Roadha Mihaaru
ގާސިމްގެ މައްޗަށް އަލުން ދައުވާއެއް ނުކުރެވޭނެ: ހިސާން

ގާސިމްގެ މައްޗަށް ދެން އަލުން ދައުވާއެއް ނުކުރެވޭނެ: ހިސާން

10 ޖުލައި 2017

ކްރިމިނަލް ކޯޓުން މިރޭ ބޭރުކޮށްލި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްސަލަތައް އަލުން ދެން ކޯޓަށް ހުށަނޭޅޭނެ ކަމަށް އޭނާގެ ވަކީލް ހިސާން ހުސެއިން މިރޭ ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ކްރިމިނަލް ކޯޓުން މިރޭ ބޭރުކޮށްލި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްސަލަތައް އަލުން ދެން ކޯޓަށް ހުށަނޭޅޭނެ ކަމަށް އޭނާގެ ވަކީލް ހިސާން ހުސެއިން މިރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރާ ތިން ދައުވާ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަން ބޭއްވި ޝަރީއަތަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުން ހާޒިރުނުވުމުން އެ މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ.

ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހިސާން ވިދާޅުވީ އެ މައްސަލަ ކޯޓުން ބޭރުކޮށްލުމުން ދެން ވާނެ ގޮތަކާ މެދު ވަރަށް ގިނަ ބަޔަކު ހިތުގައި ސުވާލު އުފެދިފައިވާ ކަމަށެވެ.

"މިއަދު ބާތިލުކުރި މައްސަލައަކީ ފަސް އަޑުއެހުން މިއަދާ ހަމަޔަށް ނިމިފައިވާ މައްސަލައެއް. ދައުވާއަށް ޖަވާބުދާރީވެ ހެކިން ހުށަހަޅާފައި އޮތް މައްސަލައެއް. ހެއްކާ ބެހޭ ގޮތުން ވާހަކަދައްކަން އޮތް މަރުހަލާގައި އޮތް މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ އެފަދަ މަރުހަލާއެއްގައި އޮތް މައްސަލައެއް ބާތިލުވުމުން ޖިނާއީ އަދުލުގެ ނިޒާމް މިހާރު އޮތް ގޮތުން ދެން އަލުން ކޯޓަށް ހުށަހަޅައިގެން ކުރިޔަށް ގެންދަން ތަން ނުދޭ ކަމަށެވެ.

"ހަގީގަތުގައި މިހާރު އޮނަރަބްލް ގާސިމް އިބްރާހިމްގެ މައްޗަށް ކުރަމުން އައި ދައުވާތައް މި ނިމުމަކަށް އައީ. ދެނެއް އެމަނިކުފާނުގެ މައްޗަށް އިތުރަކަށް މި މައްސަލައިގައި ދައުވާތަކެއް ކުރިޔަކަށް ނުގެންދެވޭނެ،" ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލުން އެ މައްސަލަ ކޯޓަށް ހުށަހަޅުއްވާ ނަމަ އެއީ ގާނޫނުއަސާސީ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނު އަދި ޖިނާއީ އަދުލުގެ ނިޒާމާ ކަނޑައެޅިގެން ހިލާފަށް ޕްރޮސިކިއުޓާ ޖެނެރަލް ކުރައްވާނެ މަސައްކަތެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް މިއަދު ޕީޖީ އެ ދެއްކެވި ފިނޑި އަމަލުން ސާބިތުވެގެން ދަނީ ނުފޫޒު އޮތީ ކޮން ބައެއްގެ މައްޗަށް ކަމަށާއި ކިހާ މިންވަރަކަށް ކަން. ދައުވާ މިކުރަނީ އޮނަރަބްލް ގާސިމް އިބްރާހިމްގެ މައްޗަށް ބަޔަކަށް ނުފޫޒު ފޯރުވަން މަސައްކަތްކުރިކަމަށް. އެކަމަކު ހާމަވެގެން މިދަނީ ދައުވާކުރި ފަރާތުގެ މައްޗަށް އޮތް ނުފޫޒު،" ހިސާން ވިދާޅުވި އެވެ.

"ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މިހާރު އަމަލުކުރަން ފަށާފައިވާ ދަނޑިވަޅު ދައުލަތުގެ ފަރާތުން މީހެއްގެ މައްޗަށް ދައުވާއެއް އުފުލުމަށް ފަހު އެ ދައުވާ އަނބުރާ ގެންދިއުމުގެ ބާރު ދައުލަތަށް މި ލިބެނީ މައްސަލާގައި އޮންނަ އިބްތިދާއީ އަޑުއެހުމާއި ފުރަތަމަ ޝަރީއަތުގެ މަޖިލީހާ ދެމެދު. ފުރަތަމަ ޝަރީއަތުގެ މަޖިލީހުގައި ފުރަތަމަ އަޑުއެހުން ނިމުމަށް ފަހު ދެން އަލުން މައްސަލަ ހުށަހެޅުމަށް ވެސް ނުވަތަ އެނޫން ސަބަބަކަށް ވެސް އަނބުރައެއް ނުގެންދެވޭނެ،" ހިސާން ވިދާޅުވި އެވެ.