Roadha Mihaaru
ރައީސްގެ މަގާމުން އިސްތިއުފާއެއް ނުދެން: މަސީހު

މަޖިލީހުގެ ރައީސްގެ މަގާމުން އިސްތިއުފާއެއް ނުދެން: މަސީހު

19 ފެބުރުއަރީ 2018

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ދެކެވޭ ވާހަކަ އެމަނިކުފާނު މިރޭ ދޮގުކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް ދެކެވޭ ވާހަކަ އެމަނިކުފާނު މިރޭ ދޮގުކުރައްވައިފި އެވެ.

މަސީހު އިސްތިއުފާ ދެއްވާފައިވާ ކަމަށް ވާހަކަ ފެތުރުނީ، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާގެ ރިޔާސަތުގައި ކުޑަވަގުތުކޮޅަކު އިންނެވުމަށް ފަހު، މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާ ރިޔާސަތު ހަވާލުކުރައްވާފައި ވަޑައިގަތުމުންނެވެ.

ޕީޕީއެމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ ނައިބު ލީޑަރު ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ މަސީހަށް ގުޅުއްވުމުން ނޫސްވެރިންނަށް އިވޭ ގޮތަށް މަސީހު ވިދާޅުވީ އެމަނިކުފާނު މަގާމުން އިސްތިއުފާ ނުދެއްވާ ކަމަށެވެ. މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވޭތޯ ކަމަށް ވިދާޅުވި އެވެ.

އެއީ، ރައީސް އަބްދުﷲ ޔާމީން މި މަހުގެ 5 ގައި އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭގޮތުން މަޖިލީހަށް ހުށަހެޅުއްވި ގަރާރު ފާސްކުރުމުގެ ޖަލްސާ އެވެ.

"އަޅުގަނޑު އިސްތިއުފާއެއް ނުދެން، މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ދެމިހުންނާނަން،" މަސީހް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވި ގޮތުގައި މަޖިލީހުގެ ރިޔާސަތުގައި އިންނެވުމަށް ފަހު، މަސީހު ވަޑައިގަތީ މުހިއްމު ބައްދަލުވުމަކަށެވެ. އެހެންކަމުން، ހަގީގަތް ނުބަލައި ވާހަކަތައް ނުފެތުރުމަށް އެ ޕާޓީގެ އިސް ބޭފުޅުން ގޮވާލެއްވި އެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ނުފޫޒު ފޯރުވައި ބިލްތައް ފާސްކުރާ މައްސަލާގައި މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން ދެ ފަހަރަށް މަޖިލީހަށް ވެއްދި އެވެ. ފުރަތަމަ ފަހަރު މައްސަލަ ބޭރުކޮށްލުމުން، ދެ ވަނަ ފަހަރަށް މައްސަލަ ހުށަހެޅީ 45 މެމްބަރުންގެ ސޮޔާ އެކުގަ އެވެ. އެ މައްސަލަ ބޭރުކޮށްލީ، ޕެޓިޝަންގައި ސޮއިކުރެއްވި ޕީޕީއެމްގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިގެން ނެވެ. އެގޮތަށް ކަނޑައެޅީ ޕީޕީއެމުން އެދިގެން އިލެކްޝަންސް ކޮމިޝަނުންނެވެ.