Roadha Mihaaru
އަދުލުގެ ނިޒާމަށް މުޅިން އާ ކަންތައްތަކެއް

އަދުލުގެ ނިޒާމަށް މުޅިން އާ ކަންތައްތަކެއް

05 ޖުލައި 2017

އެކުލަވާލުމާއި ދިރާސާކުރުން ހިމެނޭ ގޮތަށް 10 އަހަރުގެ މަސައްކަތުން ގެނައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މިދިއަ އާދިއްތަ ދުވަހު އަމަލްކުރަން ފެށި އިރު އޭގައި ރާއްޖެ އަށް މުޅިން އާ، އެކަމަކު ވަރަށް މުހިންމު އެތައް ބަދަލެއް ހިމެނެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެކުލަވާލުމާއި ދިރާސާކުރުން ހިމެނޭ ގޮތަށް 10 އަހަރުގެ މަސައްކަތުން ގެނައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މިދިއަ އާދިއްތަ ދުވަހު އަމަލްކުރަން ފެށި އިރު އޭގައި ރާއްޖެ އަށް މުޅިން އާ، އެކަމަކު ވަރަށް މުހިންމު އެތައް ބަދަލެއް ހިމެނެ އެވެ.

ތަހުގީގުތައް އަވަސް ކުރުމަށާއި ދައުވާ ކުރުމާއި ޝަރީއަތްތައް އަވަހަށް ނިންމަން ވަކި މުއްދަތުތަކެއްގައި ކަންކަން ކުރަން ޖެހޭނެ ކަމަށް ކަނޑައަޅައި، ހުރިހާ މައްސަލައެއް އެއް އުސޫލަކުން ކުރިއަށް ގެންދެވޭނެ ފަދަ އެތައް އިސްލާހެއް އޭގައި ވެ އެވެ.

ހަނުހުރުމުގެ ހައްގު ބޭނުން ކުރެވޭނެ އުސޫލުތަކެއް

ކުށުގެ ތުހުމަތުކުރެވޭ މީހުން ބޭނުން ނަމަ ތަހުގީގު މަރުހަލާގައި ހަނުހުރުމާއި ނަފްސާ ދެކޮޅަށް ބަޔާން ނުދިނުމަކީ ގާނޫނު އަސާސީން ދޭ ހައްގެކެވެ. އެކަމަކު އެ ދެ ހައްގުގެ ތެރޭގައި ހިމެނެނީ އަދި ނުހިމެނެނީ ކޮން ކަންތައްތަކެއް ކަމާއި އެ ހައްގު ބޭނުން ކުރެވޭނީ ނުވަތަ ބޭނުން ނުކުރެވޭނީ ކޮން ހާލަތްތަކެއްގައި ކަން ގާނޫނު އަސާސީގައި ނުވަތަ ގާނޫނެއް ނެތުމުން ޖިނާއީ އަދުލުގެ ނިޒާމަށް އޭގެ ނޭދެވޭ އަސަރު ދިޔައީ ކުރަމުންނެވެ. ޚާއްސަކޮށް، ތަހުގީގީ އިދާރާތަކަށް އެކަމުގެ ގޮންޖެހުން ކުރިމަތިވި އެވެ.

ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ވަނީ ހަނުހުރުމަކީ ކޮބައިކަމާއި ހަނުހުރުމުގެ ހައްގާއި ނަފްސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ހައްގުގެ ތެރޭގައި ހިމެނެނީ އަދި ނުހިމެނެނީ ކޮން ކަންތައްތަކެއް ކަން ބަޔާންކޮށްފަ އެވެ. އެ ގާނޫނުގެ 47 ވަނަ މާއްދާ ބުނާ ގޮތުން ހަނުހުރުމުގެ ހައްގު ބޭނުންކުރެވޭނީ އެ މީހަކު ތަހުގީގެއްގައި ދައްކާ ވާހަކައަކީ ނުވަތަ ދޭ މައުލޫމާތަކީ އެ މީހަކާ ދެކޮޅަށް ކުށެއް ސާބިތުކުރަން ހުށަހެޅިދާނެ ފަދަ މައުލޫމާތެއް ކަމަށްވާ ނަމަ އެކަންޏެވެ. އެ ނޫން ހާލަތްތަކުގައި ހަނުހުރުމުގެ ހައްގު ނުލިބޭނެ ކަމަށް އެ މާއްދާގައިވެ އެވެ.

އެހެންވުމުން ހެކިވެރިއެއްގެ ގޮތުގައި ނުވަތަ މައުލޫމާތެއް ސާފުކުރަން ތަހުގީގުތަކުގައި ސުވާލުކުރެވޭ ހިނދު ހަނުހުރުމުގެ ހައްގު ބޭނުމެއް ނުކުރެވޭނެ އެވެ. އެ ހާލަތުގައި ކުރެވޭ ސުވާލުތަކަށް ޖަވާބު ދިނުން ލާޒިމްވާނެ އެވެ.

އެ ގާނޫނު ބުނާ ގޮތުން ހަނުހުރުމުގެ ހައްގު ތަހުގީގުގެ ކޮންމެ ހިސާބެއްގައި ވެސް ލިބެ އެވެ. އެ ހައްގު ބޭނުންކުރީ ކަމަށް އެ މީހަކު ބުނުމަށް ފަހު އެ މީހަކާ އިތުރަށް ސުވާލު ކުރުން އެ ގާނޫނު މަނާކުރެ އެވެ.

ނޫނުގެ 48 ވަނަ މާއްދާ ބުނާ ގޮތުން ކުށުގެ ތުހުމަތުކުރެވޭ މީހާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި އޭނާގެ ހަށިގަނޑުން ސާމްޕަލެއް ނުވަތަ އަތު ލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިޝާން ހޯދަން އެދޭ ހާލަތުގައި އެ ތަކެތި ނުދިނުމަކީ ނަފްސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ހައްގުގެ ތެރޭގައި ހިމެނޭނެ ކަމެކެވެ. އެހެންވެ އެފަދަ ސާމްޕަލެއް ނުދިނުމަކީ ކުށުގެ ތުހުމަތުގައިވާ މީހާއަށް ލިބޭ ހައްގެކެވެ.

އެކަމަކު ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުކުރެވޭ މީހުން މިދެންނެވި އުސޫލުން އިސްތިސްނާވާނެ އެވެ. އެފަދަ މީހުންގެ އަތުން ހެކީގެ ގޮތުގައި ބޭނުންވާ ސާމްޕަލްތައް، ކޯޓު އަމުރަކާ އެކު، އެ މީހުން ނުރުހުމުގައި ވެސް ނެގިދާނެ ކަމަށް އެ މާއްދާގައިވެ އެވެ. އެ ނޫން ހާލަތްތަކުގައި ކުށުގެ ތުހުމަތުކުރެވޭ މީހުންގެ ނުރުހުމުގައި ނުވަތަ އެ މީހުންނަށް މަޖުބޫރުކޮށްގެން ނަގާ ސާމްޕަލްތައް ޝަރީއަތަށް ބަލައިނުގަނެވޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ގާނޫނު ބުނާ ގޮތުން މީހެއްގެ މައްޗަށް ކުރިން ސާބިތުވެފައިވާ ކުށަކާ ގުޅިގެން ސުވާލުކުރެވޭ ހިނދު އެއީ ވެސް ހަނުހުރުމުގެ ހައްގާއި ނަފްސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ހައްގު ނުލިބޭނެ ހާލަތެކެވެ. ސަބަބަކީ އެ ހާލަތުގައި ސުވާލު އެކުރެވެނީ އޭނާގެ މައްޗަށް ސާބިތުވެ، ނިމިފައިވާ ކަމަކާ ގުޅިގެން ކަމަށް ވެފައި އެ ކުށަށް ދެވަނަ ފަހަރަށް އޭނާ އަށް އަދަބު ލިބުމުގެ ފުރުސަތު ނެތަތީ އެވެ.

ކޯޓު ރޫމެއް: ޝަރީއަތް ފެށުމުގެ ކުރިން ދައުވާ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަން ގާނޫނު ލާޒިމްކުރޭ --ފޮޓޯ/މިހާރު

ކޯޓު ރޫމެއް: ޝަރީއަތް ފެށުމުގެ ކުރިން ދައުވާ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަން ގާނޫނު ލާޒިމްކުރޭ --ފޮޓޯ/މިހާރު

ޝަރީއަތް ފެށުމުގެ ކުރިން، ދައުވާ ކުރިއަށް ގެންދާނެ ތަނެއް އޮތްތޯ ކަނޑައެޅުން

އާ ގާނޫނު ބުނާ ގޮތުން ޖިނާއީ ކޮންމެ މައްސަލައެއް ކޯޓަށް ހުށަހެޅިއްޖެ ނަމަ އެ މައްސަލައެއްގެ އިބްތިދާއީ އަޑުއެހުން ބާއްވައި، އެ މައްސަލައެއް ކުރިއަށް ގެންދާނެ ތަނެއް އޮތްތޯ ފަނޑިޔާރުން ބަލާނެ އެވެ. މިއީ ވެސް ޖިނާއީ މައްސަލަތަކުގައި އަލަށް ތައާރަފްވި ކަމެކެވެ.

ކުރިން އޮންނަނީ ކޯޓަށް މައްސަލަ ހުށަހެޅުމުން ކޯޓުގެ ރެޖިސްޓްރޭޝަން މަރުހަލާ އަށް ފަހު ޝަރީއަތް ފަށައިިގެން ކުރިއަށް ގެންދިއުމެވެ. މައްސަލައެއްގައި އެއްވެސް އިޖްރާއަތެއް ގޯސްކޮށް ހިނގާފައި އޮތަސް ނުވަތަ ތުހުމަތުކުރެވޭ މީހާއާ ދެކޮޅަށް އެކަށީގެންވާ ހެކި ނެތަސް އެކަން އެނގެނީ ޝަރީއަތުގެ އެތައް އަޑުއެހުންތަކެއް ބޭއްވި، ވަގުތުތަކެއް ފާއިތުވާ ފަހުންނެވެ. ބައެއް މައްސަލަތަކުގެ ޝަރީއަތުގެ އެތައް އަޑުއެހުންތަކެއް ބޭއްވޭ ފަހުން އިޖްރާއީ މައްސަލަތަކެއް ނުވަތަ އެނޫނަސް މައްސަލަތަކެއް ފެންމަތިވެ، މައްސަލަ ބާތިލް ކުރަން ޖެހޭ ފަހަރުތައް ވެސް އާދެ އެވެ.

އެކަމަކު އެ ގާނޫނުގައި ކަނޑައަޅާފައިވަނީ ޝަރީއަތް ފެށުމުގެ ކުރިން ބާއްވާ އިބްތިދާއީ އަޑުއެހުމުގައި އެ ދައުވާއެއް ކުރިއަށް ގެންދާނެ ތަނެއް އޮތްތޯ ފަނޑިޔާރު ކަނޑައަޅާ ގޮތަށެވެ. އިބްތިދާއީ އަޑުއެހުމުގައި ދައުވާ ލިބޭ މީހާ ދައުވާ އަށް އިންކާރުކޮށްފި ނަމަ ހުށަހަޅާފައިވާ ހެކިތަކަށް ބަލައި، އެ މައްސަލައެއް ކުރިއަށް ގެންދަން ޖެހޭ ތަނެއް އޮތްތޯ މަދަނީ މިންގަނޑު (ބެލެންސް އޮފް ޕްރޮބެބިލިޓީ) އިން ބަލައި، އެކަމުގައި ފަނޑިޔާރު ގޮތެއް ކަނޑައަޅާނެ އެވެ.

އެ ދައުވާ ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ފަނޑިޔާރަށް ފެނިއްޖެ ނަމަ އެ ހިސާބުން ދައުވާ ބާތިލްކޮށް، ތުހުމަތުކުރެވޭ މީހަކީ ބަންދުގައި ހުރި މީހެއް ނަމަ އެ މީހަކު ދޫކޮށްލަން ފަނޑިޔާރު އަމުރު ކުރަން ޖެހޭނެ އެވެ. އެކަމަކު އެގޮތަށް ދައުވާ ބާތިލް ކުރިޔަސް އިތުރު ހެއްކާ އެކު ނުވަތަ ދައުވާގެ ލިޔުމަށް ބަދަލު ގެނެސް، އެ ދައުވާ އަލުން ކުރުމުގެ ފުރުސަތު ގާނޫނުން ލިބިދެ އެވެ.

ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައިފި ނަމަ އެ މައްސަލައެއްގެ ޝަރީއަތް ފަށާނެ ދުވަސްތައް ކަނޑައަޅައި، ކުރަން ޖެހޭ އެހެން ކަންކަން އެ ހިސާބުން ކުރާނެ އެވެ.

މިގޮތަށް ހަމަޖެހުމުން ތުހުމަތުކުރެވޭ މީހާއާ ދެކޮޅަށް ޝަރީއަތް ކުރެވެނީ އެކަށީގެންވާ ތުހުމަތުތަކެއް އޮވެގެން ކަން ދުރާލާ އެނގޭނެ އެވެ. އަދި ޝަރީއަތް ފެށުމަށް ފަހު ނަގާ އިޖްރާއީ އެކި މައްސަލަތަކުގެ ސަބަބުން ދައުވާ ބާތިލްކުރަން ޖެހޭ ޖެހުން މަދުވާނެ ކަމަށް ބެލެވެ އެވެ. މިއީ އެމެރިކާ ފަދަ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އަމަލުކުރާ އުސޫލެކެވެ.

ދައުވާ ކުރާ ކުށުގެ އަމަލުން އެހެން ކުށެއް ސާބިތުވެދާނެ

ރާއްޖޭގައި މިހާތަނަށް އަމަލު ކުރަމުން އައީ މީހަކަށް ދައުވާކޮށްފި ނަމަ ހަމައެކަނި އެ ދައުވާއެއް ނުވަތަ އެ ދައުވާތަކެއް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކޯޓުތަކުން ކަނޑައެޅުމެވެ. އޭނާ އެހެން ކުށެއް ކުރިކަން ސާބިތުވާ މިންވަރަށް ހެކި ހުއްޓަސް، އެކަމަށް ދައުލަތުން ދައުވާ ކޮށްފައި ނެތް ނަމަ އެ ކުށަކަށް އަދަބެއް ނުދެވެ އެވެ. ސަބަބަކީ ނުކުރާ ދައުވާއެއްގެ މައްޗަށް ބިނާކޮށް، އަދަބު ދިނުމުގެ ބާރު ގާނޫނުތަކުން ދީފައި ނެތުމެވެ.

މިސާލަކަށް ވައްކަމުގެ ދައުވާ ލިބޭ މީހަކު "ވައްކަން ކުރިކަމުގެ" ހެއްކެއް ނެތިފައި، އެކަމަކު އޭނާ "ވައްކަން ކުރަން އުޅުނު" ކަމުގެ ހެކި ލިބުނަސް އަދަބެއް ނުދެވެ އެވެ. އެއީ "ވައްކަން ކުރަން އުޅުމުގެ" ދައުވާ ކޮށްފައި ނެތުމެވެ. އެކަމަކު ޖިނާއީ އިޖްރާއަތުގެ ގާނޫނާ އެކު އެކަން ވެސް ބަދަލު ވެއްޖެ އެވެ.

އެ ގާނޫނުގެ 87 ވަނަ މާއްދާގެ ހ. ބުނާ ގޮތުން މީހަކަށް ދައުވާ ކޮށްފައި ކުށުގެ ޝަރީއަތުގައި ހާމަވާ ހެކިތަކުން އޭނާ އެހެން ކުށެއް ކުރިކަމުގެ ހެކި ހުރެއްޖެ ނަމަ، އެ ކުށަށް ދައުވާ ކޮށްފައި ނެތަސް އެ ކުށް ސާބިތުވާ ކަމަށް ނިންމިދާނެ އެވެ. އެކަމަކު އެގޮތަށް ކަނޑައެޅޭނީ ފަހުން ހާމަވާ ކުށަކީ އެ މީހަކަށް ދައުވާ އުފުލާފައިވާ އަސްލު ކުށުގެ އަމަލުން ފުރިހަމަވާ ކުށެއް ކަމަށްވާ ނަމަ އެވެ.

އޭގެ މާނައަކީ މިސާލަކަށް، ފިހާރައަކުން ފައިސާތަކެއް ފޭރުމުގެ ދައުވާއެއް މީހަކަށް އުފުލައި، ހިންގާ ޝަރީއަތުގައި އޭނާ އެތަނުން ފޭރުނު ކަމުގެ ހެކި ނެތި، އެކަމަކު އޭނާ އެތަނުން "ފޭރެން އުޅުނު ކަމުގެ" ހެކި ހުރެއްޖެ ނަމަ "ފޭރެން އުޅުމުގެ" ކުށް ސާބިތުވާ ކަމަށް ކަނޑައެޅިދާނެ ކަމެވެ. އެއީ "ފޭރެން އުޅުމުގެ" ދައުވާ ކޮށްފައި ނެތަސް މެ އެވެ.

ދައުވާ ކުރާ ކުށް ނޫން އެހެން ކުށެއް ކުރިކަމުގެ ހެކި ލިބޭ ހާލަތްތަކުގައި މީގެ ކުރިން މަދުމަދުން ކުށް ސާބިތުކުރެ އެވެ. އެކަން ހުއްޓުނީ 2012 ހައި ކޯޓުން ކުރި ހުކުމެއްގައި، ދައުވާ ނުކުރާ ކުށަކަށް އަދަބު ނުދެވޭނެ ކަނޑައެޅުމުންނެވެ.

ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ މަސްލަހަތު ހިމާޔަތް ކުރަން އާ އުސޫލުތަކެއް

މި ގާނޫނުގައި ކުށުގެ ތުހުމަތުކުރެވޭ ނުވަތަ ދައުވާ ލިބޭ މީހުންގެ މަސްލަހަތު ރައްކާތެރި ކުރުމަށް ގިނަ ކަންތައްތަކެއް ވަނީ ހިމަނައިފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ޝަރީއަތުގެ މަރުހަލާގައި ދައުލަތަށް ލިބިފައިވާ ހެކިތަކުގެ ތެރެއިން ދައުވާ ލިބޭ މީހާއާ އެއްކޮޅަށް ހުރި ހެކިތައް އެ ފަރާތަށް ފޯރުކޮށްދޭން ދައުލަތަށް ލާޒިމްވުމެވެ. މީގެ ކުރިން ދައުލަތުން ހެކި ހުށަހަޅާއިރު ދައުވާ ލިބޭ މީހާއާ އެއްކޮޅަށް ހެއްކެއް ހުއްޓަސް ދައުލަތުން އެއެއް ހުށަހަޅާކަށް ނުޖެހެ އެވެ. ދައުލަތުން ހުށަހަޅަން ޖެހެނީ ދައުލަތާ އެއްކޮޅު ހެކި އެކަންޏެވެ.

ޖިނާއީ ކުށްތަކުގެ ދައުވާ ލިބޭ މީހުންނަށް އޮތް އަނެއް ފައިދާއަކީ އިބްތިދާއީ އަޑުއެހުން ފެށުމަށް ފަހު، އިތުރު ކުށްތަކެއް ދައުވާގައި ހިމެނުން ދައުލަތަށް މަނާވުމެވެ. އިބްތިދާއީ އަޑުއެހުމަށް ފަހު ދައުވާގައިވާ ބައެއް ކަންކަމަށް ބަދަލު ގެނައުމުގެ ބާރު ދައުލަތަށް ލިބުނަސް އިތުރު ކުށެއް ދައުވާގައި ނުހިމެނޭނެ ކަމަށް އެ ގާނޫނު ބުނެ އެވެ.

މީގެ އިތުރުން ކުށުގެ ތުހުމަތެއްގައި ކޮންމެ މީހަކާ ވެސް ސުވާލުކުރަން ޖެހެނީ އޯޑިއޯ ނުވަތަ ވީޑިއޯ ރެކޯޑް ކުރެވޭ ގޮތަށެވެ. އެ ނޫން ގޮތަކަށް ސުވާލު ކުރުން އެ ގާނޫނު މަނާކުރެ އެވެ. އެހެންވެ މިއީ ތަހުގީގުތަކާ މެދު އިތުބާރު އުފެއްދޭނެ ކަމެކެވެ.

ކުށުގެ ތުހުމަތުކުރެވޭ ބައެއް މީހުންނަށް އެ މީހުންގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތްކަން ބައެއް ފަހަރު އެނގެނީ ކުއްލި ކަމެއްގައި ތަނަކަށް ފުރަން އެއާޕޯޓަށް ދިއުމުންނެވެ. އެކަމަކު އެ ގާނޫނު ބުނާ ގޮތުން ކުށެއްގެ ތުހުމަތުކުރެވޭ މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި ނަމަ އެކަން އެދުވަހު އެ މީހަކަށް އަންގަން ޖެހޭނެ އެވެ.

މިނޫނަސް އާ ކިތައްމެ އުސޫލުތަކެއް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވަނީ ތައާރަފްކޮށްފަ އެވެ. އެ ގާނޫނު ފުރިހަމަ ގޮތުގައި ތަންފީޒުކޮށްފި ނަމަ އޭގެ ހެޔޮ ބަދަލު ފެންނާނެ އެވެ.