Roadha Mihaaru
ޓްރެކް ސަރަހައްދު ނަޖިސްވެ އެތަނަށް އެރުން މަނާކޮށްފި

ޓްރެކް ސަރަހައްދު މޫދުގައި ނަޖިހުގެ އަސަރު ހުންނާތީ އެތަނަށް އެރުން މަނާކޮށްފި

14 ނޮވެމްބަރ 2016

ފަތާ ޓްރެކް ސަރަހައްދުގެ މޫދު ނަޖިސްވުމުގެ ސަބަބުން އެ ސަރަހައްދަށް އެރުން ވަގުތީގޮތުން މަނާކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފަތާ ޓްރެކް ސަރަހައްދުގެ މޫދު ނަޖިސްވުމުގެ ސަބަބުން އެ ސަރަހައްދަށް އެރުން ވަގުތީގޮތުން މަނާކޮށްފި އެވެ.

ޓްރެކް ބަލަހައްޓަމުން އަންނަ ޔޫތު މިނިސްޓްރީން ބުނީ ރެއިން ފެށިގެން އާއްމުންނަށް ޓްރެކް ބަންދުކުރީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ޓެސްޓުތަކެއް ކުރުމަށް ކަމަށެވެ.

ޓްރެކަށް އެރުން މަނާކަމަށް އަންގައި ޔޫތު މިނިސްޓްރީން ވަނީ އެ ސަރަހައްދުގައި ލިޔުމެއް ބަހައްޓައިފަ އެވެ. އެ ލިޔުމުގައި ބުނެފައި ވަނީ ޓްރެކް ސަރަހައްދުގެ ފެންގަނޑުގައި ތެލާއި ގިރިސް އަދި ނަޖިހުގެ އަސަރު ހުރިކަމަށް އެޗްޕީއޭ އަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެކަން ތަހުލީލުކުރަމުން ދާތީ ވަކިގޮތެއް އަންގަންދެން އެ ސަރަހައްދަށް ނޭރުމަށް އަންގާކަމަށް އެ ލިޔުމުގައިވެ އެވެ.

ފަތާ ޓްރެކް ސަަރަހައްދު: އެ ސަރަހައްދަށް އެރުން ވަގުތީގޮތުން ވަނީ މަނާކޮށްފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފަތާ ޓްރެކް ސަަރަހައްދު: އެ ސަރަހައްދަށް އެރުން ވަގުތީގޮތުން ވަނީ މަނާކޮށްފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ޓްރެކް ބަންދުކޮށްފައިވަނީ އަންނަ އާދިއްތަ ދުވަހު ފެތުމުގެ ގައުމީ މުބާރާތް ވެސް ފަށަން ހަމަައްސާފައި ވަނިކޮށެވެ. ފެތުމަށް ހާއްސަކޮށް މާލޭގައި ހަދާފައިވާ ހަމައެކަނި ތަން ބޭނުންކުރުން ވަގުތީގޮތުން މަނާކުރުމުން ސްވިމިން އެސޯސިއޭޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއިލް އަލީ ވިދާޅުވީ ފެތުމުގެ ބޮޑު މުބާރާތް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ފެތުންތެރިންގެ ތަމްރީނު ހެދޭނެ ގޮތެއް ވެސް މިހާރު ނެތް ކަމަށެވެ. މިއީ ލިބުނު ބޮޑު ގެއްލުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މުބާރާތް ކައިރިވެފައި އޮއްވާ ޓްރެކް ބަންދުކުރުމުން ޕްރެކްޓިސް ވެސް މި ޖެހުނީ ހުއްޓާލަން. މުބާރާތް ވެސް ފަސްކުރެވޭކަށް ނެތް. އެއީ ސްކޫލު ބަންދާ ދިމާކޮށް މުބާރާތް ބާއްވާތީ ރަށުން ބޭރަށް ދިއުމަށް އެތައް ބަޔަކު ވަނީ ޓިކެޓު ނަގާފައި. ހުރިހާ ކަމެއް ހުއްޓުން އަރައި ކަހަލަ ގޮތަކަށް މިހާރު އޮތީ،" އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައްސަލަ ހައްލުކޮށް އަލުން ޓްރެކް ބޭނުންކުރެވޭނެ ގޮތް ހެދުމަކީ ސްވިމިން އެސޯސިއޭޝަންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.