Roadha Mihaaru
ގޮނޑި ގެއްލުނު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ހަތަރު މެމްބަރުންގެ ގޮނޑި ގެއްލުނު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

13 އޯގަސްޓް 2017

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.

މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑި ގެއްްލިފައިވާ ކަމަށް ކޮމިޝަނުން ކަނޑައެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލީ މިއަދު ހެނދުނުން ފެށިގެން ހަވީރާ ހަމައަށް ވަކިވަކިން އެ މައްސަލަތައް ކުރިއަށް ގެންދިއުމަށް ފަހު އެވެ.

ކޮންމެ މައްސަލައެއްގައި ވެސް ދެ ފަރާތަށް ފަހު ބަސް ބުނުމުގެ ފުރުސަތު ދިނުމަށް ފަހު ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރައްވާފައިވަނީ ދެން އެ މައްސަލަ ބާއްވާނީ ހުކުމް ކުރަން ކަމަށެވެ. ނަމަވެސް ހުކުމް ކުރާނެ ދުވަހެެއް ފަނޑިޔާރުން އިއުލާނެއް ނުކުރައްވަ އެވެ.

އެ މައްސަލަތައް ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ އެކު ސުޕްރީމް ކޯޓުގެ ފުލް ބެންޗުންނެވެ.

ހަތަރު މެމްބަރުންގެ ފަރާތުން ހުށަހެޅި މައްސަލާގައިވަނީ ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުގެ ކުރިން އެ މެމްބަރުން ޕީޕީއެމުން ވަކިވެފައިވާ ކަމަށާއި އެހެންވެ ގޮނޑި ނުގެއްލޭނެ ކަމަށެވެ. އޭގެ ރައްދުގައި ދައުލަަތުން ބުނަނީ އެ ހުކުމް އައިއިރު ވެސް އެ މެމްބަރުން ޕާޓީން ވަކިނުވާ ކަމަށާއި ވަކިކުރީ އެ ހުކުމުގެ ފަހުން ކަމަށެވެ.

އެ ހަތަރު މެމްބަރުންގެ އިތުރުން ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާންގެ މެމްބަރުކަމުގެ ގޮނޑި ވެސް ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު އެ މައްސަލަ އެ ދެ ބޭފުޅުން އަދި ކޯޓަށް ހުށައެއްނާޅުއްވަ އެވެ.