Roadha Mihaaru
އީގަލްސް އާއި ވިކްޓަރީ އެއްވަރުވެއްޖެ

އީގަލްސް އާއި ވިކްޓަރީ އެއްވަރުވެއްޖެ

28 ޖޫން 2017

އެސްޓީއޯ މާލޭ ލީގުގައި މިއަދު އުނދަގޫ ހާލަތެއްގައި އޮތް ވިކްޓަރީ އާއި އީގަލްސް ކުޅުނު މެޗު 0-0 އިން އެއްވަރުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެސްޓީއޯ މާލޭ ލީގުގައި މިއަދު އުނދަގޫ ހާލަތެއްގައި އޮތް ވިކްޓަރީ އާއި އީގަލްސް ކުޅުނު މެޗު 0-0 އިން އެއްވަރުވެއްޖެ އެވެ.

މި މެޗުން މޮޅުވެގެން އީގަލްސް އަށް ލީގުގެ ތިން ވަނަ އަށް ޖެހިލަން ފުރުސަތު އޮތެވެ. ލީގުގެ ތިން ވަނައިގައި ގްރީން ސްޓްރީޓްސް އޮތީ 10 މެޗުން 18 ޕޮއިންޓާ އެކު އެވެ. އީގަލްސް ލީގުގެ ހަތަރު ވަނައިގައި އޮތީ 10 މެޗުން 17 ޕޮއިންޓާ އެކު އެވެ. މި މެޗުން ލިބުނު ޕޮއިންޓާ އެކު ވިކްޓަރީ ވަނީ 10 މެޗުން 15 ޕޮއިންޓް ހަމަކޮށް ލީގުގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ.

ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމު ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މެޗަށް ނުކުތްއިރު ދެ ޓީމު ވެސް ނަތީޖާއަށް ބަލާއިރު އެންމެ ފަހުން ކުޅުނު މެޗުތަކުން މޮޅުވެ އޮތީ ރަނގަޅު ފޯމެއްގަ އެވެ. އެހެން ނަމަވެސް އެކި މައްސަލަތައް ދިމާވެ ކުޅުންތެރިންނަށް ފުރިހަމަވާން ޖެހޭ ކަންތައްތައް ނުވެ އޮތުމުން ވިކްޓަރީ އޮތީ އެންމެ ރަނގަޅު ހާލަތުގައެއް ނޫނެވެ.

މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ވިކްޓަރީންނެވެ. މެޗުގެ ހަތަރު ވަނަ މިނިޓްގައި ވިކްޓަރީ އަށް ލިބުނު ހިލޭ ޖެހުމަކުން އަންދްރޭ ކެރިޗް ނަގައިދިން ހުރަހެއް އޭރިއާ ތެރެއިން މުސްތަފާ ސެޑިކް ބޮލުން ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ދެން ފެނިގެންދިޔައީ އީގަލްސްގެ ޒުވާން މިޑްފީލްޑަރު އިބްރާހިމް އައިސަމް ތިން ހަމަލާ އެކެވެ. އޭރިއާ ބޭރުން އައިސަމް ފޮނުވާލި ތިން ހަމަލާގެ ތެރެއިން އެއް ބޯޅަ ވިކްޓަރީގެ ސީރިއާ ކީޕަރު މުހައްމަދު އަލްޔޫސުފް މަތަކުރިއިރު، އަނެއް ދެ ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ.

ފުރަތަމަ ހާފްގައި މެޗުގެ ކޮންޓްރޯލް ހޯދައިގެން ގިނަ ވަގުތު ކުޅުނީ އީގަލްސް އިންނެވެ. ވިކްޓަރީގެ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނުނުއިރު، މާ ރަނގަޅު ކުޅުމެއް ނުދެއްކެ އެވެ. އީގަލްސް އިން އެޓޭކްކުރި ނަމަވެސް ލަނޑެއް ޖެހޭ ގޮތެއްނުވި އެވެ.

ފުރަތަމަ ހާފްގައި ފަހު ވަގުތު އީގަލްސް އަށް ހުސް ދެ ފުރުސަތު ލިބުނެވެ. މެޗުގެ 45 ވަނަ މިނިޓްގައި އޭރިއާ ތެރެއިން އަންސަރު އިބްރާހިމް (އަންކޮ) ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށް ފަހު ފޮނުވާލި ބޯޅަ ކީޕަރު އަލްޔޫސުފް ވަނީ މަތަކޮށްފަ އެވެ.

އޭގެ މިނިޓެއް ފަހުން އަރިމަތިން އީގަލްސްގެ ހުސެއިން ޝިފާއު ނަގައިދިން ބޯޅަ ގޯލު ކުރިމަތީގައި ހުސްކޮށްހުރެ އަހުމަދު ރިޒުވާން (ރިޒޭ) އަށް ފޮނުވާލަން ލިބުނު ނަމަވެސް އެ ބޯޅަ އޭނާގެ ފަޔަށް ރަނގަޅަށް އަރާގޮތެއްނުވި އެވެ.

އީގަލްސްގެ ރިޒޭ (ކ) ވިކްޓަރީގެ ރިލޭ ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އީގަލްސްގެ ރިޒޭ (ކ) ވިކްޓަރީގެ ރިލޭ ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ވަނަ ހާފް ފަށައިގެން ފުރަތަމަ ހަމަލާ އުފެއްދީ އީގަލްސް އިންނެވެ. މެޗުގެ 50 ވަނަ މިނިޓްގައި އަންކޮ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ފޮނުވާލި ބޯޅަ ކީޕަރު އަލްޔޫސުފް ވަނީ މަތަކޮށްފަ އެވެ.

އޭގެ އަށް މިނިޓް ފަހުން ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއިން ރިޒޭ ފޮނުވާލި ބޯޅަ ވެސް ކީޕަރު އަލް ޔޫސުފް ވަނީ ދިފާއުކޮށްފަ އެވެ.

ކައުންޓަ އެޓޭކުގައި މެޗުގެ 75 ވަނަ މިނިޓްގައި ވިކްޓަރީގެ ހަސަން އަދުހަމް (ސަޑޭ) އަށް ހުސް ފުރުސަތެއް ލިބުނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން ނުކުތް އަހުމަދު ނިޔާޒު (ނިޔާ) ހުސްކޮށްލާފައި އޭރިއާ ތެރެއިން ސަޑޭ އަށް ދިން ބޯޅަ އޭނާ އަށް ރަނގަޅަށް ކޮންޓްރޯލް ކުރެވޭ ގޮތް ނުވެމުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

މެޗުގެ 88 ވަނަ މިނިޓްގައި އީގަލްސްގެ މިސްރު ޑިފެންޑަރު މަހުމޫދު ސައީދު އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ވިކްޓަރީ ކުޅުންތެރިއަކު ގައިގައި ޖެހިފައި ލިބުނީ ކީޕަރު އަލްޔޫސުފް އަށެވެ. އޭނާ އަވަހަށް އެބޯޅަ ކުރިއަށް ކުޅުމުން ކައުންޓަ އެޓޭކުގައި ވިކްޓަރީގެ މުހައްމަދު ރިސްވާން އޭރިއާ ތެރެއިން ހުސްކޮށްލާފައި ގޯލު ކުރިމަތިން ކެރިޗަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ގޯލާ ސީދާވާގޮތެއްނުވި އެވެ.

އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ މިއީ އީގަލްސް ދަށްކޮށް ދިޔަ ދުވަހެއް ކަމަށާއި ސަލާމަތްވީ ސްރީ ލަންކާގެ ކީޕަރު ސުޖަން ޕެރޭރާގެ ސަބަބުން ކަމަށެވެ.

"މިއީ އީގަލްސް ދަށްކޮށް ދިޔަ ދުވަހެއް. ހަގީގަތުގައި އަޅުގަނޑު މި ޕޮއިންޓް ލިބުނީމަ ޝުކުރުކުރަން. އަދި މީގެ ކްރެޑިޓްދޭން ބޭނުން ސުޖަން އަށް. ބާކީ ހަތަރު މެޗު އެބައޮތް. އީގަލްސްގެ ޓާގެޓަށް ދެވޭނެކަމުގެ ޔަގީންކަން އެބައޮތް،" ސާންތީ ބުންޏެވެ.

އޭނާ ބުނީ ހަ ރޯދައިގެ ތެރޭގައި ދުވާލު ވަގުތު މެޗެއް ކުޅެން ޖެހުމުން އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ.

"އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް ދެން އަންނަ އަހަރެއްގައި ހަ ރޯދައިގެ ތެރޭގައި މެޗެއް ކުޅޭނަމަ ރޯދަ މަހުގައި އޮންނަ ގޮތަށް ރޭގަނޑު ކުޅުމަށް. އެއީ ކޯޗެއްގެ ގޮތުގައި ވެސް އަޅުގަނޑަށް ކުޅުންތެރިން ގާތުގައި ނުބުނެވޭނެ ރޯދަ ނުހިފާށޭ. މި ކަހަލަ ކަންތައް އެބަޖެހޭ ރަނގަޅު ކުރަން،" ސާންތީ ބުންޏެވެ.