Roadha Mihaaru
ސަފީރު ސަރީރުގެ ވަދާއީ ތަގުރީރާއި ދަރިކަނބަލުން

ސަފީރު ސަރީރުގެ ވަދާއީ ތަގުރީރާއި ދަރިކަނބަލުން

03 ޖުލައި 2017

ސޫޓެއްގައި އަހުމަދު ސަރީރު ހުންނެވީ ތަގުރީރެއް ދެއްވާށެވެ. އެއީ އިންޓަކޮންޓިނެންޓަލް ނިއު ޔޯކް ބާކްލޭ ހޮޓެލްކަން ޕޯޑިއަމްގައި ހުރި ލޯގޯ އިން އެނގެ އެވެ. ކައިރީގައި ހުރި ދިވެހި ދިދަ އިން ދޭހަކޮށްދެނީ އެއީ ރަސްމީ ހަފުލާއެއް ކަމެވެ. އެކަމަކު ދިދައާ ޖެހިގެން ހުރި ގޮނޑީގައި ދެ ކަކޫ މައްޗަށް އިން އަންހެންކުއްޖެއްގެ ސަބަބުން އެ ފޮޓޯގެ މަންޒަރު ބަދަލުވެގެން އަންނަނީ މުޅިން އެހެން ގޮތަކަށެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ސޫޓެއްގައި އަހުމަދު ސަރީރު ހުންނެވީ ތަގުރީރެއް ދެއްވާށެވެ. އެއީ އިންޓަކޮންޓިނެންޓަލް ނިއު ޔޯކް ބާކްލޭ ހޮޓެލްކަން ޕޯޑިއަމްގައި ހުރި ލޯގޯ އިން އެނގެ އެވެ. ކައިރީގައި ހުރި ދިވެހި ދިދަ އިން ދޭހަކޮށްދެނީ އެއީ ރަސްމީ ހަފުލާއެއް ކަމެވެ. އެކަމަކު ދިދައާ ޖެހިގެން ހުރި ގޮނޑީގައި ދެ ކަކޫ މައްޗަށް އިން އަންހެންކުއްޖެއްގެ ސަބަބުން އެ ފޮޓޯގެ މަންޒަރު ބަދަލުވެގެން އަންނަނީ މުޅިން އެހެން ގޮތަކަށެވެ.

އެމެރިކާގައި ހުންނަވާ ރާއްޖޭގެ ސަފީރު އަދި އދ އަށް ރާއްޖެ އިން ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ސަރީރު ޓުވީޓްކުރައްވާފައިވާ މި ފޮޓޯ ސޯޝަލް މީޑިއާގައި މަގްބޫލުވެގެން އުޅޭ ސަބަބަކީ އެއީ އެވެ. ޕޯޑިއަމްގައި ދެ އަތް އަޅުވާލައިގެން، އަތުގައި މޫނު ޖައްސާލައިގެން ކެމެރާއާ ދިމާއަށް ބަލަހައްޓައިގެން އިންނެވި އޭނާގެ ދަރިކަނބަލުންނެވެ.

އާއްމު ރަސްމިއްޔާތެއްގައި ރާއްޖޭގެ އޮފިޝަލަކު، ޚާއްސަކޮށް ފިރިހެން ބޭފުޅަކު، މިހާ ނުރަސްމީ އަދި އާއިލީ ގޮތަކަށް ފެނިފައި ނުވާތީ އެތައް ބައެއްގެ ތައުރީފު ސަރީރަށް ދަނީ ބަންޑުންވަމުންނެވެ.

"(މިއީ) ގަރުނުގެ އެންމެ ފުރިހަމަ އެއް މަންޒަރު މަށަށް،" ފޭސްބުކް ކޮމެންޓެއްގައި އެކަކު ބުނެފައިވެ އެވެ.

"މިއީ ވަރަށް އަސަރުގަދަ އަދި އިހުތިރާމުން ފުރިގެންވާ ކަމެއް،" އެހެން މީހަކު ކޮމެންޓްކުރި އެވެ.

"އަޅުގަނޑުމެންގެ ދަރިންނަކީ އަގުހުރި ބައެއް. އަޅުގަނޑުމެންގެ ހުރިހާ ދަރިންނަކީ ވެސް މި ދިދައިގެ ހިޔަލުގައި ރައްކާތެރިކަމާއި ލޯބި ލިބިގެންވާ ކުދިންތަކެއް ކަމުގައި ވުމަށް އެދި ދުއާކުރަން،" ކުރީގެ ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ އެންމެ ގިނަ ދުވަސް ވީ އެއް ކެރިއާ ޑިޕްލޮމެޓް ސަރީރު މި ފޮޓޯ ޓްވީޓްކުރެއްވި އިރު ދަރިކަނބަލުންނާ ބެހޭ ގޮތުން އެއްޗެއް ވިދާޅެއް ނުވެ އެވެ. ހަމައެކަނި ލިޔުއްވާފައިވަނީ "ދިވެހިރާއްޖެ އަށް ޚިދުމަތްކޮށްދެވުނީތީ ޝުކުރުވެރިވަން އަދި ތިޔަ ހުރިހާ ބޭފުޅުންނާ އެކުގައި މަސައްކަތްކޮށް ރަހުމަތްތެރިކަން ގާއިމްކުރެވުނީތީ އުފާކުރަން؛" މިހެންނެވެ.

ސަރީރު އަރިހުގައި ދަރިކަނބަލުން އެ ގޮތަށް އެ އިންނެވީ ސީދާ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ. އެކަމަކު އެ މަންޒަރުން ސިފަވަނީ އާއިލާ އަށް ސަރީރު ދެއްވާ އިސްކަމެވެ. ބައްޕަ އާއި ދަރިފުޅުގެ ގާތްކަމެވެ.

ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސެން ޝަރީފް (މުންދު) ފޭސްބުކް ކޮމެންޓެއްގައި ވިދާޅުވެފައިވާ ގޮތުގައި ސަރީރު އެ ހުންނެވީ އެމެރިކާގައި ހުންނަވާ ސަފީރުގެ މަގާމަށް އަލްވަދާއު ވިދާޅުވުމުގެ ތަގުރީރު ދެއްވާށެވެ. ޝަރަފްވެރިކަމާ އެކު އެ ޒިންމާ ފުރިހަމަކުރެއްވުމަށް ފަހު ފޮރިން މިނިސްޓްރީގައި މަސައްކަތްކުރެއްވުމަށް ސަރީރު ވަރަށް އަވަހަށް އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް ވެސް މުންދު ލިޔުއްވާފައިވެ އެވެ.

ފަހަރުގައި ސަރީރުގެ ދަރިކަނބަލުން އެ އިންނެވީ އެ ކަހަލަ ރަސްމީ ތަނެއްގައި މަޑުން އިންނަވަން ޖެހިވަޑައިގަތުމުން ފޫހިވެފަ އެވެ. އެކަމަކު އޭނާގެ ސަބަބުން އެތައް ބައެއްގެ ހިތް އުފަލާއި ކުލުނުން ފުރިއްޖެ އެވެ.

ސަރީރުގެ ޓްވީޓް