Roadha Mihaaru
ޔާމީނަށް ކުރާ ދައުވާތަކުގެ ޝަރީއަތް މަޑުޖައްސާލައިފި

ޔާމީނަށް ކުރާ ދައުވާތަކުގެ ޝަރީއަތް މަޑުޖައްސާލަން ނިންމައިފި

16 ސެޕްޓެމްބަރ 2024

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކުރާ މައްސަލަތަކާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުގައި އޮތުމުން އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މަޑުޖައްސާލަން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކުރާ މައްސަލަތަކާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުގައި އޮތުމުން އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މަޑުޖައްސާލަން މިއަދު ނިންމައިފި އެވެ.

އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި، މަނީ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް، އެ ހުކުމް ބާތިލް ކުރުމަށް ފަހު، ހައި ކޯޓުން ވަނީ އެ މައްސަލަ ކްރިމިނަލް ކޯޓުގައި އަލުން ބަލަން އަމުރުކޮށްފަ އެވެ. ނަމަވެސް ހައި ކޯޓުގެ ހުކުމުގައި އާ ހެކިތަކެއް ބަލައިނުގަނެވޭނެ ކަމަށް ނިންމާފައިވާތީ އެ ބައި ދައުލަތުން އޮތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދުގެ އަޑުއެހުން ފެށުމާ އެކު، ޔާމީންގެ ވަކީލުން ވިދާޅުވީ، ދިފާއީ ބައެއް ހެކިތައް ބަލައިނުގަތުމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިފައިވާއިރު، ޔާމީންގެ ދިފާއީ ހެކިތައް ނަފީކުރަން އާ ހެކި ހުށަހެޅުމާ ގުޅޭ ބައެއް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ހިމެނޭ ކަމަށެވެ. އެހެންވެ، ސުޕްރީމް ކޯޓުގައި އެ މައްސަަލަ ނުނިމި އޮއްވައި ކްރިމިނަލް ކޯޓުގައި މައްސަލަ ކުރިއަށް ގެންދިއުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ޔާމީންގެ ވަކީލުން ވިދާޅުވި އެވެ.

އެހެންވެ، ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ނިމެންދެން އެ މައްސަލަ މަޑުޖައްސާލަން ވަކީލުން އެދިވަޑައިގަތެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީނާއި ވަކީލުން ބައިވެރިވެ ވަޑައިގަންނަވަނީ

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީނާއި ވަކީލުން ބައިވެރިވެ ވަޑައިގަންނަވަނީ

ދައުލަތުން ބުނީ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ މައްސަލަ މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަންގާފައިނުވާ ކަމަށެވެ. ނަމަވެސް ޔާމީންގެ ވަކީލުން ފާހަގަކުރެއްވި ގޮތަށް، އެ ދެ މައްސަލާގައި ގުޅުމެއް އެބައޮތް ކަމަށް ދައުލަތުން ބުންޏެވެ. އެކަމަކު ޝަރީއަތް މަޑުޖައްސާލުމާ މެދު ސީދާ ވަކި ގޮތެއް ދައުލަތުން ހާމައެއް ނުކުރެ އެވެ.

މީގެ އިތުރުން ބައެއް ލިޔުންތައް ހިމެނޭ ސީޑީތަކެއް ނުލިބޭތީ އެކަން ޔާމީންގެ ވަކީލުން ފާހަގަކުރެއްވި އެވެ.

ޔާމީން ވިދާޅުވީ ތަހުގީގު މަރުހަލާގެ ވީޑިއޯތައް ލިބެންޖެހޭ ކަމަށް ކަނޑައެޅިގެން ދިޔައީ މާ ފަހުން ކަމަށެވެ. ތަހުގީގު މަރުހަލާގައި އިތުރަށް ވާހަކަ ދައްކަވަން ދެކޮޅު ހެއްދެވީ ލިޔުންތައް އުފައްދާފައި ހުރި ކަމަށް ތުހުމަތު ކުރެވެން ފެށުމުން ކަމަށް ޔާމީން ވިދާޅުވި އެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ އާއި ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލާގައި ފުށުއެރުމެއް އޮތް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެހެންވެ، ސުޕްރީމް ކޯޓުން މައްސަލަ ނިމެންދެން އެ މައްސަލަ މަޑުޖައްސާލަން ނިންމެވީ ކަމަށް ގާޒީ ނަދީމް ވިދާޅުވި އެވެ.

އާރަށް މައްސަލާގައި ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ޖަލު ހުކުމެއް އިއްވި އެވެ. އެ ހުކުމް ވެސް ބާތިލްކޮށް، އެ މައްސަލަ ވެސް އަލުން ބަލަން ހައި ކޯޓުން އޮތީ އަމުރުކޮށްފަ އެވެ.