Roadha Mihaaru
ގާސިމްގެ ދައުވާތައް ބާތިލް ކުރަން ވަކީލުން އެދިއްޖެ

ގާސިމަށް ކުރި ދައުވާތައް ބާތިލްކުރަން ވަކީލުން އެދިއްޖެ

10 ޖުލައި 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމްގެ އިބްރާހީމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް ބާތިލް ކޮށްދިނުމަށް އޭނާގެ ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު އެދިވަޑައިގެންފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމްގެ އިބްރާހީމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް ބާތިލް ކޮށްދިނުމަށް އޭނާގެ ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމަށް ނެގި ވޯޓާ ގުޅިގެން މަޖިލީހުގެ މެމްބަރުންނަށް ގާސިމް ރިޝްވަތު ހުށަހަޅަން އުޅުނު ކަމަށް ބުނެ ތިން ދައުވާއެއް ގާސިމްގެ މައްޗަށް ކުރެ އެވެ. އެއީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒެއް ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އިޖުރާއީ ނުކުތާއެއް ނަންގަވައި ގާސިމްގެ ވަކީލު ހިސާން ހުސައިން ވިދާޅުވީ މި މަހު އަމަލު ކުރަން ފެށި ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ 115 ވަނަ މާއްދާގެ ދަށުން ގާސިމްގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލް ކުރުމުގެ ފުރުސަތު ފަނޑިޔާރުންނަށް ލިބިގެންވާ ކަމަށެވެ.

ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ އެ މާއްދާގައި ބުނެފައިވަނީ ދައުވާ އަށް ޖަވާބުދާރީވާން ލިބޭ ފުރުސަތުގައި ދައުވާ އަށް އިންކާރު ކޮށްފިނަމަ، ހުށަހެޅިފައިވާ ދައުވާއަށާއި ދައުވާ ސާބިތު ކުރުމަށް ހުށަހަޅާފައިވާ ހެއްކަށް ރިއާޔަތް ކުރާއިރު، ދައުވާ ލިބޭ ފަރާތުގެ މައްޗަށް އެ ދައުވާ ކުރެވޭނެ ތަނެއް ނެތް ކަމަށް މަދަނީ މިންގަނޑުން ބަލާއިރު، ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ނަމަ، އެ ދައުވާއާއިގެން ކުރިއަށް ދެވޭނެ ތަނެއް ނެތް ކަމަށް ނިންމައި އެއީ ބާތިލްު ދައުވާއެއް ކަމުގައި ކަނޑައަޅަން ވާނެ އެވެ.

ހިސާން ވިދާޅުވި ގޮތުގައި ގާސިމަށް ކުރި ތިން ދައުވާ އަށް އެކަށީގެންވާ ހެއްކެއް ދައުލަތަށް ހުށަހެޅިފައެއް ނުވެ އެވެ. އަދި މީގެ ކުރިން ބޭއްވި ޝަރީއަތްތަކުގައި ދައުލަތުން ކުރި ތިން ދައުވާ އަށް ގާސިމްގެ ފަރާތުން އިންކާރު ކޮށްފައިވާނެ ކަން ހިސާން ފާހަގަ ކުރެއްވި އެވެ.

ދައުލަތުން ހަމައެކަނި ހެއްކެއްގެ ގޮތުގައި ހުށަހެޅީ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ދެއްކެވި ވާހަކަ ކަމަށް ވާތީ، މި މައްސަލަ އިތުރަށް ކުރި އަށް ނުގެންދެވޭނެ ކަމަށް ހިސާން ފާހަގަ ކުރެއްވި އެވެ.

ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަބްދުލްބާރީ ޔޫސުފް ވަނީ ހިސާން ނެންގެވި އިޖުރާއީ ނުކުތާއާ ގުޅިގެން މައްސަލަ އަށް ޖަވާބުދާރީ ވުމަށް ދައުލަތުގެ ވަކީލާއިންނަށް ތަކުރާރުކޮށް ފުރުސަތު ދެއްވައިފަ އެވެ.

ނަމަވެސް އެ މައްސަލާގައި ދައުލަތުގެ ވަކީލާ އިން ވިދާޅުވީ އިޖުރާއީ ނުކުތާއާ ގުޅިގެން ގޮތެއް ނިންމަންވާނީ ފަނޑިޔާރުން ކަމަށެވެ. އަދި ދައުލަތުން ހުށަހަޅަން ޖެހޭ ހެކިތައް ހުށަހަޅާފައިވާ ކަމަށް ވަކީލާ ވިދާޅުވި އެވެ. މި މައްސަލާގައި ދައުލަތުން ޖަވާބުދާރީވާން އިތުރު ވަގުތު ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅީ ގާސިމް ދެއްކެވި ވާހަކަތަކުގެ ވީޑިއޯ އާއި އެ ވާހަކަތަކުގެ ވީޑިއޯ އެނަލިސިސް ރިޕޯޓާއި އެ ރިޕޯޓް ތައްޔާރުކުރި ފަރާތެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ދެއްކެވި ވާހަކަތަކަކީ އޮޅިގެން ދެއްކެވި ވާހަކަތަކެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެއީ ވަކި މަގްސަދެއް ހާސިލް ކުރުމުގެ ނިޔަތުގައި ދެއްކެވި ވާހަކަތަކެއް ކަމަށާއި ގާސިމްގެ ވާހަކަތަކުން ރިޝްވަތު ދޭން އުޅޭ ކަން އެނގޭ ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ.

ބާރީ ވަނީ ދައުލަތުގެ ފަރާތުން ޖަވާބުދާރީވާން ކިހާ ވަގުތެއް ބޭނުންވޭތޯ ވަކީލުން ކުރެ އައްސަވައިފަ އެވެ. ވަކީލާ ވިދާޅުވީ އެ މައްސަލާގައި ޖަވާބުދާރީވުމަށް އިތުރު ބައި ގަޑި އިރު ދެއްވުމަށެވެ.

ގާސިމްގެ ޝަރީއަތުގެ މަޖިލީހުގެ މިއަދުގެ އަޑުއެހުން މެދުކަނޑައިލީ ހަތަރެއް ޖަހާއިރު ޝަރީއަތް އަލުން ބާއްވާނެ ކަން އިއުލާން ކުރުމަށް ފަހު އެވެ.