Roadha Mihaaru
ވައިބަ ގްރޫޕުން ނެރެދޭން ރައީސް އެދިވަޑައިގެންފި

މެމްބަރުންގެ ޝަކުވާ ބޮޑުވެ، ރައީސް ޔާމީން ވައިބާ ގްރޫޕުން ނެރެދޭން އެދިވަޑައިގެންފި

05 ޖުލައި 2017

ވެރިކަން ކުރާ ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ސަރުކާރު ތެރެއިން ބޭނުންވާ ކަންކަން ނުކޮށްދެވޭ ކަމަށް ވިދާޅުވެ ބައެއް މެންބަރުން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ) ގެ ވައިބާ ގްރޫޕްގައި ޝަކުވާ ކުރައްވަން ފެއްޓެވުމުން އެ ގްރޫޕުން ނެރެދެއްވުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އެދިވަޑައިގެންފި އެވެ.

ވެރިކަން ކުރާ ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ސަރުކާރު ތެރެއިން ބޭނުންވާ ކަންކަން ނުކޮށްދެވޭ ކަމަށް ވިދާޅުވެ ބައެއް މެންބަރުން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ) ގެ ވައިބާ ގްރޫޕްގައި ޝަކުވާ ކުރައްވަން ފެއްޓެވުމުން އެ ގްރޫޕުން ނެރެދެއްވުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އެދިވަޑައިގެންފި އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރުމަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމްގެ 10 މެމްބަރަކު ސޮއިކުރި މައްސަލަ ހޫނުވެފައި ވަނިކޮށް، ޕީޖީ ގްރޫޕްގައި މިއަދު މެންބަރުންގެ ޝަކުވާ ބޮޑުވީ ސަރުކާރު ތެރެއިން ކުރައްވަން ބޭނުންވާ ކަންކަމަށް އެހީވުމަށް ކޮމެޓީތަކެއް އުފައްދައި، އެކަން މެމްބަރުންނަށް އެންގެވުމާ އެކުގަ އެވެ.

ކޮމިޓީތަކެއް އުފައްދައި މެންބަރުންނަށް އެކަން އެންގެވުމާ އެކު ބައެއް މެންބަރުން ވިދާޅުވީ މީގެ ކުރިން ވެސް ކޮމެޓީތައް އުފައްދައިގެން މެމްބަރުންނަށް ހާސިލްވި ކަމެއް ނެތް ކަމަށެވެ. އަދި ކޮމެޓީތައް އުފެއްދުމަކީ ބޭކާރު ކަމެއް ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ. އެކަމަކު ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނާއި ޕީޕީއެމްގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެ ގްރޫޕްގައި އެދިވަޑައިގަންނަމުން ގެންދެވީ އެއީ ރަނގަޅު ކަމެއްގެ ގޮތުގައި މެމްބަރުން ބަލައިގަތުމަށެވެ.

ބައެއް މެމްބަރުން ޝަކުވާތަކާ އެކު ރައީސް ޔާމީން "ހާދަ ޝަކުވާ ބޮޑޭ. ތިހެން ނުހައްދަވާ" ށޭ ވިދާޅުވި އެވެ. އަދި އޭގެ ފަހުން އައި ޝަކުވާތަކާ އެކު "އެއްވެސް އެމްޕީއަކަށް ފުއްދައިދެވުނު ކަމެއް ނެތް. ސަރުކާރުން ދާއިރާތަކުގެ ތަރައްގީއަކަށް ކުރި ކަމެއް ވެސް ނެތް" ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު މި ނިކުތީ މި ޕޭޖުން ... ފަލާހް ޕްލީޒް ރިމޫވް މީ" ރައީސްގެ ދެ މެސެޖެއްގައި ވިދާޅުވެފައިވެ އެވެ.

ރައީސް މިހެން ވިދާޅުވި ނަމަވެސް ގްރޫޕުން ނިކުމެ ވަޑައިގަތް ކަމެއް ނޭނގެ އެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕް: މެމްބަރުން ބޭނުންވާ ކަންކަން ނުވާ ކަމަށް ބައެއް މެމްބަރުން ޝަކުވާ ކުރި -ފޮޓޯ/މިހާރު

ޕީޕީއެމްގެ ޕީޖީ ގްރޫޕް: މެމްބަރުން ބޭނުންވާ ކަންކަން ނުވާ ކަމަށް ބައެއް މެމްބަރުން ޝަކުވާ ކުރި -ފޮޓޯ/މިހާރު

މެންބަރުން ދެއްކެވި ވާހަކަތަކުގެ ތެރޭގައި، އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު އެ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވަނީ އެގޮތަށް އުފެއްދި އެއްވެސް ކޮމެޓީއަކުން މިހާތަނަށް އޭނާ އަށާއި ދާއިރާ އަށް ކޮށްދިން އެއްވެސް ކަމެއް ނެތް ކަމަށެވެ. މެމްބަރުންތަކެއް މެދުވެރިކޮށް ސަރުކާރުގެ އިދާރާތަކާ ދައްކާނެ އެއްވެސް ވާހަކައެއް ނެތް ކަމަށާއި އެ ކޮމެޓީތައް އުފެއްދުމަކީ މެމްބަރެއްގެ ގޮތުން އޭނާ ކުރަންޖެހޭ މަސައްކަތަށް ހުރަސް އެޅުން ކަމަށް އޭނާގެ މެސެޖްގައިވެ އެވެ.

ޖައުފަރު ފަދައިން އެހެން މެމްބަރުން ވަނީ ކޮމެޓީތައް އުފައްދައިގެން މެމްބަރުން ބޭނުންވި ކަންކަން ހާސިލްނުވާ ކަމަށް ވިދާޅުވެފަ އެވެ. ތ. ގުރައިދޫ ދާއިރާގެ މެންބަރު ހުސެން މަނިކު ދޮންމަނިކު ވިދާޅުވެފައި ވަނީ ދާއިރާގެ ކަމެއްގެ ވާހަކަ އެއިން ކޮމެޓީގެ މެމްބަރެއްގެ ގާތު ވިދާޅުވުމުން ލިބުނު ޖަވާބަކީ "އަޅުގަނޑު ކީއްތޯ ކުރާނީ" ކަމަށެވެ.

"ނުވާނެ، ކޮމެޓީތައް ގިނަކަމުން މިހާރު ވެސް ނުވެގެން މި އުޅެނީ،" ހުޅުދޫ ދާއިރާގެ މެމްބަރު ޝާހިދު ވިދާޅުވެފައިވެ އެވެ.

"ނަސްލީ އިމްތިޔާޒް ގެންގުޅުއްވާ ބޭފުޅުންނަށް ތިޔަ ބާވަތުގެ ކަންކަމުގައި އަދުލުވެރި ގޮތެއް ގެންގުޅުއްވިދާނެ ކަމަށް ނުދެކެން، ޚާއްސަކޮށް އެމްޕީންގެ ތެރެއިން،" މެމްބަރަކު އެ ގްރޫޕްގައި ވިދާޅުވި އެވެ.

އެކަމަކު ބައެއް މެމްބަރުން ވަނީ ކޮމެޓީތައް ނުއުފެއްދިޔަސް ސަރުކާރު ތެރެއިން ކުރަން ބޭނުންވާ ކަންކަމަށް މިހާރު ވެސް އެއްބާރުލުން ލިބޭ ކަމަށް ވިދާޅުވެފަ އެވެ. އަނެއް ބައި މެމްބަރުން ވިދާޅުވަމުން ގެންދެވީ މެމްބަރުންތަކެއް އަރިހުގައި އާދޭސް ކޮށްގެން ކަންކަން ނުވިޔަސް މައްސަލައެއް ނެތް ކަމަށެވެ.

މަސީހުގެ މައްސަލާގައި ޕީޕީއެމް ތެރޭ ބައިބައިވުން އުފެދިފައި ވަނިކޮށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުން ބޭނުންވާ ކަންކަން ފުރިހަމަ ކުރަން އުފައްދާފައިވަނީ ޕީޖީ ގްރޫޕްގެ މެމްބަރުންގެ ކޮމެޓީއަކާއި ވަޒީރުން ހިމެނިވަޑައިގަންނަވާ ކޮމެޓީއެކެވެ. ޕީޖީ ގްރޫޕް ތެރެއިން އުފެއްދި ކޮމެޓީގައި ތިއްބަވަނީ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލާއި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހާއި މަޑަވެލީ ދާއިރާގެ މެމްބަރު މުއާޒު ރަޝީދާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފެވެ.

ވަޒީރުންގެ ތެރެއިން އުފެއްދި ކޮމެޓީގައި ތިއްބަވަނީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒެވެ.

އެ ކޮމެޓީތަކާ ބައްދަލު ކުރުމުން މެމްބަރުންގެ ދާއިރާތަކުގެ ތަރައްގީއާ ގުޅޭ ކަންކަމާއި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ތެރެއިން ހަމަޖައްސަން ޖެހޭ ކަންކަމުގައި މެމްބަރުންނަށް އެހީވާނެ ކަމަށް ޕީޖީ ގްރޫޕްގެ މެމްބަރުންނަށް ވަނީ އަންގައިފަ އެވެ.