Roadha Mihaaru
ކުރިން މަހިބަދޫ އަށް ކުޅުނު އެންޑަސަން އީގަލްސް އަށް

ކުރިން މަހިބަދޫ އަށް ކުޅުނު އެންޑަސަން އީގަލްސް އަށް

17 ޖުލައި 2017

ކުރިން މަހިބަދޫ ސްޕޯޓްސް ކްލަބަށް ފުރަތަމަ ޑިވިޝަންގައި ކުޅުނު ބްރެޒިލްގެ ފޯވާޑް އެންޑަސަން ބިނާ ޑި ސޫޒާ ކްލަބް އީގަލްސްއާ ގުޅިއްޖެ އެވެ.

ކުރިން މަހިބަދޫ ސްޕޯޓްސް ކްލަބަށް ފުރަތަމަ ޑިވިޝަންގައި ކުޅުނު ބްރެޒިލްގެ ފޯވާޑް އެންޑަސަން ބިނާ ޑި ސޫޒާ ކްލަބް އީގަލްސްއާ ގުޅިއްޖެ އެވެ.

އެންޑަސަން ވަނީ 2015 ވަނަ އަހަރު މަހިބަދޫ އަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ ފަހަރު ދިވެހި ޕްރިމިއާ ލީގާއި ޕްރެޒިޑެންޓްސް ކަޕްގައި މަހިބަދޫ އިން ޖެހި ގިނަ ލަނޑުތަކުގައި އޭނާގެ ހިއްސާ ބޮޑެވެ. އޭނާ އެންމެ ފަހުން ކުޅެފައިވަނީ މި ފަހަރުގެ ދެ ވަނަ ޑިވިޝަނުގައި ކުޑަހެންވޭރު ޔުނައިޓެޑަށެވެ. ކުޑަހެންވޭރު ދެ ވަނަ ޑިވިޝަންގެ ފައިނަލަށް ދިޔައިރު، އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

އީގަލްސް އިން ވަނީ މި ސީޒަނުގައި ނެދަލެންޑްސްގެ ފޯވާޑެއް ކަމަށްވާ ޑޮނޮވަން ޑީކްމަން ގެނެސްފަ އެވެ. އެހެން ނަމަވެސް އޭނާ އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުމުން އެ ޓީމުން ވަނީ އޭނާ ފޮނުވާލައިފަ އެވެ.

ލީގުގެ ފުރަތަމަ ބުރުގެ ގިނަ މެޗުތަކަށް ފަހު އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ވަނީ ގޯލާ ރައްޓެހި ބިދޭސީ ފޯވާޑެއް ޓްރާންސްފާ މާކެޓްގައި އެ ޓީމަށް ބޭނުންވާ ކަމަށް ބުނެފަ އެވެ.

ފާއިތުވި މެޗުތަކުގައި އީގަލްސްގެ އެންމެ ކުރިއަށް ކުޅުނީ ޒުވާން ފޯވާޑް މުހައްމަދު ނާއިމް އެވެ. ތަޖުރިބާ މަދު ނަމަވެސް އޭނާގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިފަ އެވެ. އަދި މުހިއްމު ވަގުތުތަކުގައި އޭނާ ވަނީ ލަނޑު ޖަހައިފަ އެވެެ.

އީގަލްސް މި ވަގުތު އޮތީ އެސްޓީއޯ މާލޭ ލީގުގެ ހަތަރު ވަނައިގަ އެވެ. އެ ޓީމަަށް ކުޅުނު 13 މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، ލީގުގެ ފަސް ވަނައިގައި އޮތް ވިކްޓަރީ އަށް ވެސް ވަނީ އެވަރަށް ޕޮއިންޓް ލިބިފަ އެވެ. ގަދަ ހަތަރެއް ޔަގީންކޮށް އަންނަ މަހު ފަށާ ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދަން އީގަލްސް އަށް ވަނީ އަންނަ ބުދަ ދުވަހު ހަވީރު ގްރީން ސްޓްރީޓްސް އަތުން މޮޅުވުން މަޖުބޫރުވެފަ އެވެ.

އެނގިފައިވާ ގޮތުގައި ގްރީން ސްޓްރީޓްސް މެޗުގައި އެންޑަސަން ފެނުމުގެ ފުރުސަތު ބޮޑެވެ. އެންޑަސަން އަންނަނީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން އީގަލްސްގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.

އީގަލްސްގައި މި ވަގުތު ތިބި ބިދޭސީ ހަތަރު ކުޅުންތެރިންނަކީ އެންޑަސަންގެ އިތުރުން ސްރީލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާ އާއި މިސްރުގެ ދެ ޑިފެންޑަރުން ކަމަށްވާ މަހުމޫދު ސައީދު އަދި މުހައްމަދު މަގްދީ އެވެ.