Roadha Mihaaru
ރިލްވާނަށް ވީ ގޮތް އަދީބަށް އެނގޭ ނަމަ ހިއްސާކޮށްދޭން އެދެފި

ރިލްވާނަށް ވީގޮތެއް އަދީބަށް އެނގޭ ނަމަ ހިއްސާކޮށްދޭން އާއިލާ އިން އެދެފި

13 ޖުލައި 2017

ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނެގުމާ ގުޅޭ އެއްވެސް މައުލޫމާތެއް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް އެނގިވަޑައިގަންނަވާ ނަމަ އެ މައުލޫމާތު ހިއްސާ ކޮށްދޭން ރިލްވާންގެ އާއިލާ އިން މިއަދު އެދިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނެގުމާ ގުޅޭ އެއްވެސް މައުލޫމާތެއް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް އެނގިވަޑައިގަންނަވާ ނަމަ އެ މައުލޫމާތު ހިއްސާ ކޮށްދޭން ރިލްވާންގެ އާއިލާ އިން މިއަދު އެދިއްޖެ އެވެ.

ރިލްވާންގެ އާއިލާ އިން ނެރުނު ބަޔާނުގައި ބުނީ އޭނާ ވަގަށް ނެގިތާ ތިން އަހަރު ވާއިރު ވެސް، އެ ހާދިސާގެ އެއްވެސް މައުލޫމާތެއް ކަމާ ބެހޭ އިދާރާތަކުން ހާމަކޮށްފައި ނުވާ ކަމަށެވެ. އެކަން ވީ ގޮތް އެނގޭ ނަމަ، އާއިލާއާ އެކަން ހިއްސާ ކުރަން ފުލުހުންގެ މައްޗަށް އަމުރު ނެރެދޭން އެދި ކޯޓަށް މައްސަލައެއް ހުށަހެޅުމުން، ރިލްވާނަށް ވީ ގޮތެއް ނޭނގޭ ކަމަށް ކޯޓުގައި ފުލުހުން ބުނި ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"މިކަމުގެ މައުލޫމާތު ފުލުހުންނަށް ހޯދިފައި ނުވާ އިރު، ވަކިވަކި ފަރުދުންނަށް ވެސް އަޅުގަނޑުގެ ދަރިފުޅާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ވީ އެންމެ އަވަހަކަށް އާއިލާއާ ހިއްސާ ކޮށްދިނުމަށް ވެސް އެދެމެވެ. ދައުލަތުގެ އިސް ވެރިންނާއި ވަކިން ޚާއްސަކޮށް އެ ދުވަސްވަރު ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ނައިބު އަހްމަދު އަދީބަށް އަޅުގަނޑުގެ ދަރިފުޅާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް އެނގިވަޑައިގަންނަވާ ނަމަ، އެކަން ލަސްނުކޮށް އަޅުގަނޑާ ހިއްސާ ކޮށްދެއްވުމަށް އެދި ވަރަށް އާދޭހާއެކު އެދެމެވެ،" ރިލްވާންގެ މަންމަ އައިމިނަތު އީސާ އެދިފައިވެ އެވެ.

ވަޅިހަރައި މަރާލި ޔާމީންގެ ހަނދާން އާކުރުމުގެ ގޮތުން ބޭއްވި ހަރަކާތެއްގައި، ރިލްވާންގެ މަންމަ ބައިވެރިވަނީ- ފޮޓޯ/ ސޯޝަލް މީޑިއާ

ވަޅިހަރައި މަރާލި ޔާމީންގެ ހަނދާން އާކުރުމުގެ ގޮތުން ބޭއްވި ހަރަކާތެއްގައި، ރިލްވާންގެ މަންމަ ބައިވެރިވަނީ- ފޮޓޯ/ ސޯޝަލް މީޑިއާ

ރިލްވާން ވަގަށް ނެގުމުގައި އަދީބުގެ ބައިވެރިވެވަޑައިގަތުން ހިމެނޭ ކަމަށް ބޮޑެތި ތުހުމަތުތަކެއް ކުރެ އެވެ. އެކަމަކު އެ ތުހުމަތުތައް އަދީބު ވަނީ ދޮގު ކުރައްވައިފަ އެވެ.

ރިލްވާން ގެއްލުވާލުމުގައި ބައިވެރިވި އެތައް ބަޔަކު ރާއްޖޭގައި މިހާރު ނެތް ކަމަށް ފުލުހުން ބުނާ އިރު، އެ މީހުން ހޯދަން އެ މުއައްސަސާ އިން މިހާތަނަށް ކޮށްފައިވާ ކަންކަމުގެ މައުލޫމާތު ވެސް އާއްމުކޮށްދޭން އާއިލާ އިން އެދެ އެވެ. ރިލްވާން ގެއްލުވާލި މީހުން ފިލައިގެން އުޅޭ ނަމަ އިންޓަޕޯލް މެދުވެރިކޮށް އެ މީހުން ހޯދުމުގެ މަސައްކަތް ފެށުމަށް ވެސް އާއިލާ އިން ސަރުކާރަށް ގޮވާލާފައިވެ އެވެ.

"އަޅުގަނޑުގެ ދަރިފުޅަށް ވީ ގޮތެއް ނޭނގި ފާއިތުވެ މިދާ ކޮންމެ ދުވަހަކީ ވެސް ހިތާމަ އިން ފުރިގެންވާ ހިތްދަތި ދުވަހަކެވެ. އަޅުގަނޑުގެ ދުއާއަކީ އެއްވެސް އާއިލާއަކަށް މިފަދަ ހިތާމަވެރި ކަމެއް މާތް ﷲ މެދުވެރި ނުކުރެއްވުމެވެ،" ބަޔާނުގައި ރިލްވާންގެ މަންމަ ބުނެފައިވެ އެވެ.