Roadha Mihaaru
ރާއްޖޭގައި އެކުއަތުލޯން ރޭހެއް ބާއްވަނީ

ރާއްޖޭގައި އެކުއަތުލޯން ރޭހެއް ބާއްވަނީ

13 ޖުލައި 2017

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުއަތުލޯން މުބާރާތެއް ބާއްވަން މާލޭ ފިޓްނަސް ކްލަބުން ތައްޔާރުވެއްޖެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުއަތުލޯން މުބާރާތެއް ބާއްވަން މާލޭ ފިޓްނަސް ކްލަބުން ތައްޔާރުވެއްޖެ އެވެ.

މިއީ ދުވުމާއި ފެތުމާއި ބައިސިކަލް ދުއްވުން ހިމެނޭ މަޝްހޫރު ޓްރައިތެލޯން އާއިލާގައި ހިމެނޭ ކުޅިވަރު އިވެންޓެކެވެ. ދުވުމާއި ފެތުން ހިމެނޭ އެކުއަތުލޯން އޮންނާނީ މި މަހުގެ 21 ވަނަ ދުވަހު މާލޭގަ އެވެ. ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މުބާރާތުގައި ހިމެނޭ މައި ކެޓަގަރީތަކަކީ ފިރިހެނުންގެ އެލީޓް، އަންހެނުންގެ އެލީޓް އަދި ފިރިހެނުންގެ އެލީޓް ޓީމް އިވެންޓާއި އަންހެނުންގެ އެލީޓް ޓީމް އިވެންޓެވެ. މި ކެޓަގަރީތަކުގައި ޖެހޭނީ ދެ ކިލޯމީޓަރުގެ ދުވުމަށް ފަހު 600 މީޓަރު ފެތުމަށް ފަހު އިތުރު ދެ ކިލޯމީޓަރު ދުވާށެވެ.

ދެން ހިމެނޭ ކެޓަގަރީތަކަކީ 16 އަހަރުން ދަށުގެ ފިރިހެން، 16 އަހަރުން ދަށުގެ އަންހެން، 16 އަހަރުން ދަށުގެ ފިރިހެން ޓީމް، 16 އަހަރުން ދަށުގެ އަންހެން ޓީމް، 16 އަހަރުން ދަށުގެ މިކްސް އަދި ފެމިލީ ރިލޭ އެވެ. މި ކެޓަގަރީތަކުގައި އޮންނާނީ އެއް ކިލޯމީޓަރުގެ ދުވުމާއި 300 މީޓަރު ފެތުން އަދި އެއް ކިލޯމީޓަރުގެ ދުވުމެވެ. ޓީމް އިވެންޓްތަކުގައި ދެ ބައިވެރިން ނުވަތަ ތިން ބައިވެރިންނަށް ވެސް ވާދަކުރެވިދާނެ އެވެ.

މާލޭ ފިޓްނަސް ކްލަބުން ބުނީ މި ޗެލެންޖުގެ ބޭނުމަކީ ރާއްޖޭގައި ލައިފްސްޓައިލް ފިޓްނަސް އާލާކުރުން ކަމަށެވެ. އެގޮތުން ކަސްރަތުކުރުމަކީ ކޮންމެ މީހެއްގެ ދިރިއުޅުމުގެ ބައެއްކަމުގައި ހަދައި ދުވުމާއި ފެތުން ފަދަ ކަންކަމަކީ ދުޅަހެޔޮ ދިރިއުޅުމަށް މުހިއްމުކަމެއްކަން އަންގައިދިނުމަކީ މި ޗެލެންޖުގެ އަމާޒެކެވެ.

ޗެލެންޖުން އެއް ވަނަ އާއި ދެ ވަނަ އަދި ތިން އަށް ހޮވޭ ފަރާތްތަކަށް މާލޭ ފިޓްނަސް ކްލަބުން އަދި ކުޑަހުސެން ސްޕޯޓްސް އެކަޑަމީން އެއް މަސް ދުވަހުގެ ހިލޭ ޓްރެއިނިން ލިބޭނެ އެވެ. މި ޗެލެންޖުގެ ޕާޓްނަރަކީ ރާއްޖެ އަށް އަލަށް ތައާރަފްކުރާ ސްޕޯޓްސް ޑްރިންކެއް ކަމަށްވާ އެކްޓިވް އެވެ.

ދުވުން/ފެތުން/ދުވުން ހިމެނޭ އެކުއަތުލޯން އަކީ މިހާރު ދުނިޔޭގައި ވަރަށް ބޮޑަށް މަގުބޫލުވަމުން އަންނަ ލުއި އަދި މަޖާ ކުޅިވަރު އިވެންޓެކެވެ.