Roadha Mihaaru
މަޖިލިހުން މިހާތަނަށް އެންގި އެއްޗެއް ނެތް: ލަތީފް

ގޮނޑި ގެއްލުނު ކަމެއް، އިނާޔަތް ކަނޑާލިކަމެއް ވެސް ނާންގާ: ލަތީފް

12 އޯގަސްޓް 2017

ރައްޔިތުންގެ މަޖިލިހުގެ ދިއްދޫ ދާއިރާގެ ގޮނޑި ގެއްލުނު ކަން ރައްޔިތުންގެ މަޖިލިހުން ވެސް އަދި އިލެކްޝަންސް ކޮމިޝަނުން ވެސް މިހާތަނަށް އަންގާފައި ނެތް ކަމަށް އެ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ދިއްދޫ ދާއިރާގެ ގޮނޑި ގެއްލުނު ކަން ރައްޔިތުންގެ މަޖިލިހުން ވެސް އަދި އިލެކްޝަންސް ކޮމިޝަނުން ވެސް މިހާތަނަށް އަންގާފައި ނެތް ކަމަށް އެ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ހަ މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް އިން ނިންމުމާ ގުޅިގެން، މަޖިލިހުން ދޭ އިނާޔަތްތަކާއި އިމްތިޔާޒުތަކާއި މެމްބަރުކަމުގެ ހައްގު އެ މެމްބަރުންގެ ގެއްލިފައިވާ ކަމަށް މަޖިލިހުގެ އަމީން އާންމު އަހުމަދު މުހައްމަދު ނެރުއްވި އިދާރީ މެމޯއެއްގައި ބުނުމާ ގުޅިގެން، ލަތީފް ވިދާޅުވީ އެއްވެސް އިނާޔަތެއް ކަނޑާލިކަމުގެ ލިޔުމެއް މަޖިލިހުގެ އިދާރާ އިން ލިބިވަޑައިގަނުގަންނަވާ ކަމަށެވެ.

"އަޅުގަނޑުގެ ގޮނޑި ގެއްލުނު ކަމެއް އަދި މި ހިސާބަށް ވެސް އަޅުގަނޑަށް މަޖިލިހުގެ އަމީން އާންމު ސޮއިކުރައްވައި ލިޔުމަކުން ނާންގަވާ. އިނާޔަތެއް ކަނޑާލި ކަމެއް ނާންގަވާ. ސިވިލް ސާވިސް ގައި ވެސް މަގާމެއް ގެއްލޭ ނަމަ އަދި އިނާޔަތް ކަނޑާލާ ނަމަ ލިޔުމަކުން މުވައްޒަފުންނަށް އަންގާނެ. މަޖިލިހުގެ އިދާރާ އިންނާއި އިލެކްޝަންސް ކޮމިޝަނުން މިއުޅެނީ އެވަރު ވެސް ކޮށް ނުދީގެން،" ލަތީފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހަށް އިންތިހާބުވި އިރު ހުންނެވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކި ކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކު، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ ލަތީފްގެ އިތުރުން ގެމަނަފުށި ދާއިރާގެ އިލްހާމް އަހުމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި ވިލިނގިލި ދާއިރާގެ ސައުދު ހުސެއިން އަދި މަޑުއްވަރި ދާއިރާގެ މުހައްމަދު އަމީތުގެ އެވެ.

މީގެ ތެރެއިން ގޮނޑި ގެއްލިފައިވާ ކަން އާންމުކޮށް އިއުލާންކޮށް، ބައި އިލެކްޝަން ބާއްވަން ނިންމާފައި ވަނީ ދިއްދު އާއި މަޑުއްވަރީ އާއި ތުލުސްދޫ އަދި ވިލިނގިލީގަ އެވެ. އިލްހާމާއި ސިނާންގެ ގޮނޑި ގެއްލުނުކަން އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް އިއުލާނެއް ވެސް ނުކުރެ އެވެ. އެކަން މީޑިއާ އަށް ތިލަވީ، އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލިހުގެ އިދާރާ އަށް ފޮނުވި ސިޓީއަކާ ގުޅިގެން ކަމަށް ވެ އެވެ.

މި މައްސަލާގައި ލަތީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުންނާއި ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން ކަންކަން ކުރަމުން ދަނީ ދެފުށް ފެންނަ ގޮތަކަށް ނޫން ކަމަށާއި އެންމެންނާ މެދު އެއް ހަމައަކުން އަމަލު ނުކުރާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ އަމީން އާންމު އަހުމަދު މަޖިލިހުގައި ބަޔާނެއް އިއްވަނީ: އިދިކޮޅު ހަ މެމްބަރެއްގެ ގޮނޑި ގެއްލުނު މައްސަލާގައި އަމީން އާންމު ޖަވާބުދާރީ ނުވާ ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް ވިދާޅުވޭ.---ފައިލް ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ އަމީން އާންމު އަހުމަދު މަޖިލިހުގައި ބަޔާނެއް އިއްވަނީ: އިދިކޮޅު ހަ މެމްބަރެއްގެ ގޮނޑި ގެއްލުނު މައްސަލާގައި އަމީން އާންމު ޖަވާބުދާރީ ނުވާ ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް ވިދާޅުވޭ.---ފައިލް ފޮޓޯ: މަޖިލިސް

"އަޅުގަނޑުމެންނަށް އެނގޭ އެއްޗެއްް މި އެނގެނީ މީޑިއާ އިން. މަޖިލިހުގެ އަމީން އާންމު އަހުމަދާއި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޅުގަނޑުމެން އެއްވެސް މެމްބަރަކަށް ޖަވާބުދާރީއެއް ނުވޭ. އަޅުގަނޑުމެންގެ އަތުގައި އެބަހުރި މެމްބަރުންނަށް ވީތީ ދީފައި ހުރި އެއްޗެހިތަކެއް. އިންޝުއަރެންސް ކާޑާއި މަޖިލިހުގެ މެމްބަރުކަމުގެ ލިޔުމާއި މެމްބަރުންނަށް ވީމާ ދޭ ޚާއްސަ ޕާސްޕޯޓު ވެސް އެބައޮތް. އެކަމަކު މިއަށް ހަދަންވީ އެއްޗެއް އަޅުގަނޑުމެންނަކަށް ނޭނގޭ. މިއީ ދެރަ ކަމެއް،" މަޖިލިހަށް އަމިއްލަ ގޮތުން އިންތިޚާބުވެ، ފަހުން ޕީޕީއެމާ ގުޅިވަޑައިގެންނެވި ލަތީފް ވިދާޅުވި އެވެ.

"މަޖިލިހުގެ އިދާރާ އިން އެ މަޑުކުރަނީ އަޅުގަނޑު ދެކޭގޮތުގައި ސުޕްރީމް ކޯޓުގެ ހުކުމަށް. ސުޕްރީމް ކޯޓުން މައްސަލަ ނިމުނީމާ ދެން އަޅުގަނޑުމެންނަށް އަންގާ އެއްޗެއް އަންގަން އެ ތިބީ. އަސްލު ވެގެން މިއުޅޭ ގޮތަކީ ދަނޑުން ބޯޅަ ބޭރު ވާނެ ކަމަށް ހީކޮށް ލައިންސްމަނަށް ދިދަ ނެގިގެން މިއުޅެނީ. ބޯޅަ ބޭރު ނުވަނީސް ރެފްރީ އަށް [ކަށިގަނޑު] ގޮއްވިއްޖެ. އެހެންވެ ރެފްރީ އާއި ލައިސަންސްމަން މިހާރު މަޝްވަރާ މިކުރަނީ ދެން ހަދާނެ ގޮތަކާ މެދު."

މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ހަ މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރަކު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލަތަކާ ގުޅިގެން މިދިޔަ ހަފުތާގައި ވަކިވަކިން ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ބޭއްވުމަށް ފަހު، މާދަމާ ވެސް އިތުރު އަޑުއެހުންތަކެއް ވަނީ އެ ކޯޓުގައި ތާވަލުކޮށްފަ އެވެ.

މަޖިލިހުގެ އިދިކޮޅު މެމްބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ، މެންބަރަކު މަޖިލީހަށް އިންތިހާބުވި އިރު ހުންނެވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކި ކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ. އެކަމަކު އެއީ މާޒީގައި ވެފައިވާ ކަމެއްގެ މައްޗަށް ތަންފީޒުކުރުން ހުއްދަ ހުކުމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ފަހުން ނެރުނު އަމުރެއްގައިވެ އެވެ.