Roadha Mihaaru
ބަހުގެ ހަމަލާދޭތީ ފިޔަވަޅު އަޅަން އިންޑިއާއިން އެދިއްޖެ

އިންޑިއާގެ ޑިޕްްލޮމެޓުންގެ ކަރާމަތަށް "ހަމަލާ ދޭތީ" ފިޔަވަޅު އަޅައިދޭން އެދިއްޖެ

30 ޖޫން 2021

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނާއި އެ ތަނުގެ އިސްވެރިންގެ ކަރާމަތަށް ރާއްޖޭގެ ބައެއް މީޑިއާތަކުންނާއި ސޯޝަލް މީޑިއާ ޕޯސްޓްތަކުން "ހަމަލާ ދޭ" ކަމަށް ބުނެ، އެކަން ހުއްޓުވަން ފިޔަވަޅު އަޅައިދޭން އެދިއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނާއި އެ ތަނުގެ އިސްވެރިންގެ ކަރާމަތަށް ރާއްޖޭގެ ބައެއް މީޑިއާތަކުންނާއި ސޯޝަލް މީޑިއާ ޕޯސްޓްތަކުން "ހަމަލާ ދޭ" ކަމަށް ބުނެ، އެކަން ހުއްޓުވަން ފިޔަވަޅު އަޅައިދޭން އެދިއްޖެ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީ އަށް އިންޑިއާގެ ހައި ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ފޮނުވާފައިވާ ސިޓީއެއްގައި ބުނެފަައިވާ ގޮތުން، ރާއްޖޭގެ ބައެއް މީޑިއާތަކުގައި ޝާއިއުކުރި ލިޔުންތަކަކާއި ސޯޝަލް މީޑިއާ ޕޯސްޓްތަކުގައި ހަ އިކޮމިޝަނާއި އެ ތަނުގެ ވެރިން އަދި ޑިޕްލޮމެޓިކް މުވައްޒަފުންގެ ކަރާމަތަށް "ހަމަލާ" ދީފައިވާ ކަމަށް ގަބޫލުކުރެވެ އެވެ.

ފޮރިން މިނިސްޓްރީ އަށް ސިޓީއެއް ފޮނުވީ އެކަން ދިވެހި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކަމަށް އެ ސިޓީގައި ބުންޏެވެ.

ޑިޕްލޮމެޓިކް ޗެނަލްތަކުން އެއް ސަރުކާރުން އަނެއް ސަރުކާރާ ދެމެދު ކުރާ މިފަދަ މުއާމަލާތްތަކަކީ ސިއްރު ކަންކަމަށް ވާާތީ ސިޓީއާ ބެހޭ ގޮތުން އިންޑިއާގެ ހައި ކޮމިޝަނުން އަދި ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް މީޑިއާގައި ކޮމެންޓެއް ނުކުރެ އެވެ. އެކަމަކު، އެ ސިޓީގެ ސައްހަކަން "މިހާރު" އަށް ވަނީ ކަށަވަރު ކުރެވިފަ އެވެ.

އިންޑިއާގެ ހައި ކޮމިޝަނާއި އެތަނުގެ ވެރިންގެ ކަރާމަތަށް "ހަމަލާދޭ" ކަމަށް އެ ތަނުން ގަބޫލުކުރާ މީޑިއާ އާޓިކަލްތައް އަދި ސޯޝަލް މީޑިއާ ޕޯސްޓްތައް ލިޔުނު މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅައިދޭން އެދިފައި އޮތީ ޑިޕްލޮމޭޓުންގެ ރައްކާތެރިކަމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ "ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް" ގެ 29 ވަނަ މާއްދާއާ ހަވާލާދީ އެވެ.

އެ މާއްދާގައި ބުނަނީ، ޑިޕްލޮމެޓިކް މިޝަން ހުންނަ ގައުމުން ޑިޕްލޮމެޓުންނަށް ހާއްސަ ރައްކާތެރިކަމެއް ދޭން ޖެހޭ ކަމަށެވެ. ޑިޕްލޮމޭޓުގެ ޒާތަށާއި މިނިވަންކަމަށް އަދި ކަރާމަތަށް ދޭ ހަމަލާތަކުން ދިފާއުކުރަން މިޝަން ހުންނަ ގައުމުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް އެ މާއްދާގައި އޮވެ އެވެ.

ސިޓީގައި ތުހުމަތު ކޮށްފައިވާ ގޮތުގައި ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާގައި ޖެހި ލިޔުންތަކުގައި އަމާޒުކޮށްފައި ވަނީ އިންޑިއާގެ ހައި ކޮމިޝަނާއި ހެޑް އޮފް މިޝަން އަދި ޑިޕްލޮމެޓިކް މުވައްޒަފުންނާ މެދު ނަފުރަތާއި ހަމަނުޖެހުން އުފެއްދުމަށެވެ. އެހެންވެ މައިގަނޑު ދެ ފިޔަވަޅެއް އަޅައިދޭން ހައި ކޮމިޝަނުން އެދިފައި ވެ އެވެ.

އޭގެ އެއް ކަމަކީ އިންޑިއާގެ ހައިި ކޮމިޝަނާއި ޑިޕްލޮމެޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްދިނުމެވެ. ދެވަނަ ކަމަކީ ނަަފުރަތާއި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް، ބައިނަލްއަގްވާމީ ގާނޫނުތަކާއި ރާއްޖޭގެ ގާނޫނުތަކުގައިވާ ފިޔަވަޅުތައް އަޅައި ދިނުމެވެ.

ރާއްޖޭން އިންޑިއާއާ އެކު އޮންނަ ގުޅުުމުގެ ތެރެއިން ފަހަކަށް އައިސް އެޅި ބައެއް ފިޔަވަޅުތަކަށް މީޑިއާގައި އަދި ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔާފައި ވެ އެވެ. އެކިއެކި އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލަން ގޮވާލައި ސޯޝަލް މީޑިއާގައި ވެސް ބައެއް ފަރާތްތަކުން ދަނީ "އިންޑިއާ އައުޓް"ގެ ނަމުގައި ކެމްޕޭނެއް ހިންގަމުންނެވެ.

އިންޑިއާގެ ހައި ކޮމިޝަނުން ފޮނުވި ސިޓީގައި ޝަކުވާ އުފުލާފައި ވަނީ ކޮންކޮން މީޑިއާތަކެެއްގައި ޖެހި ލިޔުމަކާ ދެކޮޅަށްް ކަމެއް އަދިއެއް ނޭނގެ އެވެ.