19 ޖުލައި 2017
ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރަކު އެ ޕާޓީން "ވަކިކޮށް" އިލެކްޝަންސް ކޮމިޝަނަށް ފޮނުވުމުން އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެކަން އަންގައިފި ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ، ޕާޓީގެ ކައުންސިލް ބަައްދަލުވުމުގައި ވިދާޅުވުމާ އެކު، ރާއްޖޭގައި ދުސްތޫރީ އަދި ގާނޫނީ މުޅިން އާ މައްސަލަގަނޑެއް ފެށުނީ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރަކު އެ ޕާޓީން "ވަކިކޮށް" އިލެކްޝަންސް ކޮމިޝަނަށް ފޮނުވުމުން އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެކަން އަންގައިފި ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ، ޕާޓީގެ ކައުންސިލް ބަައްދަލުވުމުގައި ވިދާޅުވުމާ އެކު، ރާއްޖޭގައި ދުސްތޫރީ އަދި ގާނޫނީ މުޅިން އާ މައްސަލަގަނޑެއް ފެށުނީ އެވެ.
ފުރަތަމަ ކަމަކީ ޕާޓީން ވަކިވި މެމްބަރުންގެ ގޮތުގައި ރައީސް ވިދާޅުވި ހަތަރު ބޭފުޅުންގެ ތެރެއިން ތިން ބޭފުޅުން ކަމަށްވާ ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތު އަދި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިން އެ ޕާޓީން ވަކިކޮށްފައިވާ ކަމަށް މާ ކުރިން ޕީޕީއެމުން އެ މެމްބަރުންނަށް އަންގާފައި ވުމެވެ.
އެކަމަކު ސަރުކާރުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއްގައި، އެ މެމްބަރަކު މަޖިލީހަށް އިންތިޚާބުވި ސިޔާސީ ޕާޓީން ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައެޅުމާ އެކު، ޕީޕީއެމްގެ ކުރީގެ ނިންމުން ބަދަލުކޮށް، މުޅިން އެހެން ވާހަކައެއް އެންގި އެވެ. ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް ފަހު، ޕީޕީއެމުން އެ މެންބަރުންނަށް ސިޓީ ފޮނުވީ، ކުރިން ބެލި ސުލޫކީ މައްސަލަ އަލުން ބަލަމުން އަންނަ ކަމަށެވެ.
އެ ސިޓީއާ އެކު އެ މެމްބަރުން ވިދާޅުވަމުން ގެންދެވީ ޕާޓީން ކުރިން ވަކި ކޮށްފައިވާކަން އަންގާފައިވުމާ އެކު ދެން ބަލަން ޖެހޭ މައްސަލައެއް ނޯންނާނެ ކަމަށެވެ. ޕީޕީއެމުން މިހާރު އެ އުޅެނީ ޕާޓީން އެ ބޭފުޅުން ވަކިކުރީ ސުޕްރީމް ކޯޓުގެ ހުކުމުގެ ފަހުން ކަމަށް ހަދައި، ގޮނޑި ގެއްލުވާލަން ކަމަށް އިދިކޮޅު ފަަަރާތްތަކުން ބުނެ އެވެ.
ކަން މިވީ އެހެންނެވެ. އެ ތިން މެމްބަރުންގެ އިތުރުން، އަމިއްލަ ގޮތުން އިންތިހާބުވެ އެކަމަކު ފަހުން ޕީޕީއެމާ ގުޅިވަޑައިގެންނެވި ހއ. ދިއްދޫ ދާއިރާގެ އަބްދުއްލަތީފު މުހައްމަދު ވެސް ޕާޓީން "ވަކިވެފައިވާ" ކަމަށް، އިލެކްޝަންސަށް އެންގުމުން އެކަން ރަސްމީކޮށް ރަައްޔިތުންގެ މަޖިލީހަށް ވަނީ އަންގައިފަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން ލަތީފު ވެސް ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން، ޕާޓީ އަށް ސިޓީ ފޮނުއްވައިފަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި، އަމިއްލަ ގޮތުން ވާދަކޮށް އިންތިހާބުވި މެމްބަރުންނަށް ވާނެ ގޮތެއް ކަނޑައަޅާފައެއް ނުވެ އެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ ލަތީފުގެ ގޮނޑި ގެއްލޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނާ ގޮތުން، އެ މެންބަރަކު މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވެއްޖެކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމުން އެ މެމްބަރެއްގެ ގޮނޑި ގެއްލުނީ އެވެ. ގާނޫނުއަސާސީގެ 74 ވަނަ މާއްދާގައި ބުނަނީ "މެމްބަރުކަމުގެ ގޮނޑި ހުސްވެއްޖެކަމާ މެދު ޚިލާފެއް އުފެދިއްޖެ ނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން" ކަމަށެވެ.
ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ޕީޕީއެމުން އެންގުމުން އިލެކްޝަންސް އިން ފޮނުވާ ސިޓީއަކަށް ބިނާކޮށް އެ ހަތަރު މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ރައްޔިތުންގެ މަޖިލިހަކަށް ވެސް ކަނޑައެއް ނޭޅޭނެ އެވެ. އެކަން މިހާރު ނިންމަން ޖެހޭނީ ސީދާ ސުޕްރީމް ކޯޓުން ކަމަށް، އެ ބޭފުޅުން ވިދާޅުވި އެވެ.
ކުރީގެ އެޓާނީ ޖެނެރަލް އަދި ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވީ މި މައްސަލާގައި ގާނޫނީ ގޮތުން ފުށުއަރާ އެތައް ކަމެއް އެބަ ހުރި ކަމަށެވެ.
"ރައްޔިތުން އައްޔަން ކޮށްފައިވާ ވަކީލުން ވަތްކެއް ނުކުރެވޭނެ ޕާޓީއަކަށެއް، އިލެކްޝަންސް ކޮމިޝަނަކަށް ވެސް، ރައްޔިތުންގެ މަޖިލިހަކަށް ވެސް،" ސުއޫދު ވިދާޅުވި އެވެ.
"މިކަހަލަ ޚިލާފު އުފެދުމެއްގައި ގޮތް ކަނޑައަޅަން ޖެހޭނީ ޝަަރުއީ ކޯޓުން. އެހެން ނޫނީ ދުސްތޫރީ ނިޒާމާއި އަދުލު އިންސާފު ގާއިމް ކުރުމުގެ ނިޒާމުގެ ބޭނުމެއް ނެތް."
އެހެން ބައެއް ވަކީލުން ވިދާޅުވާ ގޮތުގައި ސުޕްރީމް ކޯޓުގެ ހުކުމާ އެކު އޭގެ ޒާތުގައި އެ އުފެދުނީ ރާއްޖޭގައި މީގެ ކުރިން ދުވަހަކު ވެސް ނުފެންނަ ވަރުގެ ދުސްތޫރީ އަދި ގާނޫނީ މައްސަލަގަނޑެކެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ އެ ހުކުމާ އެކު ސަރުކާރާއި ސަރުކާރުގެ އިދިކޮޅު ފަރާތްތަކުގެ މެދުގައި އޮތް ބޮޑު ހިޔާލު ތަފާތުވުމެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މަައްސަލަ، މަޖިލީހުގެ މެޖޯރިޓީ މެމްބަރުންގެ ސޮޔާ އެކު ވެއްދުމުން، އެއިން ދައްކައިދިނީ ސަރުކާރުގެ ކޮންޓްރޯލް މަޖިލީހުން ގެއްލުނު ކަމެވެ. ޕާޓީ ބަދަލުކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅަން ސަރުކާރުގެ ފަރާތުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ސުޕްރީމް ކޯޓުގައި އެދިވަޑައިގަތީ މަސީހުގެ މައްސަލާގައި ޕީޕީއެމްގެ 10 މެމްބަރެއްގެ ސޮއި ވެސް އޮތްކަން ހާމަވުމާ އެކު އެވެ.
ގާނޫނުއަސާސީ ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލޭ ޝަރުތުތަކުގެ ތެރޭގައި ޕާޓީން ވަކިވުން ނުވަތަ އެހެން ޕާޓީއަކާ ގުޅުމުގެ ވާހަކައެއް ނެތެވެ. އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ޕާޓީއެއްގެ މެމްބަރުކަމުން ވަކިވިޔަސް އެ މީހަކު އިންތިހާބުވެފައިވާ މަގާމެއްގެ ދައުރު ހަމަވަންދެން އެ މަގާމެއްގައި ދެމިހުންނާނެ އެވެ.
މަސީހުގެ މައްސަލާގައި ސޮއި ކުރެއްވި ޕީޕީއެމްގެ މެމްބަރުން އެ ޕާޓީން ވަކިވިކަން، ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން ޕާޓި އަށް އެންގި އެވެ. ސިޔާސީ ޕާޓީގެ ގާނޫނުގައި އޮންނަނީ، ޕާޓީއަކަށް ކުރިން އެންގުމަކާ ނުލާ ވެސް ޕާޓީގެ މެމްބަރުކަމުން ވަކިވެދާނެ ކަމަށެވެ.
ސިޔާސީ ޕާޓީތަކުން މެމްބަރަކާ މެދު އަޅާނެ އެންމެ ހަރުކަށި ފިޔަވަޅަކީ ވެސް ޕާޓީން ވަކިކުރުމެވެ. އެހެންކަމުން ޕާޓީއަކުން ވަކިވާން މީހަކު ހުށަހެޅުމާ އެކު އެކަން އެ ހިސާބުން ނިމުނީ އެވެ. އެ މެމްބަރަކު ވަކިނުކޮށް ހިފެހެއްޓުމުގެ ބާރެއް، ގާނޫނީ ގޮތުން ޕާޓީތަކަށް ލިބިފައެއް ނުވެ އެވެ.
ޕީޕީއެމުން "ވަކިކޮށްފި" ކަމަށް އެންގި ހަތަރު މެމްބަރުންގެ މައްސަލާގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން އެ ބޭފުޅުންގެ ގޮނޑި ގެއްލިއްޖެ ކަމަށް، ވާހަކަ ދެކެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށް، ގާނޫނީ ތަޖުރިބާކާރުން ވިދާޅުވެ އެވެ. އެހެންކަމުން މިހާރު މި އޮތީ، އެ ބޭފުޅުން ވިދާޅުވާ ގޮތުގައި، އެ ބޭފުޅުންގެ ގޮނޑި "ގެއްލުނުކަމު"ގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ދާނެ ގޮތެއް ބަލަން ޖެހިފަ އެވެ.
12 މެމްބަރުން ރައީސަށް:ތިއޮތީ ކުޑަކަކޫ ޖަހަންޖެހިފައި
ވައްޑެގެ ގޮނޑި ނުގެއްލޭ ކަމަށް ކޯޓުން ހުކުމްކޮށްފި
ހަތަރު މެމްބަރުންގެ މައްސަލަ: މިފަހަރު ވާނީ ކިހިނެއް؟
ލަތީފްގެ އާދޭސް: ގޮނޑީގެ މައްސަލަ އަވަހަށް ނިންމައިދީ
ކޯޓުން އެދުނީ ޝަކުވާ ލިޔުމުން ހުށަހަޅަން: މެމްބަރުން
"ގޮނޑި ގެއްލުނު ކަމަށް ނިންމީ ނުބައި ނިޔަތެއްގައި"
ގޮނޑި ގެއްލުނު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި
ހަ މެމްބަރުންނާ މެދު ބޮޑެތި ތަފާތުކުރުންތަކެއް!
މަޖިލިހުން މިހާތަނަށް އެންގި އެއްޗެއް ނެތް: ލަތީފް
ހަ މެމްބަރެއްގެ އިމްތިޔާޒުތަކާއި އިނާޔަތް ކަނޑާލައިފި