Roadha Mihaaru
ކޯލިޝަނުގައި އަދީބު ހިމެނޭ ސަބަބު އެނގެން ޖެހޭ

ނުދައްކާ ވާހަކަ: ކޯލިޝަނުގައި އަދީބު ހިމެނޭ ސަބަބު އެނގެން ޖެހޭ

03 ޖޫން 2016

ސިޔާސީ މައިދާނުން އެންމެ ގިނައިން ފެނި ގެއްލެނީ ކޯލިޝަންތައް ކަމަށް ވެދާނެ އެވެ. ސިޔާސީ ބާރުވެރިކަން ހޯދަން އޮންނަ އެންމެ ފަސޭހަ ގޮތަކީ އެންމެން އެއްވެ އެއް މިސްރާބަކަށް ދަތުރު ފެށުން ކަމަށް ވިޔަސް ވަކި ހިސާބަކުން އެކި މީހުން އެކި ދިމާލަށް ދާން ބޭނުންވެ އެންމެ ފަހުން އެއްބަޔަކު ކަނޑަށް ފުންމާލައިގެން ސަލާމަތްވަނީ އެވެ. އަނެއް ބަޔަކު ކަނޑުވެ ގެއްލިދާނެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ސިޔާސީ މައިދާނުން އެންމެ ގިނައިން ފެނި ގެއްލެނީ ކޯލިޝަންތައް ކަމަށް ވެދާނެ އެވެ. ސިޔާސީ ބާރުވެރިކަން ހޯދަން އޮންނަ އެންމެ ފަސޭހަ ގޮތަކީ އެންމެން އެއްވެ އެއް މިސްރާބަކަށް ދަތުރު ފެށުން ކަމަށް ވިޔަސް ވަކި ހިސާބަކުން އެކި މީހުން އެކި ދިމާލަށް ދާން ބޭނުންވެ އެންމެ ފަހުން އެއްބަޔަކު ކަނޑަށް ފުންމާލައިގެން ސަލާމަތްވަނީ އެވެ. އަނެއް ބަޔަކު ކަނޑުވެ ގެއްލިދާނެ އެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ޓެރަރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މޭސްތިރިކަމުގައި މިހާރު މި އައީ "މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން" އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅު ކޯލިޝަނެވެ. ރައީސް ޔާމީންގެ ވެރިކަން އަވަހަށް ނިމުމަކަށް ގެނެސް ގައުމު ހަމަ މަގަށް އެޅުވުމަކީ މި ކޯލިޝަން އުފެއްދުމުގެ މައިގަނޑު މަގްސަދެވެ. އެކަމަކު އިދިކޮޅު ފަރާތްތަކުން މި ހުރިހާ ދުވަހަކު ދެއްކި ވާހަކަޔާ މި ކޯލިޝަންގެ އެކުލެވުމާ ދިމައެއް ނުވެ އެވެ.

ކޯލިޝަންގެ ލީޑަރަކީ ރައީސް ޔާމީންގެ ފުރަތަމަ ނައިބު ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ. ޒިންމާ އަދާނުކުރައްވާ ކަމަށް ވިދާޅުވެ ރައީސްގެ ވެސް ރުހުމާ އެކު ޖަމީލް ނައިބުކަމުން ދުރުކޮށް އެ މަގާމަށް ގެނައީ އަހުމަދު އަދީބެވެ. ރައީސް އަވަހާރަކޮށްލަން އުޅުމާއި ޚިޔާނާތުގެ ތުހުމަތުތަކާ އެކު ނައިބުކަމުން އަދީބު ދުރުކޮށް ހައްޔަރުކޮށްފައި ވާއިރު އަދީބުގެ ފަރާތުން ވެސް ކޯލިޝަންގައި ތަމްސީލްކުރައްވަ އެވެ. ކޯލިޝަން އިފްތިތާހުކުރި އިރު އަދީބުގެ އަނބިކަނބަލަކު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

އިދިކޮޅު އިއްތިހާދުގެ ޕްރެސް ކޮންފަރެންސް ކުރިއަށް ދަނީ. -- ޓްވިޓާ ފޮޓޯ: މޫސާ އަންވަރު

އިދިކޮޅު އިއްތިހާދުގެ ޕްރެސް ކޮންފަރެންސް ކުރިއަށް ދަނީ. -- ޓްވިޓާ ފޮޓޯ: މޫސާ އަންވަރު

އަނެއްކޮޅުން އަދީބުގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ވިދާޅުވާ ބައެއް ބޭފުޅުން ވެސް ކޯލިޝަންގައި ހިމެނިވަޑައިގަންނަވަ އެވެ. ކޯލިޝަންގެ ލީޑަރު ޖަމީލާއި ތަރުޖަމާނު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމު މިސާލަކަށް ފުދެ އެވެ. މި ބޭފުޅުން އަދީބާ "ކޮނޑާކޮނޑު ޖައްސައި"، މަސައްކަތް ފައްޓަވާއިރު އެ ބޭފުޅުންގެ މެދުގައި އިތުބާރު އޮތީ ކިހާ ވަރަކަށް ހެއްޔެވެ؟

ކޮރަޕްޝަން އާންމުވެ "އަނިޔާވެރި" އަމަލުތައް އިތުރުވެގެން ދިއުމުގެ ސަބަބެއް ކަމަށް ބުނެ އިދިކޮޅު ހުރިހާ ފަރާތްތަކަކުން ވެސް ތުހުމަތުކުރީ އަދީބަށެވެ. އަދި މިއީ އަދީބާއި ރައީސް ޔާމީން ގުޅިވަޑައިގެން ހިންގެވި "ޖަރީމާތަކެއް" ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އެހެންވެ ރައީސަށް ކުރާ ކޮންމެ ތުހުމަތެއް އަދީބަށް ރައްދުވެ އެވެ. އެހެންވެ ކޯލިޝަންގައި އަދީބު ހިމެނުން ނުވަތަ އަދީބުގެ މަންދޫބުން ތަމްސީލްކުރުމުގެ މާނަ އަކީ ހުރިހާ ތުހުމަތަކުން އަދީބު ބަރިއްޔަވެ ސާފުވުން ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކީ ނޫނެކޭ ކަމަށްވާ ނަމަ މި ހުރިހާ ދުވަހު ދެއްކީ ކޮން ވާހަކައެއް ހެއްޔެވެ؟

ކޯލިޝަނުން ދައްކަނީ ކޮރަޕްޝަންގެ ވާހަކަ އެވެ. މަނީ ލޯންޑެރިންގެ ވާހަކަ އެވެ. މީހުންނަށް ނުހައްގުން އަނިޔާ ދިނުމުގެ ވާހަކަ އެވެ. މި ހުރިހާ ދުވަހަކު އަހަމުން މި ދިޔައީ އެ ހުރިހާ ކަމަކުން އެންމެ ބޮޑަށް ފައިދާވި އެއް ބޭފުޅަކީ އަދީބު ކަމަށް ބުނާތީ އެވެ. އެކަމަކު މިހާރު އަދީބަކީ ގައުމު އިސްލާހުކުރުމުގެ އެއް ލީޑަރަށް ވެއްޖެ އެވެ.

ގައުމުގައި ހިނގި ކޮންމެ ނުބައި ކަމެއްގެ ތުހުމަތު އަދީބާ ހިސާބަށް ނުގެންގޮސް އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ނުހުއްޓަ އެވެ. މިހާ ނުރައްކާ މީހެއްގެ ގޮތުގައި ސިފަކުރި އަދީބު ތަމްސީލު ނުވާ ގޮތަށް ކޯލިޝަނެއް ހެދެން ނެތީ ހެއްޔެވެ؟ އަދީބު އެއްފަރާތެއްގައި ބެހެއްޓެން ނެތް ނަމަ އެއީ ކީއްވެގެންކަން ވަރަށް ސާފުކޮށް ބުނެދޭން ޖެހޭނެ އެވެ.

އަދީބަށް ވެސް ނުހައްގުން އަނިޔާއެއް ދީގެން ނުވާނެކަން ގަބޫލުކުރަމެވެ. އެކަމަކު އަދީބަށް ކުރި ތުހުމަތުތަކަށް ވީ ކިހިނެއްކަން ކޯލިޝަނުން ސާފުކޮށްދޭން ޖެހެ އެވެ. ގައުމުގެ ތާރީހުގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަންގައި އަދީބުގެ ބައިވެރިވުން ނެތް ކަމަށް ނިންމައި ވެރިކަން ވައްޓާލުން ނޫން ކަމަކަށް ފިކުރު ނުހިންގަންވީ ހެއްޔެވެ؟ ކުށެއް ސާބިތު ނުވާހާ ހިނދަކު އަދީބަކީ ވެސް ކުށްވެރިއެއް ނޫނެވެ. އެކަމަކު ކަން ހިނގައިދިޔަ ގޮތް ތަހުގީގަކާ ނުލައި ވެސް ގާތްގަނޑަކަށް އޮތީ ހާމަޔަށް ފެންނާށެވެ. އެކަންކަން ހިނގީ ރޯމާ ދުވާލު އެންމެންގެ ކުރިމަތީގަ އެވެ.

މިއީ ކޯލިޝަނުން ގައުމަށްޓަކައި ކަމަށް ބުނެ މަސައްކަތް ފަށާއިރު ކޮންމެހެން ސާފުކޮށްދޭން ޖެހޭ ކަމެކެވެ. ވެރިކަމެއް ބަދަލުކުރަން ޖެހެނީ ރަނގަޅު ގޮތެއް ހޯދާށެވެ. ގައުމެއް ފާލުން ނައްޓާލުމުގައި އިސްކޮށް ހުރި ކަމަށް ބުނެ ތުހުމަތުތައް އަމާޒުކުރި މީހާ ގޮވައިގެން ސަރުކާރެއް އެކުލަވައިލަން ނިކުތުމަކީ ހަމަ އެ ފަސާދައިގެ ތެރޭގައި ވެރިކަމެއް އުފައްދަން ފޫގެޅުން ނޫން ކޮން ކަމެއް ހެއްޔެވެ؟

ގައުމުގައި ހިނގި ކޮންމެ ނުބައި ކަމެއްގެ ތުހުމަތު އަދީބާ ހިސާބަށް ނުގެންގޮސް އިދިކޮޅު ފަރާތްތަކުން މީގެ ކުރިން ނުހުއްޓަ އެވެ. މިހާ ނުރައްކާ މީހެއްގެ ގޮތުގައި ސިފަކުރި އަދީބު ތަމްސީލު ނުވާ ގޮތަށް ކޯލިޝަނެއް ހެދެން ނެތީ ހެއްޔެވެ؟ އަދީބު އެއްފަރާތެއްގައި ބެހެއްޓެން ނެތް ނަމަ އެއީ ކީއްވެގެންކަން ވަރަށް ސާފުކޮށް ބުނެދޭން ޖެހޭނެ އެވެ. އެހެން ނޫން ނަމަ މިހާރުވެސް ބައެއް މީހުން ތުހުމަތުކުރާ ގޮތަށް، މިއީ ނަޝީދު ސަލާމަތްވެ އެހެން އެންމެންނަށް ފަހު ވަގުތު ކެހި ދޭނެ ކޯލިޝަނެކޭ ބުނާ ބުނުމަށް ނިމުމެއް ނާންނާނެ އެވެ. އަދީބާއި ނަޝީދާ ދެމެދު އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ސަލާމަތް ނުވެވޭ ވަރުގެ ކަންތައްތަކެއް ހުރީ ކަމަށް ބުނާ ވާހަކަ ދައްކާ މީހުން ވެސް އުޅޭނެ އެވެ.