Roadha Mihaaru
ރައީސް ޔާމީން މަގާމުން ދުރުކުރަން އެއްބަސްވެއްޖެ

ރައީސް ޔާމީން މަގާމުން ދުރުކުރަން އިދިކޮޅު އިއްތިހާދުން އެއްބަސްވެއްޖެ

01 ޖޫން 2016

ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ދުރުކޮށް، 2018 ގެ ކުރިން އިންތިހާބެއް ބޭއްވުމުގެ އުއްމީދާއެކު އިދިކޮޅު އިއްތިހާދެއް އެކުލަވާލައި މިއަދު މަސައްކަތް ފަށައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ދުރުކޮށް، 2018 ގެ ކުރިން އިންތިހާބެއް ބޭއްވުމުގެ އުއްމީދާއެކު އިދިކޮޅު އިއްތިހާދެއް އެކުލަވާލައި މިއަދު މަސައްކަތް ފަށައިފި އެވެ.

ލަންޑަންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިއުލާންކުރި ގޮތުގައި، އިދިކޮޅު ކޯލިޝަން ލީޑަރަކީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ. ނައިބު ލީޑަރަކީ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދެވެ. އެޑްވައިޒަރުންގެ ގޮތުގައި ތިން ބޭފުޅަކު ތިއްބަވަ އެވެ. އެއީ، އިނގިރޭސި ވިލާތުގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެވެ.

އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި ތިން ބޭފުޅުންނަކީ ވެސް، ޓެރަރިޒަމްގެ ކުށުގައި ދިގު މުއްދަތަކަށް ޖަލު ހުކުމް އިއްވާފައިވާ ބޭފުޅުންނެވެ. ނަޝީދު އިނގިރޭސި ވިލާތުގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވި އިރު، ނާޒިމާއި އިމްރާން މިހާރު ތިއްބެވީ ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.

އިއްތިހާދުގެ އެއްބަސްވުމުގައި ސޮއިކުރައްވައި ޑރ. ޖަމީލް ނޫސްވެރިންގެ ސުވާލްތަކަށް ޖަވާބު ދެއްވަނީ. -

އިއްތިހާދުގެ އެއްބަސްވުމުގައި ސޮއިކުރައްވައި ޑރ. ޖަމީލް ނޫސްވެރިންގެ ސުވާލްތަކަށް ޖަވާބު ދެއްވަނީ. -

އިއްތިހާދުގައި ހިމެނޭ ހުރިހާ ބޭފުޅުން މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވައިފަ އެވެ. އޭގައިވާ ގޮތުން އިދިކޮޅު އިއްތިހާދުގެ މަސައްކަތަކަށް ވާނީ ޑިމޮކްރަސީ ހަރުދަނާކޮށް މިނިވަން އިންސާފުވެރި އިންތިހާބެއް ރާއްޖޭގައި ބޭއްވުމަށް މަގު ފަހި ކުރުމެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީއާ އެކު ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތް ކުރުމެވެ.

އެއްބަސްވުމުގައިވާ ގޮތުން ރައީސް ޔާމީން ގެންދަވަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނީ ވެރިކަމާއި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް އެކަހެރި ކުރައްވަމުންނެވެ. މި ހާލަތުން އަރައިގަތުމަށްޓަކައި، އިއްތިހާދުގެ އެއްބަސްވުމުގައި އަމާޒު ހިފާފައި ވަނީ 2018ގެ ކުރިން ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށެވެ. އެގޮތުން ރާއްޖޭގައި ޑިމޮކްރެޓިކް ދުސްތޫރީ އަދި ގާނޫނީ ހަމަ އާއި އުސޫލުތައް ގާއިމްކޮށް ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރަން މަސައްކަތް ކުރަން އިދިކޮޅު ފަރާތްތަކުން ވަނީ އެއްބަސްވެފަ އެވެ. އެ މަސައްކަތް ކުރަން ޝެޑޯ ކެބިނެޓެއް ވެސް ވަނީ އެކުލަވާލައިފަ އެވެ.

އިދިކޮޅު އިއްތިހާދުގެ ބައްދަލުވުމުގައި ނަޝީދު ވާހަކަ ދައްކަވަނީ.

އިދިކޮޅު އިއްތިހާދުގެ ބައްދަލުވުމުގައި ނަޝީދު ވާހަކަ ދައްކަވަނީ.

އިއްތިހާދުގެ ހިޔަނި ކެބިނެޓް:

ޑިފެންސް މިނިސްޓަރު: އަބްދުﷲ އަމީން

ފިނޭންސް މިނިސްޓަރު: މުހައްމަދު ޝިހާބު

ހޯމް މިނިސްޓަރު: އަހުމަދު ތަސްމީން

ފޮރިން މިނިސްޓަރު: އަހުމަދު ނަސީމް

ޓްރޭޑް އެންޑް ޓްރާންސްޕޯޓް މިނިސްޓަރު: އާދަމް އާޒިމް

އެންވަޔަރްމެންޓް، ވޭސްޓްމެނޭޖްމަންޓް އެންޑް ކްލީން އެނާޖީ މިނިސްޓަރު: މުހައްމަދު އަސްލަމް

ރިފޯމް އެންޑް ޖުޑިޝަލް މިނިސްޓަރު: ހިސާން ހުސެއިން

ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު: އަހުމަދު ނަޝީދު

އެޑިއުކޭޝަން މިނިސްޓަރު: ޝިފާ މުހައްމަދު

ހަޔާ އެޑިއުކޭޝަން މިނިސްޓަރު: މުސްތަފާ ލުތުފީ

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު: މުހައްމަދު ޝިފާޒް

އިސްލާމިކް މިނިސްޓަރު: ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ

ސިވިލް ރައިޓްސް މިނިސްޓަރު: ހަސަން ލަތީފް

ލޯކަލް ގަވަމަންޓް އެންޑް ޑިސެންޓްރަލައިޒޭޝަން މިނިސްޓަރު- ގައިސް ނަސީރު

ހެލްތު، ސޯޝަލް ޕްރޮޓެކްޝަން އެންޑް ޖެންޑަ- ސިދާތާ ޝަރީފް

ރިސޯޓް އެންޑް ގެސްޓް ހައުސް ޓޫރިޒަމް މިނިސްޓަރު- މުހައްމަދު މަލީހް ޖަމާލް

އިލެކްޝަންސް ކޮމިޝަން އެންޑް އިންޑިޕެންޑެންޓް ކޮމިޝަންސް- އަލީ ނިޔާޒް

ކޮންސްޓިޓިއުޝަނަލް ރިފޯމް މިނިސްޓަރު ހުސެއިން ޝަމީމް

ސްޕޯކްސްޕާސަން- އަހުމަދު މަހްލޫފް

އިއްތިހާދުން އެއްބަސްވުމުގައި ފާހަގަކޮށްފައިވާ ކަންބޮޑުވުންތައް

ވޯޓުން އިންތިހާބުކޮށްފައިވާ ފަރާތްތަކާއި ސިޔާސީ ލީޑަރުންނަށް ބިރުދައްކައި އާއިލާއަށާއި ނަފްސަށް ބިރުވެރިކަން ކުރިމަތިކުރުވައި ސިޔާސީ ދައުވާތައް ކޮށް ޖަލަށް ލުން.

މީޑީއާގެ މިނިވަންކަމަށް ހުރަސްއަޅައި ނޫސްވެރިންގެ ވާޖިބަށް ދަތިކޮށް، ކޮރަޕްޝަންގެ އަމަލުތަކުގެ ވާހަކަ އިން ރެކިވަޑައިގަތުމަށް އަބުރާ ބެހުމަކީ ޖިނާއީ މައްސަލައެއް ކަމުގައި ހަދަން ހުށަހެޅުން.

މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލޭފަދަ ގޮތެއްގައި ސުޕްރީމް ކޯޓުން ގަވައިދުތައް އެކުލަވާލައި މުއައްސަސާތަކުގެ މިނިވަންކަން ނަގާލުން. އަދި ޖަމިއްޔާ، ޖަމާއަތްތަކަށް ސަރުކާރުން ގޯނާކުރުން.

އެއްވެ އުޅުމުގެ އަސާސީ ހައްގު ނިގުޅައިގަނެވޭ މަގުން، ރައީސް ޔާމިންގެ ސަރުކާރުން ގާނޫނުތަކާއި ގަވައިދުތަކަށް އުނިއިތުރު ގެނައުން.

އިދިކޮޅު އިއްތިހާދުގެ ޕްރެސް ކޮންފަރެންސް ކުރިއަށް ދަނީ. -- ޓްވިޓާ ފޮޓޯ: މޫސާ އަންވަރު

އިދިކޮޅު އިއްތިހާދުގެ ޕްރެސް ކޮންފަރެންސް ކުރިއަށް ދަނީ. -- ޓްވިޓާ ފޮޓޯ: މޫސާ އަންވަރު

އިދިކޮޅު ޚިޔާލެއް ފާޅުކުރާ ސިވިލް ސާވަންޓުން ވަޒީފާ އިން ވަކިކުރުން ނުވަތަ އެހެން ދުރު ރަށްރަށަށް މަސައްކަތް ބަދަލުކުރުން.

ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނަގާފައިވާ މައްސަލަ އާއި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައިވާ މަސްއަލައިގެ ހަގީގަތް ހޯދިފައި ނުވާއިރު، އެ މައްސަލަތަކުގެ ތަހުގީގު ގޮސްފައިވާ ހިސާބެއް ހާމަކުރުމަށް ވެސް ކަމާބެހޭ ފަރާތްތަކުން ދެކޮޅު ހެދުން.

ދީނީ ހައްދުފަހަނައެޅި ފިކުރިއްޔާތުގެ ޝިކާރައަކަށްވެ ބޭރު ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގައި "ޖިހާދުގެ" ނަމުގައި ބައިވެރިވުމަށް މަސައްކަތްކުރާ ފަރާތްތައް ހުއްޓުުވުމާއި ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުންވާނެ މަގުން ހުރި ޓެރަރިޒަމްގެ ބޮޑެތި ނުރައްކާތަކާ ކުރިމަތިލުމުގެ ބަދަލުގައި، އިދިކޮޅު ސިޔާސީ ހަރަކާތްތައް މަޑުޖެއްސުމަށް ޓެރަރިޒަމް މަނާކުރުމާ ބެހޭ އާ ބިލެއް ތައާރަފުކޮށް އެހެނިހެން ގިނަ ގާނޫނުތަކާއެކު ބޭނުންކުރުން.

އިއްތިހާދުން ބޭއްވި ޕްރެސް ކޮންފަރެންސް: އަމާޒު ހިފާފައި ވަނީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން.

އިއްތިހާދުން ބޭއްވި ޕްރެސް ކޮންފަރެންސް: އަމާޒު ހިފާފައި ވަނީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން.

ކޯޓުތަކަކީ ރައީސް ޔާމިންގެ ބެއްލެވުމުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހިންގާ ގޮތްޕަކަށްވުމުގެ ބިރުބޮޑުވެ، ބައެއް ފަނޑިޔާރުންނަކީ ސަރުކާރުގެ އެދުންތައް ފާސްކުރުުމުގެ ރަބަރު ތައްގަނޑު އަބަދުމެ ޖަހާން ތިބޭ ބަޔަކަށްވުން. އަދި ދަށު ކޯޓުތަކާއި ފަނޑިޔާރުންނާއި އާންމުން އަޅުދާސް ކުރުވަނިވި ގަވައިދުތަކާއި އެންގުންތަކާއި އުސޫލުތަކާއި ސާކިއުލާތައް އާންމުކުރާ ދާއްބައެއް ފަދަ ބިރުވެރި ފަރާތެއް ކަމުގައި ކޯޓުތައް ސިފަވިހިނދު އަދި ސިޔާސީ ފަރާތްތަކުގެ މައްޗަށް ހުކުމް އިއްވާ ފަނޑިޔާރުންނަށް އިނާޔަތުގެ ގޮތުން މަގާމްގެ ނަހަމަ ޕްރޮމޯޝަންދީ ފަޑިޔާރުގެތަކަށް ކުފޫހަމަނުވާ އަދި ތައުލީމާއި ތަޖްރިބާ އަށް ބެލުމެއްނެތި ފަނޑިޔާރުން އައްޔަންކުރުމާ އެކިއެކި ކޯޓުތަކަށް ސިޔާސީ ސަބަބުތަކަށް ޓަކައި ފަނޑިޔާރުން ބަދަލުކުރުން.

އިލެކްޝަންސް ކޮމިޝަންގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިކޮށް، މިނިވަންކަން ނަގާލާފައިވާތީ، މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމުގެ ފުރުސަތު ކުޑަވެފައި އޮތުން.

ކޮރަޕްޝަނާއި ކަޅު ފައިސާ ދޮވުމާއި ޓެރަރިސްޓް ހަރަކާތްތަކާ ގުޅުންހުރި ފަރާތްތަކަށް ޚަރަދުކުރުމާއި ވާގިވެރިވާކަމުގެ އިތުބާރު ހިފޭ ސީރިއަސް ތުހުމަތުތަކެއް ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުންނާ މެދު ކުރެވުން.

ސަރުކާރުގެ ހަރަދުތަކާއި މުއާމަލާތްތަކާއި ރައީސުލްޖުމްހޫރިއްޔާގެ ޚަރަދުތަކާއި މުއާމަލާތްތަކަށް ޖަވާބުދާރީ ކުރެވޭނެ އެންމެހާ މަގުތައް ބަންދުކޮށް، މުޅި ނިޒާމް ތައައްޔަރުކޮށްފައިވުން.

ފުލުހުންނާއި ސިފައިންގެ މުއައްސަސާ އަކީ ސިޔާސީ ބޭނުމަށް މަސައްކަތް ކުރާ މަރުކަޒުތައް ބަދަލުކޮށް ވަޒީފާގެ ކުރިއެރުން ނުދީ އަދި އުސޫލުން ބޭރުން ވަޒީފާއިން ވަކިކުރުމުގެ ބިރުދައްކާ ދިވެހި ގައުމުގެ އިސްތިގުލާލަށް އުނިކަން ލިބޭގޮތަށް ކަންކަން ކުރުން.

މާޔޫސްވެ ގޮތް ހުސްވެފައި ތިބި ރާއްޖޭގެ ވިޔަފާރިވެރިންނާއި ވިޔަފާރިތަކަށް އިންސާފުވެރި އަދުލުވެރި މާހައުލެއް ގާއިމްކޮށް ފަސާދަ އާއި ނަހަމަ ނުފޫޒުތަކުން މިންޖުވެފައިވާ ހަމަހަމަ ވެއްޓެއް ގާއިމްކޮށްދިނުމަށް މަސައްކަތްކުރުން.

އިދިކޮޅު އިއްތިހާދުގެ ޓުވީޓެއް.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖެ ހުދުމުހުތާރު ވެރިކަމެއްގެ ތެރެއަށް ވެއްޓި ރައްޔިތުންގެ ހައްގުތައް ގެއްލިފައިވާ ކަމަށެވެ. ސިޔާސީ އެތައް ބަޔަކަށް ރައީސް ޔާމީންގެ ސަރުކާރުން ނުހައްގު އަނިޔާތަކެއް ދީފައިވާ ކަމަށާއި އެކުވެރި އިއްތިހާދުން ތެދުވަނީ ގައުމަށްޓަކައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ބޮޑު އިއްތިހާދެއް 2008 ގައި އެކުލަވާލާފައިވާ ކަން ފާހަގަކުރައްވައި ވިދާޅުވީ އެ ފަހަރުގެ އިއްތިހާދުން އުފެދުނު ހިޔާލުތަފާތުވުުންތަކަކީ އިސްލާހަށް މަސައްކަތް ނުކުރަންވީ ކަމެއް ނޫން ކަމަށެވެ. އަދި 2018 ގެ ކުރިން ވަގުތީ ސަރުކާރެއް ގާއިމްކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ވިދާޅުވީ، ބައިނަލްއަގުވާމީ ގުޅުންތައް ކަނޑާލައްވައި ރައީސް ޔާމީން ގެންދަވަނީ އިންޑިއާ ކަނޑަށް ހުރިހާ މައްސަލަތަކެއް ޖަމާކުރައްވަމުން ކަމަށެވެ.

"މިއީ އުނދަގޫ މަސައްކަތެއް. އެކަމަކު އެންމެން އެކީ މަސައްކަތްކޮށްފި ނަމަ ރާއްޖެ ހަމަމަގަށް އެޅުވޭނެ،" ނަޝީދު ވިދާޅުވި އެވެ.