Roadha Mihaaru

ގައުމަށް އެންމެ ފައިދާ ބޮޑީ އަޅުގަނޑާއި ނަޝީދު އެކުގައި މަސައްކަތް ކުރުން: މައުމޫން

ގައުމަށް އެންމެ ފައިދާ ބޮޑު ގޮތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު މިވަގުތު އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

"ގައުމަށް ފައިދާ ބޮޑީ ނަޝީދާ އެކުގައި ހުރުން"
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

04 ޖުލައި 2017

ގައުމަށް އެންމެ ފައިދާ ބޮޑު ގޮތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު މިވަގުތު އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް މިއަދު ހުށަހެޅުމަށް ފަހު އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި ބޭއްވި ޖަލްސާގައި މައުމޫން ވަނީ އެމަނިކުފާނާއި ނަޝީދު އެކުގައި މަސައްކަތްޕުޅު ކުރައްވާތީ އަމާޒުކުރާ ފާޑުކިއުންތަކަށް ރައްދު ދެއްވައިފަ އެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ އަޅުގަނޑުމެން މިހާރު މަސައްކަތް މި ކުރަނީ ފަރުދީ ފެންވަރެއްގައެއް ނޫނޭ. ޒާތީ ފެންވަރެއްގައެއް ނޫނޭ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އުސޫލީ ފެންވަރެއްގައޭ،" މައުމޫން ވިދާޅުވި އެވެ.

މިހެން ވިދާޅުވުމާ އެކު އެމަނިކުފާނުގެ ވާހަކަފުޅަށް ތާއީދުކުރެއްވުމުގެ ގޮތުން، ޖަލްސާގެ ބައިވެރިން އަތްތިލަބަޑި ޖެހި އެވެ. އެ ޖަލްސާގައި އެމްޑީޕީ އާއި ޖުމްހޫރީ އާއި އަދާލަތު ޕާޓީގެ މެމްބަރުންގެ އިތުރުން އިދިކޮޅު ސިޔާސީ ހަރަކާތަށް ތާއީދުކުރާ ގިނަ ބަޔަކު ބައިވެރިވި އެވެ.

"އަޅުގަނޑުގެ ފަރާތުން ވެސް މުހައްމަދު ނަޝީދާ ބެހޭ ގޮތުން އެންމެ އެކަށީގެންނުވާ ގޮތަށް ކަންތައްތައް ކުރެވިފައި އޮވެދާނެ. އެމަނިކުފާނަށް ވެސް އަޅުގަނޑާ ބެހޭ ގޮތުން ކަންތައްތަކެއް ކުރެވިފައި އޮވެދާނެ. އެކަމަކު އެކަންތައްތައް މާޒީވެ ގޮސްފި،" މައުމޫން ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި މައުމޫން -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މިރޭގެ ޖަލްސާގައި މައުމޫން -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އަޅުގަނޑުމެން މިހާރު ބަލަންވީ ޒާތީ ކުރިއެރުމަކަށް ނޫން، ފަރުދީ ކުރިއެރުމަކަށް ނޫން. ބަލަންވީ ގައުމަށް. އަޅުގަނޑު ދެކޭ ގޮތުގައި ގައުމަށް ރަނގަޅު ގޮތަކީ އަޅުގަނޑާއި ރައީސް މުހައްމަދު ނަޝީދު އެކުގައި މަސައްކަތް ކުރުން."

ގައުމަށް މިއަދު މުހިއްމީ، މައުމޫން ވިދާޅުވި ގޮތުގައި، އެ ދެ ބޭފުޅުންގެ ދޭތެރޭގައި ހިނގާ ކަންކަމަށް ވުރެ ގައުމީ މަސްލަހަތެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ އިން ބޭރުގައި ހުންނަވައިގެން ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިތުބާރު ނެތް ކަމުގެ ވޯޓުގައި ގިނަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވާފައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް ވެއްދުމަކީ އިދިކޮޅު ފަރާތްތަކުން ފަށާފައިވާ މަސައްކަތަށް ލިބުނު ނަސްރެއްގެ ގޮތުގައި މައުމޫން ސިފަކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ ނަސްރަކީ މާތްﷲ ދެއްވާ އެއްޗެއް ކަމަށާއި ބޭނުން ގޮތަކަށް ނަސްރު ނުލިބޭނެ ކަމަށެވެ. އެހެންވެ އިސްލާމީ ރީތި އުސޫލްތަކުގެ މަތީގައި އެންމެން ދެމިތިބެން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން ގާސިމް ކުރެއްވި މަސައްކަތަށް ވެސް މައުމޫން ވަރަށް ބޮޑަށް ތައުރީފް ކުރެއްވި އެވެ. ރެ އާއި ދުވާލު އެ މަސައްކަތުގައި ވަރަށް ބުރަކޮށް ގާސިމް މަސައްކަތް ކުރެއްވީ، ނުރައްކާ އޮތް ކަން އެނގިވަޑައިގެން ހުންނަވައި ހިތްވަރާއި ހިކުމަތްތެރިކަމާ އެކުގައި ކަމަށް ވިދާޅުވި އެވެ.

"ކިތައް ފަހަރުތޯ ފުލުސް އޮފީހަށް ގެންދިޔައީ، ކިތައް ފަހަރުތޯ ޖަލަށް ގެންދިޔައީ. ކިތައް ފަހަރުތޯ ޝަރީއަތަށް ގެންދިޔައީ. މި ހުރިހާ ކަމަކީ ވެސް އެމަނިކުފާނުގެ މަސައްކަތަށް އެޅޭ ހުރަހެއް ކަމަކަށް ނުބައްލަވާ،" މައުމޫން ވިދާޅުވި އެވެ.

އިސްލާހީ މަސައްކަތުގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މަސައްކަތް ފާހަގަކުރެއްވިއިރު މައުމޫނު ހުންނެވީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. މޫނުފުޅުމަތިންނާއި އަޑުފުޅުން ވެސް އެކަން އެނގުނެވެ.

މައުމޫން ވިދާޅުވީ އިމްރާނަކީ އެކި ކަންކަމުގައި ޚިޔާލުބަދަލުކުރައްވާ، ވަރަށް ދުވަސްވީ ގާތް ރަހުމަތްތެރިއެއް ކަމަށެވެ. އިމްރާނަކީ ވަރަށް އިޚްލާސްތެރި ގައުމަށް ވަފާތެރި، ހިތްވަރުގަދަ ބޭފުޅެއް ކަން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން މިތިބީ މިތާނގައި މިނިވަންކަމާ އެކީގައި. އެހެނެއް ނޫން އިމްރާން މިއަދު ހުންނެވީކީ. ޖަލުގެ ކުޑަ ގޮޅީގައި. އެހެން ނަމަވެސް އެމަނިކުފާނުގެ ހިތްވަރުފުޅަކަށް އެއްވެސް ބަދަލެއް ނާދޭ. އަޒުމްފުޅަކަށް ގުޑުމެއް ނާދޭ. ކުރިން ހުންނެވި ވަރަށް ވުރެ ވެސް ވަރުގަދަ އަޒުމެއްގައި މިހާރު ހުންނެވީ،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވި ގޮތުގައި ސިޔާސީ ލިޑަރުން މިހާރު ފައްޓަވައިގެން އުޅުއްވާ މަސައްކަތަކީ އެއްގޮތަކަށް ވެސް ޒާތީ މަސައްކަތެއް ނޫނެވެ. މަގްސަދަކީ ސިޔާސީ ވަކި ބޭފުޅަކާ ދިމާކުރުމެއް އަދި ވަކި ބޭފުޅަކު ރައީސް ކަމަށް ގެނައުމުގެ މަސައްކަތެއް ވެސް ނޫން ކަމަށް ވިދާޅުވި އެވެ.