Roadha Mihaaru
ޔާމީނަށް ދުވަހަކު ވެސް ދެން ތާއީދެއް ނެތް: ގާސިމް

އެކޮޅުކޮޅުން އެލުވާފައި ކާޅަށް ކޮށައި ކާން ދިނަސް ޔާމީނަށް ދެނެއް ތާއީދެއް ނުކުރާނަން: ގާސިމް

23 މާޗް 2017

"އެކޮޅުކޮޅުން އެލުވާފައި ކާޅަށް ކޮށައި ކާންދިނަސް" ރައީސް އަބްދުﷲ ޔާމީނަށް ދުވަހަކު ވެސް ދެން ތާއީދު ނުކުރައްވާނެ ކަމަށާއި ދެއްވާފައިވާ ތާއީދު ވެސް އަނބުރާ ގެންނަވައިފި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

"އެކޮޅުކޮޅުން އެލުވާފައި ކާޅަށް ކޮށައި ކާންދިނަސް" ރައީސް އަބްދުﷲ ޔާމީނަށް ދުވަހަކު ވެސް ދެން ތާއީދު ނުކުރައްވާނެ ކަމަށާއި ދެއްވާފައިވާ ތާއީދު ވެސް އަނބުރާ ގެންނަވައިފި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑު ކުރި އާދޭހަށް ޔާމީނަށް ވޯޓު ދެއްވި ހުރިހާ ބޭފުޅުންގެ ކިބައިން އަޅުގަނޑު މި އެދެނީ އެ ތާއީދު އަނބުރާ ގެންނަން،" 'މިހާރު' އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.

"އަޅުގަނޑު ހިއެއް ނުކުރަން މިއީ މިހާވަރުގެ މީހެއް ކަމަކަށް. އޭނާ އަށް ތާއީދު ކުރުމަށް އެދެވުނީތީ ވެސް ވަރަށް ބޮޑަށް މާފަށް އެދެން."

ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ އެކައުންޓްތައް މީރާ އިން އިއްޔެ ފްރީޒް ކުރި މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، "ނިއުމަތަށް ޝުކުރު ނުކުރާ މީހަކަށް ތާއީދުކުރުމުގެ ބޭނުމެއް ނެތް" ކަމަށާއި "މިއީ ހެޔޮ ނިޔަތެއްގައި ހިންގާ" ސަރުކާރެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ، މި ސަރުކާރަށް ތާއީދު ކުރުމުން ލިބުނީ "ހުސް ލަނޑު، ހުސް ލަނޑު، ހުސް ލަނޑު" ކަމަށެވެ.

"އޭނާގެ [ރައީސް ޔާމީންގެ] ބޭބެ އާއި ކޮއްކޮމެންނާއި މައުމޫންގެ ދަރިންނަށް ދާންދެން އެ ތިބީ ސައިޒް ކޮށްލާފައި. ދެން އަޅުގަނޑަށް ވާނީ ކިހިނެއްތޯ؟" ގާސިމް ވިދާޅުވި އެވެ.

"ވަރަށް ސާފުކޮށް މި ދަންނަވަނީ އެކޮޅުކޮޅުން އެލުވާފައި ކާޅަށް ކޮށައި ކާން ދިނަސް ދެން ޔާމީނާ އެއްކޮޅަކަށް ނާރާނަން."

ގާސިމް ވިދާޅުވީ ވެރިކަމަށް ޔާމީން ގެންނަން އަމިއްލަ ގޮތުން ވަރަށް ބޮޑު މަސައްކަތްތަކެއް ކުރެއްވި ކަމަށާއި އެކަމަށް ދެ ތިން ދުވަހުގެ ތެރޭގައި އެތައް މިލިއަން ރުފިޔާއެއް އޮއްސާލެއްވި ކަމަށެވެ.

ގާސިމް މިއަދު އިންޓަވިއު ދެއްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގާސިމް މިއަދު އިންޓަވިއު ދެއްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަޅުގަނޑު ޔާމީނަށް ތާއީދުކުރީ ކޮންމެހެން ޔާމީނަށް ތާއީދުކުރާކަށް ނޫން. ޔާމީނަށް ތާއީދުކުރަން އެދެވުނީ ޖުޑިޝަރީގެ ބޭފުޅުންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން ކުރެއްވި އާދޭހަށް. ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒްގެ އެދިވަޑައިގަތުމަށް،" ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.

"ސިފައިންނާއި ފުލުހުންގެ ހައްގުގައި އަޅުގަނޑު ނުކުތީ. ނުލާހިކު އިޚުލާސްތެރިކޮށް އަޅުގަނޑު ބުނީ ޕިޔޯނެއްގެ ވަޒީފާ ވެސް އަދާކުރަން ތައްޔާރޭ. އެކަމަކު އަޅުގަނޑަށް ނުދިނޭ ރައްޔިތުންގެ މަޖިލިހުގެ ކޮމެޓީއެއްގެ މުގައްރިރު ކަން ވެސް، ނައިބު މުގައްރިރުކަން ހާ ހިސާބު ވެސް. ރައީސް ނަޝީދުގެ ވެރިކަމުގައި ފެށުނީއްސުރެ އިގުތިސޯދީ ކޮމެޓީގެ މުގައްރިރަކީ އަޅުގަނޑު. ކޮންމެ އަހަރަކު ބަޖެޓް ދިރާސާކުރާ ކޮމެޓީގެ މުގައްރިރަކީ އަޅުގަނޑޭ."

އޭނާ ވިދާޅުވީ ރައީސް ޔާމީނަށް ތާއީދު ކުރައްވަން ނިންމެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެގެން ވެސް ނޫން ކަމަށެވެ.

"ޔާމީނަށް ތާއީދުކުރަން ރައީސް މައުމޫން އަޅުގަނޑުގެ ކައިރިއަށް ވަޑައިގަތުމުން އަޅުގަނޑު ދެންނެވިން އޭރު ވެސް މަނިކުފާނަށް އަޅުގަނޑު ވަރަށް އިހުތިރާމު ކުރަމޭ. އެކަމަކު ޔާމީން މަނިކުފާނާ ދޭތެރޭ ވެސް އަދި އަޅުގަނޑާ ދޭތެރޭ ވެސް ކަންތައްތައް ކުރައްވާނީ މިހެންނޭ. ދެ ގައިޑިއިރު ވަންދެން، އަލިފުން ޔާ އަށް ހުރިހާ އެއްޗެއް ކިޔައިދިނިން. [ރައީސް ޔާމީނަށް ވެރިކަން ލިބިއްޖެ ނަމަ] އަޅުގަނޑަށް ހަދާނީ މިހެންނޭ. ހުވާ ކަށަވަރޭ މިހެން ހަދާނެއޭ."

"ކަންތައްތައް ވީ ކިހިނެއްތޯ، އެހެން ނޫން ތޯ ވީ؟" ވިލާ ޝިޕިންގެ އޮފީހުގައި އިންނަވައި ވިދާޅުވި އެވެ.

"ސިފައިންނާއި ފުލުހުންގެ ހައްގުގައި އަޅުގަނޑު ނުކުތީ. ނުލާހިކު އިޚުލާސްތެރިކޮށް އަޅުގަނޑު ބުނީ ޕިޔޯނެއްގެ ވަޒީފާ ވެސް އަދާކުރަން ތައްޔާރޭ. އެކަމަކު އަޅުގަނޑަށް ނުދިނޭ ރައްޔިތުންގެ މަޖިލިހުގެ ކޮމެޓީއެއްގެ މުގައްރިރު ކަން ވެސް، ނައިބު މުގައްރިރުކަން ހާ ހިސާބު ވެސް. ރައީސް ނަޝީދުގެ ވެރިކަމުގައި ފެށުނީއްސުރެ އިގުތިސޯދީ ކޮމެޓީގެ މުގައްރިރަކީ އަޅުގަނޑު. ކޮންމެ އަހަރަކު ބަޖެޓް ދިރާސާކުރާ ކޮމެޓީގެ މުގައްރިރަކީ އަޅުގަނޑޭ،" ގާސިމް

ގާސިމް ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް ފަހު ޔާމީނާ ގުޅިގެން މަސައްކަތް ކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށެވެ. އެކަމަކު އެ އިޚުލާސްތެރިކަން ރައީސް ޔާމީންގެ ފަރާތްޕުޅުން ފެނިވަޑައިނުގަތް ކަމަށް ވިދާޅުވި އެވެ. ސަރުކާރުގެ އެންމެ ބޮޑު އެއް މައްސަލައަކަށް ވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އޭނާ ވާދަކުރައްވަން ނިންމެވުމެވެ.

"އަޅުގަނޑު ދެންނެވިން އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށް ވެސް އަޅުގަނޑު ވޯޓު ދިނީމެއް ނޫންތޯއޭ. މުހިންމު މައްސަލައަކަށް ވެއްޖިއްޔާ މަނިކުފާނާ އެއްކޮޅަށް ވޯޓު ދެމުން ނޫންތޯއޭ އައީ. ތިހެން ނުހައްދަވާށޭ. ދެން މި ވިދާޅުވަނީ ލޯޔަލްޓީ ދައްކާށޭ. ލޯޔަލްޓީ ދައްކަން ކިހިނެއްތޯ ހަދަންވީ؟،" ގާސިލް ސުވާލުކުރެއްވި އެވެ.

"ވީޓީވީއަކުން ދުވަހަކު ވެސް ރައީސް ޔާމީނާ ގުޅޭ ގޮތުން، ސަރުކާރާ ގުޅޭ ގޮތުން ގޯސް ރިޕޯޓެއް އައިތޯ؟ އެ ހުރިހާ ކަމަކުން އެއް ފަރާތް ވެގެން، ބުނިހާ ގޮތަކަށް ކަން ކޮށްގެން ތިބީ. "އަޅުގަނޑު [ރައީސް ޔާމީނަށް] ނުކުރާ އާދޭހެއް، ނުޖަހާ ސަލާމެއް ނޯންނާނެ. އޭނާ ހިތްހެޔޮވާނެ ގޮތެއް ނޯންނާނެ."

ވިލާ ޝިޕިންގެ އެކައުންޓްތައް ފްރީޒްކޮށްގެން އުޅޭ މައިގަނޑު ސަބަބަކީ ވެސް، ގާސިމް ވިދާޅުވި ގޮތުގައި، ސިޔާސީ ކަމެކެވެ. އެއީ މަޖިލީހުގެ ރައީސް ކަމުން މަސީހު ވަކިކުރަން ގާސިމް ހަރަދުކުރައްވާ ކަމުގެ ތުހުމަތުތަކެއް ސަރުކާރުން ކުރާތީތޯ ދެންނެވުމުން ގާސިމް އެކަން ދޮގުކުރެއްވި އެވެ.

"އަޅުގަނޑުގެ އަތުގައި ހަރަދުކުރާނެ އެއްޗެއް ހުރެގެން ނޫންތޯ އަޅުގަނޑު ހަރަދުކުރާނީ؟" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "ލުނބޮއެއްގެ ހުތް ފެލައިލާހެން" ފެލައިލާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.

"މި ސަރުކާރުން ބޭނުންވަނީ އަޅުގަނޑު ހަމަ މުޅިން ފުނޑާލައި ދުވަސް ދުއްވާލަން،" ގާސިމް ވިދާޅުވި އެވެ.

އެކަމަކު ކޮންމެ ގޮތެއް ހެދިޔަސް، އަދި ކޮންމެ ބިރެއް ދެއްކިޔަސް، މި ފަހަރު ނުސިހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ މަސީހުގެ ވޯޓުގެ ކަންކަމުގައި "އެވަރަކުން އޭނާއެއް" ނޫޅެ އެވެ. އެކަމަކު އެކަން ކުރިއަށް ގެންދާ މީހުން އެކަން ގެންދާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އަބަދުވެސް ވަކާލާތު ކުރަނީ ރައްޔިތުންގެ ހައްގުގައި. އަޅުގަނޑު އެ ވަގުތަކު އަޅާ ފިޔަވަޅެއް މި އަޅަނީ ރައްޔިތުންގެ ހައްގުގައި. ޔާމީންގެ ކޮޅަށް އެރޭނެ ހަމަ އެއްވެސް ގޮތެއް މިހާރަކު ނެތް. އެހާ އަނިޔާވެރި ވެރިއެއްގެ ފަހަތަށް އަޅުގަނޑު ކިހިނެއްތޯ އަރާނީ؟" ގާސިމް ވިދާޅުވި އެވެ.