Roadha Mihaaru
ގާސިމަށް ކުރާ ދައުވާއާ ގުޅޭ ލިޔުންތައް ހަވާލުކޮށްފި

ގާސިމަށް ކުރާ ދައުވާއާ ގުޅޭ ލިޔުންތައް އޭނާއާ ހަވާލުކޮށްފި

13 ޖުލައި 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކުރާ ދައުވާތަކުގެ މައްސަލަ އަލުން ކޯޓަށް ފޮނުވުމުން އެ މައްސަލައާ ގުޅޭ ލިޔުންތައް ކްރިމިނަލް ކޯޓުން މިއަދު އޭނާއާ ހަވާލުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކުރާ ދައުވާތަކުގެ މައްސަލަ އަލުން ކޯޓަށް ފޮނުވުމުން އެ މައްސަލައާ ގުޅޭ ލިޔުންތައް ކްރިމިނަލް ކޯޓުން މިއަދު އޭނާއާ ހަވާލުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމަށް ކުރާ ތިން ދައުވާގެ ލިޔުންތައް ކޯޓުން މިއަދު އޭނާއާ ހަވާލުކުރީ މިދިޔަ އާދިއްތަދުވަހު އެ މައްސަލަތައް ކޯޓުން ބޭރުކޮށްލުމުން، ދައުލަތުން އަލުން ހުށަހެޅުމުންނެވެ.

ގާސިމަށް ކުރަނީ ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އެވެ. އެ ތިން ދައުވާ ވެސް ކުރަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ކުރިން ހުށަހެޅި މައްސަލައާ ގުޅިގެން ގާސިމް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

އެ މައްސަލަތައް އަލުން ކޯޓަށް ފޮނުވީ އެ މައްސަލާގައި އިތުރަށް ގާސިމްގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް އޭނާގެ ދިފާއީ ވަކީލުން ބުނެފައި ވަނިކޮށެވެ.

މި މައްސަލައިގެ ޝަރީއަތް އަލުން ފަށަނީ، އެ މައްސަލަ މިދިޔަ އާދިއްތަދުވަހު ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލުމުންނެވެ. މައްސަލަ އަނބުރާ ފޮނުވާލީ، އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުމަށް އާދީއްތަދުވަހުގެ ރޭ ބާއްވަން އުޅުނު ޝަރީއަތަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލުން ހާޒިރު ނުވުމުންނެެވެ. ނަމަވެސް އެ މައްސަލަ ޕީޖީ އޮފީހުން އަލުން ކޯޓަށް ހުށަހެޅީ އިއްޔެ އެވެ.

ޕީޖީ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލަތައް ކޯޓުން އަނބުރާ ފޮނުވާލީ އާދީއްތަދުވަހުގެ ރޭގެ އަޑުއެހުން ޖެހިގެން އޮތް ދުވަހަށް ފަސްކޮށްދޭން އެ އޮފީހުން އެދިފައި ވަނިކޮށް ކަމަށެވެ. އަދި އެ މައްސަލަތައް އަލުން ކޯޓަށް ފޮނުވީ ބަލަންޖެހޭ ކަންކަމަށް ބެލުމަށް ފަހު ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

ސަރުކާރާ ދެކޮޅު ސިޔާސީ ހަރަކާތުގައި އެންމެ އިސްކޮށް މިހާރު ހަރަކާތްތެރިވާ ގާސިމްގެ މައްސަލަތައް އަނބުރާ ފޮނުވާލާފައި ވަނިކޮށް، އެ މައްސަލަ ބެލި ބެންޗުގެ ދެ ގާޒީން ކަމަށްވާ އިސް ގާޒީ އަބްދުލްބާރީ ޔޫސުފާއި ގާޒީ އަހުމަދު ޝަކީލް އެހެން ކޯޓުތަކަށް ވަނީ ބަދަލުކޮށްފަ އެވެ. ގާޒީ ބާރީ ބަދަލުކުރީ ޖުވެނައިލް ކޯޓަށެވެ. ގާޒީ ޝަކީލް ބަދަލުކުރީ ފެމިލީ ކޯޓަށެވެ.

މިހާރު ކްރިމިނަލް ކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައި ވަނީ، ގާސިމްގެ މައްސަލަތައް ބެލި ބެންޗުގައި ތިންވަނަ އަށް ހުންނެވި ގާޒީ އާދަމް އާރިފްއާ އެވެ.