Roadha Mihaaru
ރިލްވާންގެ މައްސަލާގައި ފުލުހުންގެ އިހުމާލު ބަލަނީ

ރިލްވާންގެ މައްސަލައިގައި ފުލުހުން އިހުމާލުވި ކަމަށް ބުނެ މަޖިލީހުން ބަލަނީ

24 ޖޫން 2019

ވަގަށް ނަގާފައިވާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލު ވެފައިވާ ކަމަށް ބުނެ އެ ކަމުގެ ހަގީގަތް ރައްޔިތުންގެ މަޖިލީހުން ބަލަން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ވަގަށް ނަގާފައިވާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލު ވެފައިވާ ކަމަށް ބުނެ އެ ކަމުގެ ހަގީގަތް ރައްޔިތުންގެ މަޖިލީހުން ބަލަން މިއަދު ފާސްކޮށްފި އެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅާފައި ހުރި މައްސަލަތަކުގެ ތެރެއިން އޮގަސްޓް 8، 2014 ރިލްވާން ގެއްލުނު މައްސަލަ އާއި ޖެނުއަރީ 18، 2015 ގައި ދަނގެތި ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވާ ގޭގެ ދޮރު ވައްޓާލައިގެން ފުލުހުން ވަދެ، އެ ގެއިން ބައެއް ތަކެތި ގެންދިޔަ މައްސަލަ ފުލުހުން މެދުވެރިކޮށް ބަލަން ހުށަހަޅާފައިވެ އެވެ.

އެކަމަކު، އެއީ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ މައްސަލަތަކަށް ވާތީ ކޮމިޓީގައި އެ މައްސަލަތައް ދިރާސާ ކުރަން ނުފެންނަ ކަމަށް ވަނީ ނިންމައިފަ އެވެ.

ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި އޮތް، އެ ރިޕޯޓުގެ ބަހުސްގެ މަރުހަލާގައި ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިން ވިދާޅުވީ، ރިލްވާން ގެއްލުވައިލުމުގައި ފުލުހުން އިހުމާލުވުން ހިމެނޭ މައްސަލަ އަކީ ވަކިން ބަލަން ޖެހޭ ކަމެއް ކަމަށެވެ. އަދި އެކަން މަޖިލިހުން ބެލުމަށް އިސްލާހެއްގެ ގޮތުގައި އޭނާ ހުށަހެޅުއްވި އެވެ. އެ އިސްލާހަށް ތާއީދު ކުރެއްވީ ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދެވެ.

އިސްލާހަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެމްބަރުންގެ އިއްތިފާގުން އިސްލާހު ފާސްކުރި އެވެ. އަދި މަޖިލިހުގެ 241 ކޮމިޓީން ހުށަހެޅި ރިޕޯޓު ފާސް ކުރި އެވެ.

"ރިލްވާންގެ އާއިލާ އިން އިންސާފު ހޯދުމަށް ޓަކި ނުޖަހާ އެއްވެސް ދޮރެއް ރާއްޖޭގައި ނުހުންނާނެ. މަޖިލީހުގައި ޓަކި ޖެހި، ޕޮލިސް ސާވިސްގައި ޓަކި ޖެހި، އިންޓެގްރިޓީ ކޮމިޝަންގައި ޓަކި ޖެހި. ކޯޓުތަކުގައި ޓަކި ޖެހި. އެ ހުރިހާ ތަނަކުން ވެސް ރިލްވާންގެ އާއިލާ އިން ވަނީ ބީރު ކަންފަތެއް ދީފައި،" ރިލްވާންގެ އާއިލާ އިން މަޖިލިހުގައި ޖެހި ޓަކި ފުރަގަސް ނުދިނުމަށް ގޮވާލައްވައި ހިސާން ވިދާޅުވި އެވެ.

މަރާލާފައިވާ އަދި ވަގަށް ނަގާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން އަންނަނީ ރިލްވާންގެ މައްސަލަ ވެސް ބަލަމުންނެވެ. އޭނާ ވަގަށް ނެގިތާ ފަސް އަހަރު ވެގެން ދާއިރު ވެސް މިހާތަނަށް ރިލްވާނަށް ވީގޮތެއް ހޯދިފައެއް ނުވެ އެވެ.

ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރި އެވެ. އެކަމަކު އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުކުމްކޮށްފަ އެވެ.