Roadha Mihaaru
ސަރުކާރާ ފެޔަށް ޖެހި، މިހުރީ ރައްޔިތުންގެ ފަޅީގައި: މުހައްމާ

ސަރުކާރާ ފެޔަށް ޖެހި، މިހުރީ ރައްޔިތުންގެ ފަޅީގައި: މުހައްމާ

09 ޖުލައި 2017

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރަން ވޯޓު ދެއްވާނީ ސާބިތުކަމާއެކު ކަމަށާއި ރައްޔިތުންގެ ފަޅިއަށް ޚިޔާރު ކުރައްވައި، ސަރުކާރާ މިހާރު ފެއަށް ޖެހިވަޑައިގެންފައިވާ ކަމަށް އިހަވަންދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރަން ވޯޓު ދެއްވާނީ ސާބިތުކަމާއެކު ކަމަށާއި ރައްޔިތުންގެ ފަޅިއަށް ޚިޔާރު ކުރައްވައި، ސަރުކާރާ މިހާރު ފެއަށް ޖެހިވަޑައިގެންފައިވާ ކަމަށް އިހަވަންދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "60 މިނެޓް" އަށް ދެއްވި އިންޓަވިއުއެއްގައި މުހައްމާ ވިދާޅުވީ މަސީހު މަގާމުން ވަކި ކުރުމުގައި އޭނާ ގެންގުޅުއްވާ ޚިޔާލަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އެކަމަކު ޕީޕީއެމުން ވަކިވުމާ މެދު ގޮތެއް ނުނިންމާ ކަމަށާއި އެ ހިސާބަށް ގޮސްފިނަމަ، އެކަން ވެސް ކުރައްވާނެ ކަމަށް މުހައްމާ ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާލަން އޮތީ ރައްޔިތުންނާ އެކު ރައްޔިތުންގެ ފަޅީގައި [މިހުރީ] ސަރުކާރާ ކުޑަކޮށް، އަނެއްހެން ބުނާނަމަ، ސަރުކާރާ މި ވަގުތަށް ފެއަށް ޖެހިގެން،" މިވަގުތު ސްރީ ލަންކާގައި ހުންނެވި މުހައްމާ ވިދާޅުވި އެވެ.

"ރައްޔިތުންގެ ފަޅީގައި ރައްޔިތުންގެ އެދޭ ގޮތަށް ވޯޓު ދޭން ނިންމައިގެން މިހުރީ،"

މުހައްމާ ވިދާޅުވި ގޮތުގައި މަސީހުއާ ދެކޮޅަށް ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް ސޮއިކުރެއްވީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަޝިޕް ފެއިލްވުމުންނެވެ. އަދި މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ޕީޕީއެމްގައި ހުންނަވައިގެން ވިޕްލައިނާ އެއްގޮތަށް ހުރިހާ ވޯޓެއް ދެއްވާފައިވާނެ ކަމަށް މުހައްމާ ވިދާޅުވި އެވެ.

މީގެ އިތުރުން މިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކޮށްދެއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ވެސް ކޮށްދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

މުހައްމާ ވިދާޅުވި ގޮތުގައި އޭނާގެ އިހުސާސްތައް ޕީޕީއެމްގެ އިސް ބޭފުޅުންނާ ހިއްސާ ކުރެއްވި ނަމަވެސް، މިއަދާ ހަމައަށް އައިރު، އެއްވެސް ކަމަކަށް ހައްލެއް ނުލިބެ އެވެ.

މިވަގުތު ލަންކާގައި އުޅުއްވާ ކުރީގެ ރައީސް ނަޝީދާ، މުހައްމާ ބައްދަލުކުރައްވަނީ.

މިވަގުތު ލަންކާގައި އުޅުއްވާ ކުރީގެ ރައީސް ނަޝީދާ، މުހައްމާ ބައްދަލުކުރައްވަނީ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރައްޔިތުންގެ އިހުސާސްތައް ވިސްނި، ރައްޔިތުންގެ ނިންމުމަކީ ކޮބައިކަން އޭނާ އަށް އެނގިވަޑައިގެންފައިވާ ކަމަށް މުހައްމާ ވިދާޅުވި އެވެ.

"ޕީޕީއެމް ރަނގަޅު ކުރުމަށް މި ދަންނަވާ އުސޫލުގެ ތެރެއިން، މަޖިލީހުގެ ތެރެއިން އެބޭފުޅުންނާ އެއްކޮށް ހުންނާނީ ކުރެވިފައި. ނަމަވެސް ދާއިރާގެ ރައްޔިތުންނާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހައްލު ކުރާކަށް އަޅުގަނޑުގެ ނަޒަރުގައި ކުރެވުނު މާބޮޑު ކަމެއް ނެތް." މުހައްމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިސްލާހު ކުރަން އެދުނު އެއްވެސް ކަމެއް މިހާރު ރަނގަޅު ނުކުރެވޭ ހާލަތަށް ވަނީ ގޮސްފައި ކަމަށެވެ. އަދި ގައުމާ ދޭތެރޭގައި ވިސްނުމަށް ފަހު، އެންމެ ބުއްދިވެރި ގޮތަކީ ރައްޔިތުންގެ ފަޅި އަށް އަރައިވަޑައިގަތުން ކަމަށް ވެސް މުހައްމާ ވިދާޅުވި އެވެ.

މަސީހު މަގާމުން ވަކިކުރުމަށް ކުރެއްވި ސޮއި އަނބުރާ ގެންނަން ޖެހޭ ވަރުގެ އިސްލާހީ ބަދަލުތަކެއް ސަރުކާރާއި ޕީޕީއެމްގެ ތެރެއިން ރައީސް އަބްދުﷲ ޔާމީން ގެންނަވައިފި ނަމަ، މެންބަރުންގެ ވިސްނުން ބަދަލުވެގެން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ކަންކަން ދާ ގޮތުން، ދެން އެކަން ވާނެ ކަމަށް ގަބޫލު ނުކުރައްވާނެ ކަމަށް މުހައްމާ ވިދާޅުވި އެވެ.

މުހައްމާ ވިދާޅުވީ މަސީހު އާ ދެކޮޅަށް ޕީޕީއެމުން ސޮއިކުރެއްވި ހުރިހާ މެމްބަރުން ވެސް ތިއްބެވީ ސާބިތުކަންމަތީގައި ކަމަށެވެ. މަސީހުގެ ވޯޓު ފޭލްކޮށްލުމަށް ސަރުކާރަށް ތާއީދު ކުރައްވާ ބޭފުޅުން މަސައްކަތް ކުރައްވާނެ ކަމަށާއި އެކަމަކު އޭނާގެ ވިސްނުން ބަދަލު ނުކުރައްވާނެ ކަމަށް މުހައްމާ ތަކުރާރުކޮށް ވިދާޅުވި އެވެ.

މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅި މައްސަލާގައި ޕީޕީއެމްގެ 10 މެމްބަރަކު ސޮއި ކުރެއްވި މައްސަލަ ހޫނުވެ، ބައެއް މެމްބަރުން ވަނީ ޕީޕީއެމަށް ފާޑު ވިދާޅުވެފަ އެވެ. އަދި ބައެއް މެމްބަރުން ގެންދަވަނީ ޕީޕީއެމް ދޫކުރަމުންނެވެ. އެންމެ ފަހުން ޕީޕީއެމުން ވަކިވެވަޑައިގަތީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އެވެ.