Roadha Mihaaru
ބަދަލުވި މަންޒަރާއި އެންޓި ޑިފެކްޝަން ގާނޫނުގެ ބަހުސް

ބަދަލުވި މަންޒަރާއި އެންޓި ޑިފެކްޝަން ގާނޫނު އުވާލުމުގެ ބަހުސް

31 އޮކްޓޯބަރ 2018

ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނަށް ލިބުނު ކާމިޔާބަށް ފަހު ވަރަށް ގިނަ ކަންކަން ދަނީ ބަދަލުވަމުންނެވެ. ކުރިން ވާހަކަ ދެއްކި ރާގާއި ބަސްމަގު ވެސް ބަދަލުވެއްޖެ އެވެ. ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނަށް ލިބުނު ކާމިޔާބަށް ފަހު ވަރަށް ގިނަ ކަންކަން ދަނީ ބަދަލުވަމުންނެވެ. ކުރިން ވާހަކަ ދެއްކި ރާގާއި ބަސްމަގު ވެސް ބަދަލުވެއްޖެ އެވެ. ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ.

ސިޔާސީ މަސްރަހުގައި ބަދަލުވި މަންޒަރާ އެކު މިހާރު އެންމެ ބޮޑު ބަހުސެއް އޮތީ މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހަދާފައިވާ އެންޓި ޑިފެކްޝަން ގާނޫނު އުވާލުމުގެ މައްސަލާގަ އެވެ. އެ ގާނޫނަށް އެންމެ ބޮޑަށް ދެކޮޅުހެދި އަދި އެ ގާނޫނު އުވާލަން އެންމެ ބޮޑަށް ކުރިން މަސައްކަތް ކުރި އިދިކޮޅު ބައެއް މެމްބަރުންގެ ވިސްނުން މިއަދު ހުރީ އެ ގާނޫނު އުވާނުލުމަށެވެ. އިސްލާހުތަކެއް ގެނެސްގެން ވެސް، އެފަދަ ގާނޫނެއް ރާއްޖެއަށް މުހިންމު ކަމަށް އެ މެމްބަރުން މިހާރު ދެކެވަޑައިގަންނަވަ އެވެ.

އަނެއް ކޮޅުން، އެ ގާނޫނު ފާސްކުރަން ކުރިން ވޯޓު ދީ އަދި އެ ގާނޫނުގެ ދިފާއުގައި އެންމެ ބޮޑަށް އޭރު ވަކާލާތުކުރި ޕީޕީއެމްގެ މެމްބަރުން މިހާރު ތިބީ އެ ގާނޫނުގެ މަޅި އެ މީހުންގެ ކަރަށް މެހިދާނެ ކަމުގެ ބިރުވެރިކަމުގަ އެވެ. ސިޔާސީ މަސްރަހަށް މި އައި ކުއްލި ބަދަލަށް ފަހު، "ތިމާ ފޭހުނު އިލޮށިގަނޑު ތިމާގެ ލޮލަށް ހެރި"، މެމްބަރު ކަމުގެ ގޮނޑި ގެއްލިިދާނެތީ ޕީޕީއެމްގެ ގިނަ މެމްބަރުންގެ ވިިސްނުން މިހާރު ހުރީ އެ ބޭފުޅުން އޭރު އެންމެ ބޮޑަށް ދިފާއުކުރި އެންޓި ޑިފެކްޝަންގެ ގާނޫނު އުވާލުމަށެވެ.

އެންޓި ޑިފެކްޝަނަކީ އޭގެ ޒާތުގައި ބަރުލަމާނީ ނިޒާމާ ގުޅޭ އުސޫލެކެވެ. ބަރުލަމާނީ ނިޒާމުގައި ސަރުކާރުތައް އުފެދިގެން އަންނަނީ މަޖިލީހުގެ ތެރެއިން ކަމަށް ވެފައި، އެއިރެއްގައި މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ބަޔަކީ ސަރުކާރު ހިންގާ ބަޔަކަށް ވާތީ ބަރުލަމާނީ ނިޒާމުތަކުގައި މަޖިލިސް މެމްބަރުން ޕާޓީ ބަދަލު ކުރުމަކީ ސަރުކާރު ވެއްޓުމުގެ ބިރު އޮންނަ ކަމެކެވެ. އެހެންވެ، ޕާޓީ ބަދަލު ކުރުމުން މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް އޮންނަނީ އާންމުކޮށް ބަރުލަމާނީ ނިޒާމު ހިންގާ ގައުމުތަކުގަ އެވެ.

އެންޓި ޑިފެކްޝަނަކީ ރާއްޖޭގައި މި އޮތް ރިޔާސީ ނިޒާމާ އެހާ ރަހުމަތްތެރި އެއްޗަކަށް ނުވިޔަސް، އެންޓި ޑިފެކްޝަންގެ ގާނޫނެއް ރާއްޖެ އަށް މުހިންމު ކަމަށް ގަބޫލުކުރާ މީހުން މިހާރު މަދެއް ނޫނެވެ. އާ ގާނޫނު އަސާސީއާ އެކު ގިނަ ޕާޓީތައް އެކުލެވޭ ނިޒާމެއް ރާއްޖެއަށް ލިބުނު ފަހުން، ވޭތުވެދިޔަ 10 ވަރަކަށް އަހަރު މަޖިލީހުގައި ފެނިގެންދިޔަ "ގަނެ ވިއްކުމުގެ" ވިޔަފާރިތަކަކީ އެންޓި ޑިފެކްޝަން އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރާ މީހުން ދައްކާ ސަބަބެވެ.

އެހެންވެ، ވަކި ފިކުރެއްގައި އިންތިޚާބަށް ނިކުމެ މެމްބަރު ކަން ލިބުމުން، ވޯޓު ދިން ރައްޔިތުންގެ ބޮލުގައި ކޮޅު ފައިން ޖަހައި، ޕާޓީ ބަދަލުކުރާ ކުރުން ހުއްޓުވަން ޖެހޭނެ ކަމަށް އެއް ބަޔަކު ގަބޫލުކުރެ އެވެ. އެންޓި ޑިފެކްޝަންގެ ގާނޫނު އޮވެއްޖެ ނަމަ، އެކަން ހުއްޓުވޭނެ ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. އެކަމަކު އަނެއްކޮޅަށް ވިސްނާލާއިރު، އޭގެ ސަބަބުން ނިކުމެދާނެ މައްސަލަތައް ވެސް ވަކި ކުޑައެއް ނޫނެވެ. އިދިކޮޅު ކޯލިޝަންގެ މެމްބަރުންގެ މެދުގައި ވެސް މިކަމުގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތެވެ. އެހެންކަމުން މިއީ ދެކޮޅަށް ވެސް ބަހުސް ކުރެވެން އޮތް ބޮޑު މައުޟޫއުއެކެވެ.

ގާނޫނު އަސާސީ ބުނާ ގޮތުން މަޖިލީހުގެ މެމްބަރުން އަބަދުވެސް އެ މީހުންގެ މަސްއޫލިއްޔަތުތައް އަދާ ކުރަންވާނީ މުޅި ގައުމާއި ރައްޔިތުންގެ މަންފާއަށް އިސްކަން ދީގެންނެވެ. އެ މެމްބަރަކު ނިސްބަތްވާ ފިކުރެއް ނުވަތަ ޕާޓީއެއްގެ މަސްލަހަތަށް އިސްކަން ދިނުމުގެ ވާހަކައެއް ގާނޫނު އަސާސީގެ އެއްވެސް މާއްދާއަކު ނެތެވެ. މިހާރު އޮތް ފަދަ އެންޓި ޑިފެކްޝަން ގާނޫނެއް އޮވެއްޖެ ނަމަ، އޭގެ ނަތީޖާއަކަށް ވެގެންދާނީ ރައްޔިތުންނަށް ވުރެ ޕާޓީގެ ފިކުރު އިސް ކުރަން މެމްބަރުންނަށް މަޖުބޫރު ވުމެވެ.

އެހެންވުމުން ގައުމުގެ މަސްލަހަތާ ގުޅޭ މުހިންމު ކަންކަމުގައި ރައްޔިތުންގެ މަންފާއަށް ބަލައިގެން ވޯޓު ދިނުމުގެ ބަދަލުގައި، ޕާޓީގެ އެންގުމާ އެއްގޮތަށް ވޯޓު ދިނުން މަޖުބޫރުވާ ހާލަތްތައް އުފަންވުމުގެ ފުރުސަތު އެންޓި ޑިފެކްޝަންގެ ގާނޫނަކުން އެބަ އޮތެވެ. ސަބަބަކީ ޕާޓީގެ އެންގުމަށް ތަބާ ނުވެއްޖެ ނަމަ، ގޮނޑި ގެއްލުމުގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހޭތީ އެވެ. ވޭތުވެދިޔަ ކުރު މާޒީގައި ވެސް މަޖިލީހުގައި އެފަދަ އެތައް މަންޒަރުތަކެއް ފެނިގެން ހިނގައްޖެ އެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީތައް ކިތަންމެ ޑިމޮކްރަޓިކް ކަމަށް ދެއްކިޔަސް، އެތެރޭގެ ޑިމޮކްރަސީ ދޯހަޅި އެވެ. ޕާޓީތަކުގެ ލީޑާޝިޕުން ބޭނުންވާހާ ގޮތަކަށް އެ ޕާޓީއެއްގެ އެތެރޭގެ ގުނަވަންތަކުގެ މަސައްކަތްތައް އޮންނަނީ ބައްޓަންވެފަ އެވެ. މިފަދަ ހާލަތެއްގައި ޕާޓީތައް އޮތުމުގެ ނަތީޖާއަކީ ރައްޔިތުންގެ އެތައް ހާސް ބައެއްގެ ވޯޓުން އިންތިޚާބުކުރާ މަޖިލިސް މެމްބަރުން ކޮންޓްރޯލް ކުރުމުގެ ފުރުސަތު ޕާޓީތަކުގެ ލީޑާޝިޕްގެ މަދު ބަޔަކަށް ލިބުމެވެ. އެހެން ގޮތަކަށް ބުނާ، މެމްބަރުން "ކަސްތޮޅު އެޅުވުމުގެ" ބާރު ޕާޓީތަކަށް ލިބުމެވެ.

ދެން އޮތީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އިލެކްޝަންސް ކޮމިޝަނެވެ. ގިނަ މީހުން މިހާތަނަށް ވެސް އެ ކޮމިޝަން ސިފަކުރަމުން އައީ އެ އިރެއްގައި "ވައި ޖެހޭ ކޮޅެއްގައި" ތިބޭ ބައެއްގެ ގޮތުގަ އެވެ. މަޖިލީހުގައި 60،000 ރައްޔިތުން ތަމްސީލުކުރާ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އެ ކޮމިޝަނުން މިދިޔަ އަހަރު ނިންމި ނިންމުމާއި އޭގެ ފަހުން އެކަމުގައި އެ ކޮމިޝަނުން އަމަލުކުރި ގޮތަކީ އޭގެ ސާފު މިސާލެކެވެ.

މަޖިލީހުގެ ޖަލްސާއެއް --- ފޮޓޯ/މަޖިލިިސް

މަޖިލީހުގެ ޖަލްސާއެއް --- ފޮޓޯ/މަޖިލިިސް

ކުރިން ވެސް ފާހަގަކުރިހެން، އެންޑި ޑިފެކްޝަންގެ ގާނޫނެއްގެ ދަށުން މެމްބަރުން ކޮންޓްރޯލް ކުރުން ޕާޓީތަކާއި މިނިވަން މުއައްސަސާތަކުގެ އަތްމަތީގައި ބޭއްވުމަކީ އެކަމުން ފައިދާއަށް ވުރެ، ރައްޔިތުންގެ ހައްގާއި މަސްލަހަތު ގެއްލުމަށް އޮތް ބިރު ބޮޑު ކަމެކެވެ. އެހެންވެ، ސީދާ ރައްޔިތުންނަށް ބާރު ދިނުން ކިހިނެއް ހެއްޔެވެ؟.

އިންތިޚާބީ މަގާމުތަކުގައި ތިބޭ މީހުން މަގާމުން ދުރުކުރުމުގެ ބާރު ސީދާ ރައްޔިތުންނަށް ދިނުމަކީ ކުރިއަރާފައިވާ ގައުމުތަކުގައި މިހާރު ވެސް ކުރާ ކަމެކެވެ. އޭރުން ކަނޑައެޅޭ ވަކި އަދަދެއްގެ ރައްޔިތުން ސޮއިކޮށް ޕެޓިޝަނެއް ހުށަހެޅުމުން އެ މެމްބަރަކު މަގާމުގައި ބަހައްޓަން ފެނޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ރައްޔިތުންގެ މެދުގައި ރި ކޯލް ވޯޓަށް ދާނެ އެވެ. އެ ވޯޓުގައި، އެ މެމްބަރަކު މަގާމުން ދުރުކުރަން ގިނަ ރައްޔިތުން ވޯޓު ދީފި ނަމަ، ދައުރު ހަމަނުވިޔަސް އެ މީހެއްގެ މަގާމު ގެއްލުނީ އެވެ. މިއީ މިހާރު މި އޮތް ނިޒާމަށް ވުރެ ބޮޑަށް ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރެވޭ ފަދަ ފޯމިއުލާއަކަށް ވެދާނެ އެވެ.

އެކަމަކު ގާނޫނު އަސާސީ އިސްލާހުކޮށްގެން މިފަދަ ބާރެއް ސީދާ ރައްޔިތުންނަށް ދޭ ނަމަ ވިސްނަން ޖެހޭ އެހެން ކަމެއް ވެސް އެބަ އޮތެވެ. ދައުރުގެ މެދު ތެރެއިން ރިކޯލް ވޯޓުތައް ބާއްވަން ޖެހޭ ނަމަ، އެކަމަށް ހިނގާނެ ޚަރަދުތައް ބޮޑުވާނެ އެވެ.

ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މިހާރު އޮތް އެންޓި ޑިފެކްޝަން ގާނޫނު އެ ގޮތުގައި ބޭއްވުން ރަނގަޅެއް ނޫނެވެ. އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި އެ ބޭފުޅުން ވެސް ފާހަގަކުރަނީ ރައްޔިތުންގެ މަސްލަހަތަށް ވުރެ ބޮޑަށް، އެ ގާނޫނުގެ ނާޖާއިޒް ފައިދާ ޕާޓީތަކުން ނެގުމެވެ.

"މިހާރު އޮތް ގާނޫނަކީ ވަކި ބަޔަކަށް އަމާޒު ކޮށްގެން ހެދި އެއްޗެއް. އެހެންވެ، އެ އޮތީ މަގްސަދު ގޯސްވެފައި. މަގްސަދު ގޯސްވީމަ އެއިން ނިކުންނަ ނަތީޖާ ވެސް ގޯސްވާނެ. އެހެންވީމަ މިހާރު އޮތް ގޮތަކަށް ގާނޫނެއް ބޭއްވުން ރަނގަޅެއް ނޫން." ވަކީލް ހުސައިން ޝަމީމް ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޕާޓީ ބަދަލުކުރާ ހާލަތުގައި މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަންގެ ގާނޫނެއް ހަދާ ނަމަ، އެކަން ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމެވެ. ސަބަބަކީ މިހާރު ގާނޫނު އަސާސީގައި ޕާޓީ ބަދަލު ކުރުމަކީ މެމްބަރުންގެ ގޮނޑި ގެއްލޭ ކަމެއް ކަމަށް ބަޔާން ކޮށްފައި ނެތުމެވެ. އަދި ދެވަނަ ކަމެއްގެ ގޮތުގައި، އެކަމަށްޓަކައި ޚާއްސަ ގާނޫނެއް ހަދަން ޖެހޭނީ ވަރަށް ބޮޑަށް ދިރާސާ ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މި އޮތް ގޮތަށް މުތުލަގަށް އޮތީމަ މައްސަލަތައް ދިމާވާނެ ވަރަށް ބޮޑަށް. އެހެންވީމަ ދިރާސާ ކޮށްގެން އެކަމަށް ވަކި ގާނޫނެއް ހަދަން ވާނީ. އޭގައި އޮންނަން ވާނެ ފްލޯ ކްރޮސް ކުރެވޭނެ އިސްތިސްނާ ހާލަތުތަކެއް ވެސް،" އޭނާ ވިދާޅުވި އެވެ.

އެހެން ވަކީލަކު ވެސް ވިދާޅުވި ގޮތުގައި އެންޓި ޑިފެކްޝަންގެ ގާނޫނު ބޭއްވުން މުހިންމު ކަމަށް ދެކޭ ނަމަ އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ގާނޫނު އަސާސީ އިސްލާހު ކުރުމެވެ. މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ގާނޫނު އަސާސީގައި ބަޔާން ކޮށްފައި ވާއިރު، އޭގެ ތެރޭގައި ޕާޓީ ބަދަލު ކުރުން މިހާރު ހިމެނިފައި ނެތް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އެންޓި ޑިފެކްޝަން ގޯހެކޭ ނުދަންނަވަން. އެކަމަކު އެގޮތަށް އެކަން ކުރަންޏާ ގާނޫނު އަސާސީ އިސްލާހު ކުރަން ޖެހޭނީ އެންޓި ޑިފެކްޝަންގެ އުސޫލުތައް ހިމަނައިގެން. އެހެން ނޫނީ ގާނޫނު އަސާސީ އިސްލާހު ކޮށްފައި ލިޔަންވީ ޕާޓީ ބަދަލު ކުރުމުގެ ގޮނޑި ގެއްލޭ ހާލަތްތައް ގާނޫނަކުން ބަޔާން ކުރެވިދާނެއޭ. މިގޮތަށް މިކަން ކުރެވޭނީ. އެހެން ގައުމެއްގައި އެކަން ކުރާތީއޭ ކިޔާފައި އަހަރުމެން ކޮށްގެން ނުވާނެ. ކުރާ ނަމަ، ކުރަން ޖެހޭނީ ރަނގަޅު ގޮތުގައި،" އެ ވަކީލް ވިިދާޅުވި އެވެ.

އެންޓި ޑިފެކްޝަންގެ ގާނޫނަކުން ލިބޭ ފައިދާއާ އެއް ވަރަށް އޭގެ ސަބަބުން ކުރިމަތިދާނެ މައްސަލަތައް ވެސް އެބަ ހުއްޓެވެ. އެފަދަ ގާނޫނެއް ބޭއްވުމާއި ނުވަތަ އުވާލުމާ މެދު މަޖިލީހުން ގޮތެއް ނިންމުމުގައި ފުޅާ ދާއިރާއެއްގައި އެކަން ކަމަށް ވިސްނަން ޖެހެ އެވެ.