Roadha Mihaaru
އަނިޔާވެރިނުވެ ފަރުވާ އަށް ގާސިމް ފޮނުވައިދީ: އާއިލާ

އަނިޔާވެރިނުވެ، ފަރުވާ އަށް ގާސިމް ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދޭން އާއިލާ އިން ގޮވާލައިފި

17 ޖުލައި 2017

އައިސީޔޫގައި ފަރުވާދެމުން އަންނަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ ވަކި ބަލިތަކަކަށް ގަވާއިދުން ބޭސްކުރައްވާ ބޭފުޅަކަށްވާތީ އެ ފަރުވާ ފުރިހަމަ ކުރެއްވުމަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުގެ ހުއްދަ ދޭން އާއިލާ އިން މިރޭ ސަރުކާރަށް ގޮވާލައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އައިސީޔޫގައި ފަރުވާދެމުން އަންނަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ ވަކި ބަލިތަކަކަށް ގަވާއިދުން ބޭސްކުރައްވާ ބޭފުޅަކަށްވާތީ އެ ފަރުވާ ފުރިހަމަ ކުރެއްވުމަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުގެ ހުއްދަ ދޭން އާއިލާ އިން މިރޭ ސަރުކާރަށް ގޮވާލައިފި އެވެ.

ގާސިމްގެ ހާލުކޮޅު އިއްޔެ ސީރިއަސްވުމުން، ބޭރުން ފަރުވާ ހޯއްދަވަން ނިންމަވައި ރޭ އެއާޕޯޓަށް ވެސް ވަޑައިގެންނެވި އެވެ. އެކަމަކު ޕާސްޕޯޓު ހިފަހައްޓާފައި އޮތުމުން އޭނާ އަށް ފުރާވަޑައިގެންނެވޭ ގޮތެއް ނުވި އެވެ. ގާސިމަށް މިހާރު ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ.

އާއިލާ އިން ނެރުނު ބަޔާނުގައި ބުނީ ގާސިމަށް އިއްޔެ ދިމާވި ސިއްހީ ކުއްލި ހާދިސާއާ ގުޅިގެން، މެޑިކާ ހޮސްޕިޓަލުގައި އޭނާ އަށް ފަރުވާ ދެއްވި ޑޮކްޓަރުން ލަފާ ދެއްވާފައި ވަނީ އިތުރު ޓެސްޓުތަކަކާއި ދޭން ޖެހޭ ފަރުވާ އަށް ހާއްސަ، ބޭރުގެ ހޮސްޕިޓަލަކަށް ވަޑައިގަތުމަށް ކަމަށެވެ.

ގާސިމް ފުރުން މަނާކޮށްފައި އޮތް ކަން އެނގުނީ، އާއިލާ އިން ބުނިގޮތުގައި، ރޭ 8 ޖެހިއިރު އެއާޕޯޓަށް ވަޑައިގަތުމުންނެވެ. އެކަމަކު މީހަކު ފުރުން މަނާކޮށްފި ނަމަ ވީހާ ވެސް އަވަހަކަށް އަންގަން ޖެހޭނެ ކަން އަލަށް އަމަލުކުރަން ފެށި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ކަން އާއިލާ އިން ފާހަގަކުރެ އެވެ.

"ކްރިމިނަލް ކޯޓުން އޮނަރަބަލް ގާސިމް އިބްރާހިމް ފުރުން މަނާކޮށް އަމުރު ނެރެ ވަކީލުންނާ ހަވާލުކޮށްފައި ވަނީ 16 ޖުލައި 2017 ވަނަ ދުވަހުގެ 21:34 ގަ އެވެ،" ބަޔާނުގައިވެ އެވެ.

"ގާސިމްގެ ޕާސްޕޯޓު ހިފަހައްޓައި އެމަނިކުފާނަށް ދިމާވެފައިވާ ސިއްހީގޮތުން ނުރައްކާތެރިކަން ބޮޑު ހައްސާސީ ހާލަތަށް ބޭސްފަރުވާކުރެއްވުމަށް ރާއްޖެ އިން ބޭރަށް ފުރައިގެން ދިއުން މަނާކުރާ ގޮތަށް ކޯޓުން ކުރައްވާފައިވާ އަމުރާ މެދު އާއިލާގެ ފަރާތުން ނުހަނު ކަންބޮޑުވެ އެވެ."

ގާސިމާ މެދު އަނިޔާވެރިވެ ބޭއިންސާފުން ކަންކަން ނުކުރަން އާއިލާ އިން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ. ގާނޫނީ ނިޒާމުން ބޭރުން އޭނާއާ މެދު ހިންގަމުންދާ އަމަލުތައް ވެސް ވަގުތުން ހުއްޓާލަން އާއިލާ އިން ވަނީ ގޮވާލައިފަ އެވެ.

ގާސިމްގެ ނޭވާ ކުރުވެ، މެއަށް ތަދުވާން ފެށީ، އޮފީހަށް ވަޑައިގަތުމަށްޓަކައި އޯކިޑް މަގުން ބަންޑާރަ މިސްކިތާ ހިސާބުން ކާރުން ފައިބައި ވަޑައިގެން ހިންގަވާފައި ވަޑައިގަންނަވަނިކޮށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރާ ތިން ދައުވާގެ ތެރެއިން އެއް ދައުވާގެ އަޑުއެހުމެއް ވެސް އިއްޔެ ބާއްވަން ހަމަޖެއްސި އެވެ. އެކަމަކު އެ ޝަރީއަތް ވަނީ ކެންސަލްކޮށްފަ އެވެ.