް ޝާކް ބަލަން ގިނަ ބަޔަކު އެ ރަށަށް ދާތީ އަޅުގަނޑުމެން ޕްލޭންކޮށްފައިވޭ ޔޮޓްމެރީނާއެއް ވެސް ހަދަން. މިތަން އޮޕަރޭޓްކުރަން ފެށުމާއެކު އެތައް ބަޔަކަށް ވަޒީފާގެ ފުރުސަތުތަކެއް އުފެދިގެންދާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އެމްޕީއެލް އިން މިހާރު އަންނަނީ މާލޭގެ ކޮމާޝަލް ހާބަރުގެ އިތުރުން ސ. ހިތަދު އާއި ހދ. ކުޅުދުއްފުށީގައި ވެސް ކޮމާޝަލް ހާބަރެއް ހިންގަމުންނެވެ.