Roadha Mihaaru
ސޮއިކުރި މެމްބަރުންނަށް ރައީސް "އާދޭސް" ކުރައްވަނީ

ދެކޮޅަށް ސޮއިކުރެއްވި ބައެއް މެމްބަރުން އަރިހު ރައީސް އާދޭސްކުރައްވަނީ!

04 ޖުލައި 2017

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރަން ސޮއި ކުރެއްވި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ 10 މެމްބަރުން، އެ ނިންމެވުން އަނބުރާ ގެންދަވަން އެދިވަޑައިގެން ރައީސް އަބްދުﷲ ޔާމީން "އާދޭސް" ކުރައްވަމުން ގެންދަވާ ކަމަށް ޕީޕީއެމްގެ މެމްބަރުންތަކެއް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރަން ސޮއި ކުރެއްވި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ 10 މެމްބަރުން، އެ ނިންމެވުން އަނބުރާ ގެންދަވަން އެދިވަޑައިގެން ރައީސް އަބްދުﷲ ޔާމީން "އާދޭސް" ކުރައްވަމުން ގެންދަވާ ކަމަށް ޕީޕީއެމްގެ މެމްބަރުންތަކެއް މިއަދު ވިދާޅުވެއްޖެ އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ވެއްދީ 45 މެމްބަރުންގެ ސޮޔާ އެކުގަ އެވެ. އޭގެ ތެރޭގައި ޕީޕީއެމް ތަމްސީލްކުރައްވާ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަގެނތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދު އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް)ގެ އިތުރުން ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ ހިމެނިވަޑައިގަންނަވަ އެވެ.

މީގެތެރެއިން މެމްބަރު ރަޝީދުގެ ސޮޔާ ދޭތެރޭ ވަނީ ސުވާލު އުފެދިފަ އެވެ. އޭނާ ސޮއި ނުކުރައްވާ ކަމަށް ވިދާޅުވާއިރު، ލިސްޓެއްގައި ސޮއިކުރައްވަން އިންނެވި ފޮޓޯއެއް ވަނީ އާއްމުކޮށްފަ އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންތަކެއް "މިހާރު" އަށް ވިދާޅުވި ގޮތުގައި މަޖިލީހުގެ މެޖޯރިޓީ މެމްބަރުންގެ ތާއީދާ އެކު މަސީހު ވަކިކުރަން ހުށަހެޅުމުން، މެމްބަރުންނަށް ރައީސް ޔާމީން ގުޅުއްވައި ސޮއި ކުރެއްވީ ކީއްވެތޯ އެއްސެވި އެވެ. އެވަރުގެ "ބޮޑު ނިންމުމެއް" ނިންމެވުމުގެ ކުރިން އެމަނިކުފާނަށް އަންގަވާ ނުލެއްވީ ކީއްވެތޯ ވެސް ރައީސް އެއްސެވި ކަމަށް ވިދާޅުވި އެވެ.

"ހިތްހަމަނުޖެހުންތަކެއް ހުރި ނަމަ ވާހަކަ ދައްކައިގެން ހައްލު ނުކުރީ ކީއްވެތޯ އެއްސެވި. ތިހެން ނުހައްދަވާށޭ. ރައީސް ވިދާޅުވީ ނިންމުން އަނބުރާ ގެންނަވައި އަލުން ރުޖޫއަވެވަޑައިގަންނަވާށޭ،" މެމްބަރަކު ވިދާޅުވި އެވެ.

ޕީޕީއެމްގެ ރަސްމިއްޔާތެއްގައި މަޖިލިހުގެ ރައީސް މަސީހް އާއި (ކ) މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ނިހާން ވާހަކަ ދައްކަވަނީ.---މިހާރު ފައިލް ފޮޓޯ

ޕީޕީއެމްގެ ރަސްމިއްޔާތެއްގައި މަޖިލިހުގެ ރައީސް މަސީހް އާއި (ކ) މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ނިހާން ވާހަކަ ދައްކަވަނީ.---މިހާރު ފައިލް ފޮޓޯ

ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ސޮއި ކުރެއްވުމުގެ ކުރިން އެކަން ނޭންގެވީ ކީއްވެތޯ ރައީސް އެއްސެވިއިރު އެމަނިކުފާނާ އެގޮތަށް ވާހަކަ ހިއްސާކުރެއްވުމުގެ ފުރުސަތެއް ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ ޕާލަމެންޓްރީ ގްރޫޕުގެ ހުރިހާ މެމްބަރުންނަކަށް ނޯވެ އެވެ. އެ ފުރުސަތު އޮންނަނީ ވަކި މެމްބަރުންތަކަކަށް ކަން އެ ބޭފުޅުން ފާހަގަކުރެއްވި އެވެ.

"ބޮޑު ޓީމާއި ކުޑަ ޓީމެއް [ޕާލަމެންޓްރީ ގްރޫޕްގައި] މި އޮންނަނީ. ރައީސް އެހެން އެއްސެވިއިރު [ހިތްހަމަނުޖެހުން ހިއްސާކުރުމުގެ] އެ ފުރުސަތު ކުޅެން އަރާ 11 ކުޅުންތެރިންނަކަށް ނޯވޭ. ބެންޗުގައި ތިބޭ ހަ ކުޅުންތެރިންނަށް އެ ފުރުސަތު މި އޮންނަނީ،" މެމްބަރަކު ވިދާޅުވި އެވެ.

ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނަށް ދިމާވާ އެކި އުނދަގޫތަކާއި ހިތްހަމަނުޖެހުންތަކާއި ކަންކަން ނުވެގެން ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދަން ބައެއް މެމްބަރުން ކުރައްވާ މަސައްކަތާ މެދު "އަޅާލުމެއް" ނުލިބޭ ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ. މަސީހާ މެދު މެމްބަރުންގެ ހިތހަމަނުޖެހުންތައް ހުރީ، މެމްބަރަކު ވިދާޅުވި ގޮތުގައި، "އިންތިހާ" އަށެވެ.

ދާއިރާގެ ރައްޔިތުން އެދޭ ކަން ކަމުގައި ވަޒީރުންނާ ސުވާލުކުރަން މެމްބަރުން ހުށަހެޅުއްވުމުން އެ ފުރުސަތު ވެސް މަސީހު ނުދެއްވުމާއި އެހެން ކަންކަމުގައި ވެސް ފަރުވާކުޑަކުރައްވާތީ އެމަނިކުފާނަކީ މަގާމަށް އެކަށީގެންނުވާ ބޭފުޅެއް ކަން ޕީޕީއެމްގެ އެތައް މެމްބަރުންނެއް ގަބޫލުކުރައްވާ ކަމަށް މެމްބަރަކު ވިދާޅުވި އެވެ.

"ސަރުކާރުން ހުށަހަޅާ އެއްވެސް ކަމަކަށް ނޫނެކޭ ވިދާޅުވާން މަސީހަށް ކެރިވަޑައެއް ނުގަންނަވާ، ކުޑަމިނުން މެމްބަރުންނާ މަޝްވަރާ ކުރައްވާނަމޭ ނުވަތަ ތިކަން ތި ބިލް ތިގޮތަށް ފާސްކުރެވެން ނެތެއް ނޫންތޯ ވެސް ވިދާޅެއް ނުވާނެ،" މަސީހުގެ އަމަލުފުޅުތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން ހުންނެވި މެމްބަރަކު ވިދާޅުވި އެވެ.

މަސީހާ މެދު ހިތްހަމަނުޖެހުންފާޅުކުރުމުން، އެމަނިކުފާނު ދުރުކޮށްފައި އެ މަގާމަށް ވަކި ކޮން ބޭފުޅެއްތޯ ރައީސް ޔާމީން އައްސަވާއިރު ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގައި އެހާ ގާބިލް ބޭފުޅަކު ނެތް ނަމަ އެއީ ޕާޓީ ލީޑަޝިޕުން ޒިންމާ އުފުލަން ޖެހޭ ކަމެއް ނޫންތޯ މެމްބަރަކު ސުވާލު އުފެއްދެވި އެވެ.