Roadha Mihaaru
ގޭގައި ހިނގާ ކަންކަން ސިއްރުން ބެލޭނެ ފަދަ ގަވާއިދެއް

ގޭގެ އާއި އުޅަނދުތަކުގައި ހިނގާ ކަންކަން ފުލުހުންނަށް ސިއްރުން ބެލޭ ފަދަ ގަވާއިދެއް އެކުލަވާލައިފި

30 އޯގަސްޓް 2021

ގޭގެ އާއި އުޅަނދުތަކުގައި ކެމެރާ ހަރުކޮށްގެން ބެލުމާއި ދައްކާ ވާހަކަ އަޑުއެހުމާއި ތުހުމަތު ކުރެވޭ މީހުން އުޅޭ ނޫޅޭ ގޮތް ބަލަން މޮނީޓާ ކުރުމުގެ ބާރު ފުލުހުންނަށް ލިބޭ ފަދަ ގަވާއިދެއް ހަދައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގޭގެ އާއި އުޅަނދުތަކުގައި ކެމެރާ ހަރުކޮށްގެން ބެލުމާއި ދައްކާ ވާހަކަ އަޑުއެހުމާއި ތުހުމަތު ކުރެވޭ މީހުން އުޅޭ ނޫޅޭ ގޮތް ބަލަން މޮނީޓާ ކުރުމުގެ ބާރު ފުލުހުންނަށް ލިބޭ ފަދަ ގަވާއިދެއް ހަދައިފި އެވެ.

ފުލުހުންގެ ގާނޫނުގެ ދަށުން މިއަދު އާންމުކޮށް، އަމަލުކުރަން ފެށި ތަހުގީގު ކުރުމުގެ ޚާއްސަ އުކުޅު ބޭނުން ކުރުމުގެ ގަވާއިދު ބުނާގޮތުން ތުހުމަތު ކުރެވޭ މީހުން އުޅޭ ނޫޅޭ ގޮތް ބެލުމަށް އެ މީހުން ސިއްރުން މޮނީޓާ ކުރުމާއި ގޭގެ އާއި އުޅަނދުތަކުގައި ކެމެރާ އާއި އެހެން ވެސް ވަސީލަތްތައް ހަރުކޮށްގެން އެ މީހުން ދައްކާ ވާހަކަ އަޑުއެހުމާއި ބެލުމުގެ އިތުރުން މުއާސަލާތީ ހުރިހާ ވަސީލަތްތަކެއް ބެލުމުގެ ބާރާއި ކުށް ކުރަނިކޮށް އަތުލައިގަތުމަށްޓަކައި ސްޓިން އޮޕަރޭޝަން ހިންގުމުގެ ބާރު ވެސް ފުލުހުންނަށް އޮންނާނެ އެވެ.

މީގެ އިތުރުން ތުހުމަތެއް ކުރެވޭ މީހަކާ ގުޅުމެއް އުފައްދައިގެން އޭނާއާ ސުވާލުކޮށް، މައުލޫމާތު ހޯދުމާއި އެހެން މީހަކަށް ހެދިގެން މުއާމަލާތު ކުރުން ފަދަ ކަންކަން ކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އެހެން ނަމަވެސް އެ ބާރުތައް ފުލުހުންނަށް ބޭނުން ކުރެވޭނީ ގައުމީ ސަލާމަތާއި ގުޅުންހުރި ކަންކަމާއި ޖިނާއީ ބޮޑެތި ކުށްތަކުގެ މައްސަލަތަކުގައި ކަމަށް އެ ގަވާއިދުގައިވެ އެވެ.

އެ ގަވާއިދުގައިވާ ގޮތުން ގޭގެ އާއި އުޅަނދުތަކުގައި ކެމެރާ އާއި އެހެން ވަސީލަތްތައް ހަރު ކުރުމާއި މުއާސަލާތީ ވަސީލަތްތައް އަޑުއެހުމާއި ބެލުން ފަދަ ކަންކަން ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެކަމަކު މޮނީޓާ ކުރުމާއި އޮޅުވާލައިގެން މުއާމަލާތު ކުރުމާއި ސްޓިންގް އޮޕަރޭޝަން ހިންގުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ނުވަތަ އެއަށް ވުރެ މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދަ ލިބިގެން އެކަން ކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

އެ ގަވާއިދު ބުނާގޮތުން އެގޮތަށް ހޯދާ ހެކިތައް ޝަރީއަތަށް ވެސް ހުށަހެޅިދާނެ އެވެ. އެކަމަކު އެފަދަ ހެކިތައް ހުށަހަޅަން ޖެހޭނީ ހެކި ހޯދުމުގައި ހަރަކާތްތެރިވި މީހުން ހާމަ ނުވާނެ ފަދަ ގޮތަކަށް ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

އެފަދަ ބާރުތައް ބޭނުން ކުރުމުގައި ފުލުހުން އަމަލުކުރާ ގޮތް ބެލުމަށް ޚާއްސަ ކޮމެޓީއަކަށް ހުށަހެޅޭ ގޮތަށް އެ ގަވާއިދުގައިވެ އެވެ. އެގޮތުން މީހަކާ ދެކޮޅަށް އެފަދަ އޮޕަރޭޝަނެއް ހިންގާ ކަމަށް ޝައްކު ކުރެވޭ ނަމަ، އެ ކޮމެޓީއަށް އެ މީހަކަށް އެ ޝަކުވާ ހުށަހެޅިދާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އަދި އެ ފުލުހުން އެ ބާރު ބޭނުން ކުރަނީ ގާނޫނާ އެއްގޮތަށް ކަން ނުވަތަ ނޫންކަން ނިންމުމާއި އޮޕަރޭޝަން ހުއްޓާލަން އެންގުމުގެ ބާރު ވެސް އެ ކޮމެޓީއަށް އޮންނާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

ފޯން ކޯލް އަޑުއެހުމާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުށުގެ ތުހުމަތު ކުރެވޭ މީހުން ހެއްކާ އެކު އަތުލައިގަތުމަށްޓަކައި ޚާއްސަ އޮޕަރޭޝަންތައް ހިންގުމުގެ ބާރު ފުލުހުންނަށް ކުރިން ވެސް އޮވެ އެވެ. އެކަމަކު ގޭގެ އާއި އުޅަނދުތަކުގައި ކެމެރާ ހަރުކޮށްގެން އަޑުއެހުމާއި ބެލުމުގެ ބާރު ފުލުހުންނަށް ކުރިއަކުން ނޯވެ އެވެ.