Roadha Mihaaru
"މިހިރީ ރީތި ފަޅުތައް، އަވަހަށް އެރި ފަތާ!"

"ރާއްޖޭގައި މިހިރީ ރީތި ފަޅުތައް، އަވަހަށް އެރި ފަތާ!"

08 ފެބުރުއަރީ 2019

އޮސްޓްރޭލިއާގައި ފަސޭހަކަމާ އެކު މޫދަށް އެރި ފަތާލެވެނީ 80 ޕަސެންޓް މީހުންނަށެވެ. ރާއްޖޭގައި 100 ޕަސެންޓް މީހުންނަށް އެ ފުރުސަތު އެބަ އޮތެވެ. އޮސްޓްރޭލިއާގައި ދުނިޔޭގެ ފެންވަރުގެ ފެތުންތެރިން އުފެދެންޏާ ރާއްޖެ އަށް އެކަން ނުކުރެންވީ ކީއްވެ ހެއްޔެވެ؟

އަހުމަދު ސާއިލް އަލީ ބ. ކަމަދުއިން އަހުމަދު ސާއިލް އަލީ

އޮސްޓްރޭލިއާގައި ފަސޭހަކަމާ އެކު މޫދަށް އެރި ފަތާލެވެނީ 80 ޕަސެންޓް މީހުންނަށެވެ. ރާއްޖޭގައި 100 ޕަސެންޓް މީހުންނަށް އެ ފުރުސަތު އެބަ އޮތެވެ. އޮސްޓްރޭލިއާގައި ދުނިޔޭގެ ފެންވަރުގެ ފެތުންތެރިން އުފެދެންޏާ ރާއްޖެ އަށް އެކަން ނުކުރެންވީ ކީއްވެ ހެއްޔެވެ؟

މިއީ ސްވިޑަންގެ އޯޕަން ވޯޓާ ފެޑެރޭޝަންގެ ހެޑް ކޯޗް މީކޭލް ރޮސިއެން (މައިކް) ގެ ސުވާލެކެވެ. މިހާތަނަށް 40 ގައުމެއްގައި ފަތާފައިވާ މައިކް ބުނާ ގޮތުގައި ފެތުން ރާއްޖޭގެ ގައުމީ ކުޅިވަރަކަށް ނެހެދެންވީ ސަބަބެއް ނެތެވެ.

"ކޮންމެ ރަށެއްގައި ފުޓްބޯޅަ ޓީމެއް ހަދަން އުނދަގޫވާނެ. އަދި އެއީ ބޮޑު ހަރަދެއް. އެކަމަކު މޮޅެތި ފެތުންތެރިން ރާއްޖޭގައި އުފެއްދުމަކީ ފަސޭހައިން ކުރެވިދާނެ ކަމެއް،" އޭނާ ބުންޏެވެ.

ތިިމާވެށީގެ ފެތުމުގައި ބ. އަތޮޅުގައި ފަތަމުން އަންނަ ދިވެހި ފެތުންތެރިންގެ ޓީމު -- ފޮޓޯ: ސްވިމް މޯލްޑިވްސް

ތިިމާވެށީގެ ފެތުމުގައި ބ. އަތޮޅުގައި ފަތަމުން އަންނަ ދިވެހި ފެތުންތެރިންގެ ޓީމު -- ފޮޓޯ: ސްވިމް މޯލްޑިވްސް

އޭނާ އެ ވާހަކަ އެ ދައްކަނީ ހަމަ ހުރެލާފައެއް ނޫނެވެ. ކަނޑު ހުރަސްކޮށް އެއް ރަށުން އަނެއް ރަށަށް ދިއުމަށް ބ. އަތޮޅުގައި މިހާރު ކުރިއަށް ގެންދާ، "ސްވިމް މޯލްޑިވްސް ބާ ބީއާރް ކްރޯލް 2019" ގައި، ރާއްޖޭގެ އަށް ފެތުންތެރިންނާ އެކު ފަތައި ތަޖުރިބާކޮށްފަ އެވެ. އޭނާ ދެން ވެސް ބުނަނީ ދިވެހިންނަށް ލިބިފައިވާ ނަސީބުގެ ބޭނުން ހެޔޮ ގޮތުގައި ހިފަން ޖެހޭ ކަމަށެވެ.

"އެމެރިކާ ފަދަ ގައުމުތަކުގައި ޕޫލްތަކުގައި މީހުން ގިނަވެގެން ފަތާލަން ފުރުސަތެއް ނުލިބޭ. ރާއްޖޭގައި މިހިރީ ރީތި ފަޅުތައް. އަވަހަށް އެރި ފަތާ. ނުފެތޭނެ ވަކި މޫސުމެއް ރާއްޖެއަކަށް ނާދޭ،" ފެތުމުގެ ވޯލްޑް ޗެމްޕިއަންޝިޕްގެ 1500 މީޓަރު ފްރީ ސްޓައިލް ބައިން 2015 ގައި ރިހި މެޑަލް ހޯދި މައިކް ބުންޏެވެ.

އޭނާ ބުނީ މޫދަށް އެރި ފަތަންވީ ހަމައެކަނި ކުޅިވަރެއް ކުޅުމުގެ ބޭނުމުގައި އެކަނި ނޫން ކަމަށެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރަން ޖެހޭ ކަންކަން ލިސްޓު ކުރާއިރު ދުންފަތުގެ އިސްތިއުމާލުނުކުރުމާއި ރަނގަޅު ކާނާ ކެއުމާއި ކަސްރަތު ހިމެނޭ އިރު، އޭގެ ތެރެއިން ކަސްރަތު އެންމެ ރަނގަޅަށް ކުރެވެން އޮތީ ފަތައިގެން ކަމަށް އޭނާ ދެކެ އެވެ.

"ފަލަ މީހުންނަށް ވެސް، އަންހެނުންނަށް ވެސް، ދުވަސްވީ މީހުންނަށް ވެސް ކުރެވޭނެ ކަމެއް މިއީ. ބަރުހެލި މީހުން ދުވީމާ ކަކުލަށް މައްސަލަތައް ދިމާވުން ކަހަލަ އަނިޔާ ފެތުމުގައި ކުޑަވާނެ. މުޅި ހަށިގަނޑަށް ކަސްރަތު ލިބޭނެ ކަމެއް މިއީ،" ފެތުމާ ގުޅޭ ގޮތުން ދާދި ފަހުން ފޮތެއް ވެސް ލިޔުނު މައިކް ބުންޏެވެ.

މައިކް އޭނާ ކޯޗްކޮށްދޭ ދެ ފެތުންތެރިންނާ އެކު: ފެތުމުގެ ދާއިރާ އިން ރާއްޖޭގެ ޓޫރިޒަމް ވެސް މަޝްހޫރުކުރެވިދާނެ -- ފޮޓޯ: އިންސްޓާގްރާމް

މައިކް އޭނާ ކޯޗްކޮށްދޭ ދެ ފެތުންތެރިންނާ އެކު: ފެތުމުގެ ދާއިރާ އިން ރާއްޖޭގެ ޓޫރިޒަމް ވެސް މަޝްހޫރުކުރެވިދާނެ -- ފޮޓޯ: އިންސްޓާގްރާމް

ފަތަން ނޭނގޭ މީހުންނަށް ނަސޭހަތެއް!

ދުނިޔޭގެ އެކި ހިސާބުތަކުން އުމުރުން 90 އަހަރުން މަތީގެ ފެތުންތެރިންނާ ވެސް ބައްދަލުވެފައިވާ މައިކް ބުނި ގޮތުގައި ފަތަން ދަސްކުރަން އެއްވެސް މީހަކަށް އަދި ލަހެއްނުވެ އެވެ. ފުރަތަމަ ކަމަކަށް ފެތުމުގެ މުހިންމުކަން ގަބޫލުކުރަންވީ އެވެ.

ރާއްޖެ ފަދަ ގައުމެއްގައި ފަތަން ނޭނގޭ މީހުން ގިނަ މައްސަލަ ހައްލުކުރަން ވެސް މައިކް އޭނާގެ ތަޖުރިބާ ހިއްސާކުރި އެވެ. އޭގެ ތެރެއިން އެއް މޮޑެލްއަކީ އޭނާގެ ގައުމު ސްވިޑަންގެ ތައުލީމީ ނިޒާމެވެ. އެ ގައުމުގައި ކިޔަވާ ކޮންމެ ކުއްޖަކު ވެސް ގްރޭޑް ފަހަކާ ހަމައަށް ދިއުމުގެ ކުރިން 200 މީޓަރަށް ފަތައި "ވޯޓާ ސޭފްޓީ"ގެ ބޭސިކް ދަސްކުރަން ޖެހެ އެވެ.

"ރާއްޖޭގެ ކޮންމެ ރަށެއްގައި ފިޓްނަސް އިންސްޓްރަކްޓަރަކު ބަހައްޓަން އުޅޭއިރު އޭނާއަށް މިކަން ކުރެވޭނެ. އަދި ކޯޗުން ރަށްރަށަށް ގެންގޮސްގެން ވެސް ބުނެދެވޭނެ. ފަތަން ނޭނގޭ މީހުން ވެސް މިކަން ކުރަން އިސްނަގައިގެން ވާން އޮތީ،" މައިކް ބުންޏެވެ.

އެކި ޕްރޮގްރާމްތައް ހިންގައިގެން ސްކޫލު ކުދިންނާއި އެހެނިހެން އާއްމުންނަށް ފަތަން ބޭނުންވާ ގޮގުލް ފަދަ އާލާތްތައް ފޯރުކޮށްދިނުމަކީ އާބާދީ ކުޑަ ރާއްޖޭގައި ފަސޭހަ ކަމެއް ކަމަށް ވެސް އޭނާ ދެކެ އެވެ.

ބ. އަތޮޅުގެ އެކި ރަށްރަށަށް ފަތާފައި ދާން ކުރާ މަސައްކަތުގައި މައިކް ފަތަނީ: އޭނާ ބުނީ ރާއްޖެ އަށް ލިބިފައިވަނީ ބޮޑު ނަސީބެއް ކަމަށް -- ފޮޓޯ: ސްވިމް މޯލްޑިވްސް

ބ. އަތޮޅުގެ އެކި ރަށްރަށަށް ފަތާފައި ދާން ކުރާ މަސައްކަތުގައި މައިކް ފަތަނީ: އޭނާ ބުނީ ރާއްޖެ އަށް ލިބިފައިވަނީ ބޮޑު ނަސީބެއް ކަމަށް -- ފޮޓޯ: ސްވިމް މޯލްޑިވްސް

ޓޫރިޒަމް ވެސް ފަތަން ހާއްސަ ކުރެވިދާނެ

އަންނަ އަހަރު އޮންނަ އޮލިމްޕިކްސް އަށް ސްވިޑުން ގައުމީ ފެތުންތެރިން ތަމްރީނު ކުރުމަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ މައިކް ބުނިގޮތުގައި ފެތުންތެރިންގެ ތަމްރީނުތަކަށް ރާއްޖެއަކީ ނަމޫނާ މަންޒިލެކެވެ. ދިވެހިންގެ ހިތްހެޔޮކަމާއި ރައްކާތެރި މި ގައުމުގައި އެކަން ފަސޭހައިން ކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.

"ރާއްޖޭގެ ކަނޑުތަކުގެ އޮޔާއި ރާޅުބާންޏަކީ ތަމްރީނުތަކުގައި ފެތުންތެރިންނަށް މުހިންމު ކަންކަން. މި ރީތިކަން ބަލާލަން ވެސް ފަތަން ޖެހޭ،" މީގެ ކުރިން ވެސް ދެ ފަހަރަކު ރާއްޖެ އައިސްފައިވާ މައިކް ބުންޏެވެ.

ފެތުންތެރިންނަށް ހާއްސަކޮށްގެން ޓޫރިޒަމް ޕްރޮމޯޓް ކުރާ ނަމަ އިތުރު ވަސީލަތްތަކެއް ގާއިމް ކުރަން ޖެހެ އެވެ. އެގޮތުން ލޮނުފެނުގެ ޕޫލްތައް ހެދުމަކީ މުބާރާތްތަކަށް ތައްޔާރުވާ ފެތުންތެރިންނަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް މައިކް ބުންޏެވެ.

ދޭތެރެދޭތެރެއިން ރާއްޖެ އައިސް ފަތައިގެން މި ހިތްގައިމުކަން ތަޖުރިބާ ކުރުމަކުން އޭނާ އަދި ނިންމައެއްނުލަ އެވެ. އެހެން މީހުންނަށް ވެސް އެ ފުރުސަތު ހޯދައިދިނުމަކީ އޭނާގެ އެންމެ ބޮޑު އަމާޒެކެވެ. އެގޮތުން ދުނިޔޭގެ ރަން ވަނަތައް ހޯދާފައިވާ ފެތުންތެރިން އަންނަ އަހަރު ރާއްޖެ ގެންނަން މަސައްކަތް ކުރާނެ ކަމަށް މައިކް ބުނެ އެވެ. އެއީ ރާއްޖޭގެ ޓޫރިޒަމް ތަފާތު ގޮތަކަށް ޕްރޮމޯޓް ކުރަން ލިބޭ ރަނުގެ ފުރުސަތެކެވެ.

ސްވިޑުންގެ ގައުމީ ކޯޗް މައިކް، ބ. އަތޮޅުގެ ބޮޑު ފެތުމުގެ ބައިވެރިންނާ އެކު -- ފޮޓޯ: ސްވިމް މޯލްޑިވްސް

ސްވިޑުންގެ ގައުމީ ކޯޗް މައިކް، ބ. އަތޮޅުގެ ބޮޑު ފެތުމުގެ ބައިވެރިންނާ އެކު -- ފޮޓޯ: ސްވިމް މޯލްޑިވްސް

މިފަހަރުގެ ތަޖުރިބާއާ މެދު ހިތްހަމަޖެހިފައި

އެތައް ހާސް ބަޔަކާ އެކު އެތައް ފެތުމެއްގައި ބައިވެރިވެފައިވާ މައިކް ބުނިގޮތުގައި ބ. އަތޮޅުގެ 22 ރަށަށް އެރުމަށް ކަނޑު ހުރަސްކޮށްފައި މި ފަތާފެތުން އޭނާ އަށް ވަރަށް ހާއްސަ އެވެ. ވަނައެއް ހޯދުމަށް ފެތުމުގެ ބަދަލުގައި ޓީމެއްގެ ގޮތުގައި އެކުގައި މަސައްކަތް ކުރަން، މިކަމުން ދަސްވެއްޖެ ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ރަނގަޅު ފެތުންތެރިން މިއީ. އެކި މީހުން އެކި ފެންވަރު. ދުވެއްޔާއި އެހެނިހެން ގޮތްގޮތުން ވެސް. ދުވަހުން ދުވަހަށް ފެތުން ރަނގަޅުވާތަން އެބަ ފެނޭ،" ބ. އަތޮޅުގައި މިހާރު ވެސް 30 ކިލޯ މީޓަރަށް ވުރެ ދުރަށް ފަތާފައިވާ މައިކް ބުންޏެވެ.

މިއީ ދުނިޔޭގެ ފެންވަރުގެ ތަޖުރިބާކާރު ފެތުންތެރިއެއްގެ ނަސޭހަތެވެ. ދިވެހިން އޭނާގެ ނަސޭހަތް ގަބޫލުކުރަން ޖެހެ އެވެ. ލިބިފައިވާ ގުދުރަތީ ނިއުމަތުގެ ބޭނުން ހިފަން ނުކުންނަންވީ އެވެ.