ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ޖެހިލުންވާން ޖެހޭ އެއްވެސް ހުރަހެއް ނެތް ކަމަށާއި މެމްބަރުން އިތުރަށް ހިތްވަރު ކުރެއްވުމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިރޭ ގޮވާލައްވައިފި އެވެ.
03 ޖުލައި 2017
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ޖެހިލުންވާން ޖެހޭ އެއްވެސް ހުރަހެއް ނެތް ކަމަށާއި މެމްބަރުން އިތުރަށް ހިތްވަރު ކުރެއްވުމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިރޭ ގޮވާލައްވައިފި އެވެ.
އިދިކޮޅު ފަރާތްތަކުން ގުޅިގެން މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި، މި ވަގުތު މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އިމްރާން ދެއްވި ހާއްސަ މެސެޖްގައި އޭނާ ވިދާޅުވީ ސަރުކާރުގެ ކޮރަޕްޝަނާއި ފަސާދަ އާއި އަނިޔާވެރިކަމުގެ ތެރެއިން އިތުރަށް ސާފުވާން ޖެހޭ ކަމެއް މިހާރަކު ނެތް ކަމަށެވެ. މި މެސެޖް އިއްވައިދެއްވީ އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު އެވެ.
ސިޔާސީ މަސްރަހު ބަދަލުވެފައި އޮތް ގޮތުން ރައްޔިތުން އެދޭ ގޮތަށް އިޖާބަ ދެއްވައި، ގައުމު އަމާން ބަނދަރަކަށް ގެންދިއުމަށް ނިކުންނަވަން ނުޖެހޭ އެއްވެސް ސަބަބެއް މެމްބަރުންގެ ނެތް ކަމަށް އިމްރާން ވިދާޅުވި އެވެ.
"މަޖިލިހުގެ އެންމެހާ މެމްބަރުންނަށް އިލްތިމާސް ކުރަނީ އެބޭފުޅުން މާތް ﷲ ގަންދީ ކުރެއްވި ހުވަޔާއި އެ ހުވަޔާ ވިދިގެން މަޖިލިހުގެ މެމްބަރުންގެ ހައިސިއްޔަތުން ކުރައްވާ ކޮންމެ ކަމަކީ، އެ ހައިސިއްޔަތުން ނުކޮށް ދޫކޮށްލައްވާ ކޮންމެ ކަމަކީ ﷲ ގެ ހަޟްރަތުގައި ޖަވާބުދާރީވާން ޖެހޭނެ ކަންކަން ކަމަށްވާތީ އެ އިލާހަށް ބިރުވެތިވާ ހާލު ދިވެހި ރައްޔިތުންގެ ގޮވާލުމަށް އިޖާބަ ދެއްވާ،" އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ މެމްބަރުން ބިރުގެ ކަސްތޮޅުން ބަނދެ، ރައްޔިތުން ހަވާލުކުރި ބާރުތައް އަޅުވެތިކަމުގެ ހުރަގޭގައި ބަންދުކޮށް، ފިނޑިވެ ފަހަތަށް ޖެހިއްޖެނަމަ، ދިވެހި ގައުމާއި އަންނަން އޮތް ޖީލުތަކާއި އަދި އަނިޔާވެރިކަމުގެ ޝިކާރައަކަށް ވުމުގެ ފުރުސަތު އޮތް ކަމަށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގުޅިގެން ކުރައްވާ މަސައްކަތުގެ ސަބަބުން ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް، އަދިވެސް ކުރަން ގިނަ މަސައްކަތްތަކެއް ހުރި ކަމަށް އިމްރާން ވިދާޅުވި އެވެ.
އެހެންވެ، އެކަންކަން ކާމިޔާބު ކުރުމަށް ފިސާރި ސާބިތުކަމާއި ކެތްތެރިކަމާއި ހިތްވަރާއި ނުގުޑާ އަޒުމަކީ ކޮންމެހެން މުހިންމު ސިފަތަކެއް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. އަދި އެންމެން ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައި އެކަންކަން ހާސިލް ކުރަން މަސައްކަތް ކުރުމަށް އޭނާ އެދިވަޑައިގަތެވެ.
"ޖަލު ގޮޅީގައި ބަންދުކޮށްފައި ހުއްޓަސް، ގޭގައި ބަންދުކޮށްފައި ހުއްޓަސް، އަދި މިނިވަން ކަމުގެ ނަސީބު ލިބިފައިވިޔަސް، މާތް ﷲ ގެ އިޒުނަފުޅާއެކު އެއިރު ވެސް ހުރި ފަދައިން އަދި މިހާރުވެސް ހުންނަ ފަދައިން އަޅުގަނޑު އަބަދުވެސް ދެމިހުންނާނީ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމާއި ތިޔަ ލޮބުވެތި ރައްޔިތުންގެ ހައްގުގައި ކަމުގެ ޔަގީންކަން އަރުވަން،" އިމްރާން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަކި ކުރުމަށް މިއަދު މަޖިލިހަށް ހުށަހެޅުމާ ގުޅިގެން އެކަމަށް އިޝާރާތް ކުރައްވާ އިމްރާން ވިދާޅުވީ މިއީ ދިވެހި ތާރީހުގައި ލިޔެވިގެންދާނެ ދުވަހެއް ކަމަށެވެ.
ސަރުކާރުގެ މިސްރާބު ރަނގަޅު ކުރެވޭތޯ ގަދައަޅައި ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާނެ ކަމަށާއި އެކަމުން އެއްވެސް އަލިގަމެއް ނުފެނި އުޅެނިކޮށް ދެން ފެނިގެން ދިޔައީ ރައީސް އަބްދުﷲ ޔާމީންގެ އަޑި ނޭނގޭ ސިޔާސަތުގެ ދަށުން ސިޔާސީ ކޮންމެ ބޭފުޅަކު ހިފައި ހައްޔަރުކޮށް ހައްގު ނޫން ހުކުމްތަކެއްގައި ބަންދު ކުރުމުގެ ސިލްސިލާއެއް ފެށިގެން ދިޔަ ތަން ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
އެހެންވެ، އިމްރާން ވިދާޅުވި ގޮތުގައި މިއީ ރައީސް ޔާމީންގެ އަނިޔާވެރިކަމާއި ހުދުމުހުތާރު ވެރިކަމުން މިންޖުވާންވީ ވަގުތެވެ.
އެ ދުވަހު ސިފައިންނާއި ފުލުހުން ވެސް ގޯސް
މަޖިލީހަކީ އެންމެ ބޮޑު ޖަރީމާ ހިންގާ ފެކްޓަރީ: ޝާހިދު
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ޕީޕީއެމްގެ ދައުވަތު
މުހިއްމު ބިލްތަކަށް ވޯޓަށް ނާހައި މެމްބަރުން ޗުއްޓީއަށް
މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާ ހޮނިހިރު ދުވަހު
ބޮޑެތި ކަންކަމަށް ޕެންޝަން ފައިސާ ދެވޭ ގޮތް ހަދަންޖެހޭ
މެންބަރުން އިތުރުނުކުރަން ހުށަހެޅި އިސްލާހު ބޭރުކޮށްފި
މަޖިލީހުގެ ތިން ވަނަ ދައުރު ދިގު ދަންމާލަން ނިންމައިފި
މަޖިލިހުގައި ޖޭޕީން އެމްޑީޕީއާ އަރާ ހަމަކޮށްފި!
ނަޝީދު މިނިވަން ކުރުމުގެ ގަރާރު ފާސްކޮށްފި