Roadha Mihaaru

އަޅުގަނޑު ވެސް މިހުރީ ހަމަ ރައްޔިތުންގެ ފަޅީގައި: ޝާހިދު

އޭނާ ވެސް ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށާއި އެއީ ތަރައްގީގެ ފަޅި ކަމަށް އައްޑޫ ހުޅުދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) މިއަދު ވިދާޅުވެއްޖެ އެވެ.

އަޅުގަނޑު ވެސް މިހުރީ ހަމަ ރައްޔިތުންގެ ފަޅީގައި:ޝާޑު

އޭނާ ވެސް ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށާއި އެއީ ތަރައްގީގެ ފަޅި ކަމަށް އައްޑޫ ހުޅުދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި، ވެރިކަން ކުރާ ޕީޕީއެމުން ސޮއިކުރެއްވި ބައެއް ބޭފުޅުން މިހާރު ތިއްބެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ވިދާޅުވާތީ، އެއަށް ރައްދު ދެއްވަމުން ޝާހިދު ވިދާޅުވީ އޭނާ އަބަދުވެސް ހުންނަވަނީ ރައްޔިތުންނާ އެކުގައި ކަމަށެވެ. އޭގައި ވަކި އިރެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝާހިދު ވިދާޅުވި އެވެ.

"ރައްޔިތުންގެ ފަޅިއަކީ ތަރައްގީގެ ފަޅި. މި ސަރުކާރަކީ މި ރާއްޖެ ތައްގީ ކުރާ ސަރުކާރު. އެއްވެސް ސަރުކާރަކަށް ރާއްޖެ އަށް ތަރައްގީ ނުގެނެވޭހާ ބާރު ސްޕީޑުގައި ތަރައްގީ އެބަ ގެނެސްދޭ. ހުޅުދޫ ދާއިރާގެ ތަރައްގީ އަށް މިހާރު ވެސް މި ސަރުކާރުން 300 މިލިއަން ރުފިޔާގެ މަޝްރޫއު ކުރިއަށް ގެންދޭ. އެހެންވީމާ މި ފެންނަނީ ތަރައްގީ،" ޝާހިދު ވިދާޅުވި އެވެ

އޭނާ ވިދާޅުވީ ބައެއް ބޭފުޅުން ސިޔާސީ ފިކުރު ބަދަލުކުރާ ކޮންމެ ފަހަރަކު އެ ބޭފުޅުން ތިއްބެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ވިދާޅުވުމަކީ ގަބޫލުކުރައްވަން ދަތި ކަމެއް ކަމަށެވެ. އަދި އެއީ ސިޔާސީ ގޮތުން ވަކި ބައެއްގެ ތާއީދު ހޯދުމަށް ވިދާޅުވާ އެއްޗެއްކަން ޝާހިދު ފާހަގަކުރެއްވި އެވެ.

"އެއީ އިޚުލާސްތެރިކަމާ އެކު ވިދާޅުވާ އެއްޗެއް ކަމަކަށް އަޅުގަނޑު ނުދެކެން. އެއީ ސިޔާސީ ގޮތުން ވަކި ކަމެއް ހާސިލް ކުރުމަށް ބުނެލާ އެއްޗެއް. ރައްޔިތުން ބޭނުންވަނީ ތަރައްގީ. މި ސަރުކާރަކީ އެކަން ކުރާ ސަރުކާރު،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިިއުއެއްގައި، މިހާރު އިދިކޮޅު ފަރާތްތަކާ އެކު ހުންނެވި އިހަވަންދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވީ، މަސީހް މަގާމުން ވަކިކުރަން ވޯޓު ދެއްވާނީ ސާބިތުކަމާއެކު ކަމަށާއި ރައްޔިތުންގެ ފަޅިއަށް ޚިޔާރު ކުރައްވައި، ސަރުކާރާ މިހާރު ފެއަށް ޖެހިވަޑައިގެންފައިވާ ކަމަށެވެ.

"ރައްޔިތުންގެ ފަޅީގައި ރައްޔިތުންގެ އެދޭ ގޮތަށް ވޯޓު ދޭން ނިންމައިގެން މިހުރީ،" މުހައްމާ ވިދާޅުވި އެވެ.