Roadha Mihaaru
އެއްވެސް މެމްބަރަކާ، އަޅުގަނޑާ މައްސަލައެއް ނުޖެހޭ: ރައީސް

އެއްވެސް މެމްބަރަކާ، އަޅުގަނޑާ ދެމެދު މައްސަލައެއް ނުޖެހޭ: ރައީސް

04 ޖުލައި 2017

ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކާ، އެމަނިކުފާނާ ދެމެދު އެއްވެސް މައްސަލައެއް ނޫޅޭ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކާ، އެމަނިކުފާނާ ދެމެދު އެއްވެސް މައްސަލައެއް ނޫޅޭ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/އެމްޑީއޭގެ މަޖިލިސް މެމްބަރުންގެ ވައިބާ ގްރޫޕްގައި ރައީސް މިހެން ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރަން ޕީޕީއެމްގެ މެމްބަރުންތަކެއް ސޮއިކުރެއްވި މައްސަލަ އަށް އިޝާރާތް ކުރައްވަމުންނެވެ.

މަސީހު ވަކިކުރަން އިދިކޮޅު ފަރާތްތަކުން 45 މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހެޅީ ޕީޕީއެމްގެ 10 މެމްބަރަކު ހިމެނޭ ގޮތަށެވެ. މިއީ ހަމައެކަނި މައްސަލަ ހުށަހަޅަން ސޮއި ކުރެއްވި އަދަދެވެ. މި މައްސަލާގައި މަސީހާ ދެކޮޅަށް ވޯޓު ދެއްވާނެ އިތުރު އެހެން މެމްބަރުން ވެސް ތިއްބެވި ކަމަށް ކޯލިޝަނުން ބުނެ އެވެ.

ވައިބާ ގްރޫޕްގައި ލިއުއްވި މެސެޖެއްގައި ރައީސް ވިދާޅުވީ "އެއްވެސް އެމްޕީއަކު މަސީހުގެ ގޮނޑި ހުސްކުރަނީ ރައީސް ޔާމީން އަށް ދަތިކުރާކަށް، ދެރަކުރާކަށް،" ނޫން ކަމަށެވެ.

"އެއްވެސް އެމްޕީއަކާ ރައީސަކާ މައްސަލައެއް ނުޖެހޭ އެނގިގެނެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.

އޭގެ ފަހުން އެމަނިކުފާނު ވިދާޅުވެފައި ވަނީ "ޚިޔާލުތަފާތުވުން އެއީ ޓީމު ފުނޑާލަން ލިބޭ ހުއްދައެއް ނޫން" ކަމަށެވެ.

މަސީހުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ ކުރިން ރައީސް ވިދާޅުވެފައި ވަނީ، އެ މައްސަލާގައި މެމްބަރުން ސޮއިކުރައްވައިފި ނަމަ އެ މަނިކުފާނަށް "ވަރަށް ދަތިވާނެ" ކަމަށެވެ. އަދި އެކަން ނުކުރައްވަން އެދިވަޑައިގަތެވެ.

އެކަމަކު ސޮއިކުރެއްވި ލިސްޓު އާއްމުކުރިއިރު ޕީޕީއެމްގެ މެމްބަރުން ހިމެނިވަޑައިގަންނަވާ ކަން އެނގިވަޑައިގަތުމުން ރައީސް ވަނީ އޭގެ ތެރެއިން ބައެއް މެމްބަރުންނާ ފޯނުން ވާހަކަފުޅު ދައްކަވައިފަ އެވެ.

އެ މެމްބަރުންގެ ކިބައިން ރައީސް އެދިވަޑައިގަތީ، މަސީހާ ދެކޮޅަށް ކުރެއްވި ސޮއި އަނބުރާ ގެންދެވުމަށް ކަމަށް، އޭގެ ތެރެއިން ބައެއް މެމްބަރުން ވިދާޅުވެ އެވެ.