Roadha Mihaaru
"ގޮނޑި ގެއްލުވާލުމުގެ ބާރު ސުޕްރީމް ކޯޓަކަށް ނެތް"

ގާނޫނުއަސާސީގެ ވަކި މާއްދާއެއް ކަމަށް ބެލެވިދާނެ ފަދަ ހުކުމެއް ސުޕްރީމް ކޯޓަކަށް ނުކުރެވޭނެ: ވަހީދު

11 ޖުލައި 2017

ގާނޫނުއަސާސީގެ ވަކި މާއްދާއެއް ކަމަށް ބެލެވިދާނެ ފަދަ ހުކުމެއް ސުޕްރީމް ކޯޓަކަށް ނުކުރެވޭނެ ކަމަށް ގާނޫނީ ވަކީލު އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ގާނޫނުއަސާސީގެ ވަކި މާއްދާއެއް ކަމަށް ބެލެވިދާނެ ފަދަ ހުކުމެއް ސުޕްރީމް ކޯޓަކަށް ނުކުރެވޭނެ ކަމަށް ގާނޫނީ ވަކީލު އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ މަގާމަށް ހޮވޭއިރު ތިބޭ ޕާޓީ ފިޔަވައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ އެ ޕާޓީއަކުން ވަކިވެއްޖެ ނަމަ މެމްބަރު ކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާގައިވާ މައްސަލައާ ގުޅޭ ގޮތުން، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ބާރު ލިބެނީ ރައްޔިތުންގެ މަޖިލީހަށް އެކަނި ކަމަށެވެ. ވިދާޅުވި އެވެ.

"ހަމައެކަނި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް ދީފައި އޮންނަ ބާރަކީ ގާނޫނުއަސާސީގެ 145 ވަނަ މާއްދާގެ ނ. މާނަކުރުން. އެ މާނަކުރުމުގައި ޕާޓީއަކުން މީހަކު ވަކިކުރުމާއި ވަކިވުމާއި އަދި ވިޕްލައިނަކާ ޚިލާފުވެގެން ކޮންމެ ގޮތަކަށް ހެދިޔަސް ސުލޫކީ ފިޔަވަޅެއް އެޅިޔަސް، މިހާ ކުޑަކުޑަ ކަމެއްގެ ތެރެއަށް މި ކަހަލަ ކަމެއް ދީފި ނަމަ ސުޕްރީމް ކޯޓަށް އޮންނަ ކަމެއް އާދައިގެ ސިޔާސީ ޕާޓީއެއްގެ ލީޑަރެއްގެ އަތްމައްޗަށް ހިނގައްޖެ ނަމަ، ދައުލަތުގެ ދުސްތޫރު މިންގަނޑާއި އިސްތިގުލާލް ގެއްލި، މިނިވަންކަން ގެއްލި، މުޅި ގައުމު ފަސާދައިގެ ތެރެއަށް ހިނގައިދާނެ،" ޖުމްހޫރީ ޕާޓީގެ ހަރުގެ މ. ކުނޫޒުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ވަހީދު ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަމަލުކުރަން ވާނެ ގޮތް ގާނޫނުއަސާސީގެ 75 މާއްދާގައި ކަނޑައަޅާފައިވެ އެވެ.

"ސިޔާސީ ޕާޓީއެއްގެ ވަކި ކަންތައްތަކެއް ކުރިއެރުވުމަށް ވިޕްލައިނެއް ކަނޑައަޅައި އެފަދަ ގޮތަކަށް ކަންތައްތައް ކުރުމަކީ އެއީ ރައްޔިތުންގެ މަޖިލިސްގެ މެމްބަރުކަން ގެއްލޭނެ ކަމެއް ނޫންކަން ވަރަށް ސާފުކޮށް އެބައޮތް،" ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ވޯޓުދިން ގޮތަކުން ދައުވާއެއް ނުކުރެވޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވަނިކޮށް، ސިޔާސީ ޕާޓީއަކުން ނަގާ ވިޕްލައިނެއްގެ މައްޗަށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައިވާ ގޮތާ ޚިލާފަށް އެ މާއްދާ މާނަކުރުމުގެ އިޚުތިޔާރެއް ސުޕްރީމް ކޯޓަށް ވެސް ލިބިގެން ނުވާ ކަމަށް ވަހީދު ވިދާޅުވި އެވެ.

އެ މާއްދާގައި އޮންނަނީ ސާބިތު ދަރަންޏެއް އޮތް މީހަކު ހުކުމާ އެއްގޮތަށް އަދާކުރަމުން ނުދާ ނަމަ އަދި 12 މަސް ދުވަހަށް ވުރެ ގިނަ ދުވަހުގެ ޖިނާއީ ހުކުމެއް ތަންފީޒުކުރަމުންދާ ނަމަ ގޮނޑިގެއްލޭނެ ކަމަށެވެ. އެފަދަ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ތިން އަހަރު ނުވާ ނަމަވެސް ގޮނޑި ގެއްލޭނެ ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.

"އެ ނުކުތާތަކުގެ މައްޗަށް އަޅާބަލާއިރުގައި ނެތް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި މި ނޫން ގޮތަކަށް ގެއްލޭނެ އެއްވެސް ހާލަތެއް ގެނެވޭނެ ގޮތެއް އުސޫލެއް، ހަމައެއް. އެހެންވީމަ މީގެ މައްޗަށް ބިނާކޮށްގެން މި ދެންނެވި ކަންތައްތަކުގެ މައްޗަށް ގާނޫނެއް ހެދިފައި ނެތުމަކީ އެއްވެސް ހާލެއްގައި އިހުމާލުވެ، އަމަލުކުރަން އޮތް ފުރުސަތެއް ނޫން،" ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބު ނުވަތަ އެނޫން ވެސް ފަރާތަކުން ހުށަހެޅި ނަމަވެސް އެ ނޫން އެއްވެސް ހާލަތެއް އުފެއްދުމަކީ ގާނޫނުއަސާސީއަށް ބަދަލު ގެނައުމެވެ. އަދި ގާނޫނުއަސާސީ އަށް ބަދަލު ގެނައުމުގެ ބާރެއް ސުޕްރީމް ކޯޓަކަށް ނޯންނާނެ ކަމަށް ވަހީދު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި މިއަދު ބޭއްވި ނިއުސް ބްރީފިންގައި ވަހީދު ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި މިއަދު ބޭއްވި ނިއުސް ބްރީފިންގައި ވަހީދު ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

"މި ގާނޫނުއަސާސީގައި އެ ގޮތަށް ކަނޑައަޅާފައި ވަނިކޮށް، އެ ނޫން ގޮތަކަށް ހުކުމެއް ބިނާކުރުމަކީ ގާނޫނުއަސާސީ އަށް ގެނެވުނު އިސްލާހަކަށް ވެގެން ދާނެ ފަދަ ހުކުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނިންމަވާފާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެ ބޭފުޅުންނަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ދުނިޔޭގެ ގާނޫނުތައް ވެސް ވަރަށް ފުރިހަމަ އަށް ދެނެވަޑައިގަންނަވާ ބޭފުޅުން،" އޭނާ ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ މީގެ ކުރިން ލޯކަލް ކައުންސިލްތަކުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ނުގެއްލޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ގާނޫނުއަސާސީގެ 30 ވަނަ މާއްދާ އާއި ޕާޓީތަކުގެ ގާނޫނާ ހަވާލާދީ ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބެލިއިރު ފަސް ފަނޑިޔާރުން ތިއްބެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުމުން ސަރުކާރަށް އެއްވެސް ބައެއްގެ މަގާމު ދެން ދިފާއުކޮށް ނުދެވޭނެ ކަމަށެވެ. އަދި އެއްވެސް ފަނޑިޔާރެއްގެ މަގާމެއް ވެސް ދިފާއުކޮށް ނުދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ. މި ހިސާބަށް ކަންތައް ގޮސްފައިވާއިރު، އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލޭނެ ފަދަ ހުކުމެއް ސުޕްރީމް ކޯޓުން ނުކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވަހީދު ވިދާޅުވި އެވެ.

ކުނޫޒްގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ހިސާން ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ކުނޫޒްގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ހިސާން ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މިއަދުގެ ނިއުސް ބްރީފިންގައި ގާނޫނީ ވަކީލު ހިސާން ހުސެއިން ވިދާޅުވީ ގާނޫނުއަސާސީ އަށް އުނިއިތުރު ގެނައުމަކީ ސުޕްރީމް ކޯޓުގެ މެންޑޭޓްގަައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ކުރެވޭނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިސާން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީށް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވާއިރު، އެ މައްސަލަ އެޖެންޑާ ކުރާނެ ދުވަހެއް މިހާތަނަށް މަޖިލީހުގެ އިދާރާ އިން ކަނޑަނާޅާތީ އެކަމާ ވެސް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މިހާރު ހުށަހަޅާފައިވާ މައްސަލަ މި މަހުގެ 24 ގެ ކުރިން ތާވަލްކުރަން ޖެހޭނެ އެވެ. އަދި ޕީޕީއެމްގެ މަދު މެމްބަރުންތަކަކަށް މަޖިލިސް ހިސާރުކޮށްގެން ތިބުމުގެ ފުރުސަތު މަޖިލީހުގެ އަމީން އާއްމު އަހުމަދު މުހައްމަދު ދެއްވައިގެން ނުވާނެ ކަމަށް ހިސާން ވިދާޅުވި އެވެ.