22 ޖުލައި 2017
މައުލޫމާތު ހުރި ބައެއް މީހުން ބުނާ ގޮތުގައި ޕީޕީއެމްގެ 10 މެމްބަރަކު އެއްފަހަރާ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފާނެ ކަމަކަށް، ރައީސް އަބްދުﷲ ޔާމީނަށް ލަފާކުރެއްވިފައެއް ނެތެވެ. ރައީސްގެ އަރިސް ބޭފުޅުން އެކި ގޮތްގޮތަށް ހިސާބު ޖައްސަވައިގެން ވެސް، އިދިކޮޅަށް އެންމެ ގިނަވެގެން އަރާނެ ކަމަށް ބެލެވުނީ 38-39 މެމްބަރުންނެވެ.
މައުލޫމާތު ހުރި ބައެއް މީހުން ބުނާ ގޮތުގައި ޕީޕީއެމްގެ 10 މެމްބަރަކު އެއްފަހަރާ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފާނެ ކަމަކަށް، ރައީސް އަބްދުﷲ ޔާމީނަށް ލަފާކުރެއްވިފައެއް ނެތެވެ. ރައީސްގެ އަރިސް ބޭފުޅުން އެކި ގޮތްގޮތަށް ހިސާބު ޖައްސަވައިގެން ވެސް، އިދިކޮޅަށް އެންމެ ގިނަވެގެން އަރާނެ ކަމަށް ބެލެވުނީ 38-39 މެމްބަރުންނެވެ.
އިދިކޮޅު އިއްތިހާދުން ޖުލައި 3 ގައި ރައްޔިތުންގެ މަޖިލިހަށް އަސްލު ވައްޓާލީ "ބޮމެކެ"ވެ. މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި 45 މީހުންގެ ސޮއި ހަމަކޮށް، މަޖިލިހަށް ވެއްދި ޚަބަރު އެވަގުތު މަޖިލިހުގައި އުޅުއްވި ޕީޕީއެމްގެ މެމްބަރުންނަށް ލިބިވަޑައިގަތުމާ އެކު "އަހަރެމެންގެ ތެރެއިން ކޮން ބައެއް ސޮއިކުރީ؟ ކޮން ބައެއް އެކޮޅަށް ދިޔައީ؟" ކަހަލަ ހައިރާންކަމުގެ ސުވާލުތަކާ އެކު ލިސްޓް ބައްލަވަން ދުވެވަޑައިގަތީ އެވެ.
"އެ މީހުން ހިއެއްނުކުރޭ 42 ވެސް ހަމަވާނެ ކަމަށް. ސާޅީސް ފަސް މެމްބަރުންކަން އެނގުމުން އަދި މާ ބޮޑަށް ހައިރާންވީ،" އިދިކޮޅު އިއްތިހާދުގެ މެމްބަރަކު ވިދާޅުވި އެވެ.
އޭގެ ކުރިން ދެ ނައިބު ރައީސުންނާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކާއި އޮޑިޓަ ޖެނެރަލަކާއި ޕްރޮސެކިއުޓަ ޖެނެރަލެއްގެ ދުވަސް ރައްޔިތުންގެ މަޖިލިހުން ދުއްވާލި އިރު ވެސް ރައީސް ޔާމީނަށް އެއީ މާ ބޮޑު ކަމަކަށް ނުވި އެވެ. ސަރުކާރަށް 100 ޕަސެންޓް އިތުބާރު ނެތް މީހަކު މިނިވަން މުއައްސަސާއެއްގައި ބެހެއްޓުމަކީ ރައީސް ޔާމީންގެ ސިޔާސަތެއް ނޫނެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ޖުލައި 3 ގައި ގެއްލުމަކީ އެމަނިކުފާނަށް ވަރަށް ބޮޑު ޝޮކެކެވެ. މިއީ އެމަނިކުފާނުގެ ކަންކަން އެނގޭ ބައެއް މީހުން ދެކޭ ގޮތެވެ.
"ރައީސް ޔާމީންގެ ހުރިހާ ވެސް އެއްޗަކީ ރައްޔިތުންގެ މަޖިލިހުގެ އަގުލަބިއްޔަތު،" މައްސަލައިގެ ގޮތުން ނަން ޖަހަން ދެކޮޅު ހެއްދެވި ބޭފުޅަކު ވިދާޅުވި އެވެ.
"ނައިބު ރައީސުންނަށް ވުރެ ވެސް މަޖިލިސް މުހިންމީ. މަޖިލިސް ގެއްލިއްޖެއްޔާ ދެން ވާނެ ގޮތް އެނގިވަޑައިގަންނަވާނެ."
އޭނާ ވިދާޅުވި ގޮތުގައި މަޖިލިހުގެ ރިޔާސަތުގައި މަސީހު ކަހަލަ އަމިއްލަ އިޚުތިޔާރުން މަސައްކަތްނުކުރެއްވޭ އަދި ރައީސް ޔާމީން ބޭނުންފުޅުހާ ގޮތެއް ހައްދަވާ މެމްބަރަކު އިންނެވުމަށް ވުރެ "ބޮޑު ހިތްފަސޭހަކަމެއް"، ސިޔާސީ ގޮތުން އެމަނިކުފާނަކަށް ނެތެވެ. އެކި ބިލްތައް ރަނގަޅުކުރަން ރައްޔިތުންގެ މަޖިލިހުގެ ތެރޭގައި ކުރިން އޮތް ފަންނީ މީހުންގެ އެހީތެރިކަން ވެސް، މަސީހުގެ ރިޔާސަތުގައި، ނުހޯދާ ކަމަށް ވެ އެވެ.
"ގާސިމް ކަހަލަ ބޭފުޅުން ބައެއް ކޮމިޓީތަކުގައި ތިއްބެވި އިރު ބިލެއް އަތުވެއްޖެއްޔާ ދޭނީ ފަންނީ މީހުންގެ އަތަށް. ވިދާޅުވާނެ ކަލޭމެން މި ރަނގަޅުކުރާށޭ،" މަޖިލިހުގެ އެތެރޭގައި ކަން ހިނގާ ގޮތުގެ މައުލޫމާތު ހުރި މީހަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.
ޕީޕީއެމްގެ މަޖިލިހުގެ ބައެއް މެމްބަރުން ބަސްއަހައިގެން
"މަސީހުގެ ނެތް އެގޮތެއް. ސަރުކާރުން، އޭޖީން، ނުވަތަ ރައީސް އޮފީހުން ހަމަ ފޮނުވާ ގޮތަށް ބިލްތައް އޮންނާނީ. ފިއްޔެއް ބަދަލުކުރަން ވެސް ބޭނުމެއް ނުވާނެ."
އޭގެ އެންމެ ބޮޑު މިސާލަކީ 10 އަހަރުގެ ދިގު މުއްދަތެއްގައި ފަރުމާކޮށް، ބަހުސްކޮށް، ފާސްކޮށް އަދި ތަސްދީގުކުރި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލްކުރަން ދެ ހަފުތާއަށް ވެފައި ވަނިކޮށް، ސަރުކާރުން ގެންނަން އުޅުނު ބޮޑު ބަދަލެވެ. ސަރުކާރުގެ ފަރާތުން އެ ބިލް ހުށަހަޅަން ޖެހިވަޑައިގެންނެވި މެމްބަރަށް ކުރިން އަންގާފައި އޮތީ ހުށައަޅަނީ 12 ވަރަކަށް ސަފުހާގެ އިސްލާހުތަކެއް ކަމަށެވެ. ނަމަވެސް ހުށަހަޅުއްވަން ތަޅުމަށް ވެންނެވި އިރު އޭނާގެ އަތަށް ދިނީ 54 ވަރަކަށް ސަފުހާގެ ބިލެކެވެ.
އެ ހުރިހާ ކަމެއް ހިންގެވީ މަސީހެވެ. ނަސީބަކުން އެ ދުވަހު ޕީޕީއެމް މެމްބަރުންގެ ތެރޭގައި އުފެދުނީ ބަންޑާރަ ނައިބު މުހައްމަދު އަނިލް މަޖިލިހަށް ވަޑައިގެން ވާހަކަ ދައްކަވައިގެން ވެސް މައިތިރިކުރެވޭނެ ވަރުގެ ރުޅިއެއް ނޫނެވެ. "ތި ބިލް އަނބުރާ ގެންނާށޭ" ވިދާޅުވުން ފިޔަވައި އަނިލްއަށް ދެއްކެވޭނެ ވާހަކައެއް އެދުވަހަކު ނެތެވެ.
ހަގީގަތުގައި، ރިޔާސީ ނިޒާމެއްގައި، ރައްޔިތުންގެ މަޖިލިސް ހިނގަން ޖެހޭނެ ގޮތަކީ އެއީ އެވެ. ވެރިކަން ހިންގާ ބާރުން ޖަހާހާ ބެރަކަށް ނަށައިގެން ނުވާނެ އެވެ. އެކަމަކު މިދިއަ ތިން އަހަރުގެ ތެރޭގައި ރައީސް ޔާމީނަށް ކަންކަން ދޫކުރަމުން، ދޫކުރަމުން ގޮސް، އެ ބޮޑު ބާރު ބަދަލުވީ، ކުރިންސުރެ ދުނިޔޭގައި ސިފަކުރަމުން އަންނަ، "ރަބާ ސްޓޭމްޕް" އަކަށެވެ. ބިލްތައް ފޮނުވާ ގޮތަށް ފާސްކޮށްލަނީ އެވެ. ސަރުކާރުން ބުނާ ކޮންމެ ކަމެއް ހެޔޮވަރެވެ. ގާނޫނުއަސާސީ ހިމާޔަތްކުރުމާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމާއި ދައުލަތުގެ ސިޔާދަތަށް ބުރުލެއް އަތުވެދާނެ ކަންކަމަކީ ކޮބައިތޯ ކަހަލަ ސީރިއަސް މައުލޫއުތަކަށް ފުންކޮށް ބަހުސެއް ނުކުރެވުނެވެ.
އެއް މެމްބަރަކު ސިފަކުރެއްވި ގޮތުގައި ޕީޕީއެމްގެ ކޯލިޝަނުގެ މެމްބަރުންނަށް މަޖިލިހަކީ "ބޮޑު މަޖާގަނޑެކެ"ވެ.
އެ މަޖާގަނޑު ޖުލައި 3 ގައި ނިމުމަކަށް އައީ އެވެ. ސަރުކާރުން ތެޅިގަތީ އަދި މުޅިން އެހެން ގޮތަކަށެވެ؛ މަޖިލިހުގެ ބާރު ކަނޑުވާލުމެވެ. ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާ ކަމަކަށް ޝަރުއީ ނިޒާމުގެ ތެރެއިން "ހައްލެއް" ހޯދަން އަނިލް ވަޑައިގަތީ ސުޕްރީމް ކޯޓަށެވެ. ރައީސް ޔާމީންގެ މަގުސަދު ފުއްދަވައިދެއްވަން އަނިލް ނުކުންނެވީ މެމްބަރުން ޕާޓީ ބަދަލުކުރުން، ޕާޓީން ވަކިކުރުން އަދި ޕާޓީން ވަކިވުން، މި ތިން ހާލަތުގައި ވެސް ގޮނޑި ގެއްލޭ ގޮތް ހައްދަވައިގެންނެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައި ނެތް ޝަރުތެއް ހަދައި، އެއަށް އަމަލްކުރަން ސުޕްރީމް ކޯޓުން ނިންމުމުން، ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލިސް ސިފަކޮށްފައި އޮތް ގޮތް މުޅިން ބަދަލުވީ އެވެ. މިހާރު މެމްބަރުންނަށް އެ މީހުންގެ އަމިއްލަ އެއްވެސް ކޮންޓްރޯލެއް ނެތެވެ. ޕާޓީން ނިންމާ ކޮންމެ ގޮތަކަށް ޖެހޭނީ ވޯޓު ލައި، ބަހުސްކުރާށެވެ. އެއީ މެމްބަރުންގެ ވިސްނުން ނުވަތަ އޭނާ ނިސްބަތްވާ ދާއިރާގެ ރައްޔިތުންގެ ޚިޔާލާ ކިތައްމެ ބޮޑު ތަފާތެއް އޮތް ކަމެއް ނަމަވެސް، މިހާރު މަޖިލިސް ބަދަލުވެފައި އެވަނީ ޕާޓީން އިއްވާ ވަޒަނަކަށް ފައި ހަމަކުރަން ޖެހޭ ތަޅުމަކަށެވެ. އެ މަގުން މަޖިލިހުގައި މަސައްކަތް ނުކޮށްފި ނަމަ ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލުނީ އެވެ.
ހާދަ ފަސޭހަ ގޮތެކެވެ. ރައްޔިތުން އިންތިހާބުކޮށްފައިވާ ބައެއްގެ ގޮނޑި ޕާޓީތަކަށާއި އިލެކްޝަންސް ކޮމިޝަނަށް ގެއްލުވާލެވޭނެ ކަމަށް، އެއްވެސް ގާނޫނެއްގައި ނެތަސް އެ އޮތީ ހަދާފަ އެވެ. ރައްޔިތުންގެ މަޖިލިސް ރަނގަޅަށް މަސައްކަތްކުރާ ގައުމެއް ނަމަ ޖުލައި 13 ވީހީ މަޖިލިހާއި ޝަރުއީ ނިޒާމާ ދެމެދު "ތަޅާފޮޅުމެއް" އުފެދޭނެ ދުވަހަކަށެވެ.
ސަރުކާރާ އިދިކޮޅު އިއްތިހާދުގެ ވެރިން ހިނިތުންވެފައި: ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލިބުމާ އެކު ކުރިމަތިވީ އެހެން މައްސަލައެއް
ސިޔާސީ ގޮތުން ބަލާ ނަމަ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް ލިބޭ ދުވަހެއްގައި ސަރުކާރު ޖެހޭނީ މައިތިރިވާށެވެ. އެމްޑީޕީ ސަރުކާރު އޮތް އިރު ގިނަ ފަހަރަށް ފެނުނީ އެ މަންޒަރެވެ. އިދިކޮޅު ފަރާތްތަކުން ކޮންޓްރޯލްކުރި މަޖިލިހުން [މެމްބަރެއްގެ ގޮތުން ޔާމީނަކީ އިސްކޮށް ހުންނެވި އެއް ލީޑަރު] ސަރުކާރަށް ކުރި ޖެއްސުންތައް ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެ އެވެ. އެކަމަކު މިއަދުގެ ސަރުކާރަށް މަޖިލިހުގެ މެޖޯރިޓީ ގެއްލުމާ އެކު މި ފެނުނީ މަޖިލިހުގެ ދުވަސް ދުއްވާލި ތަނެވެ. މެޖޯރިޓީ މެމްބަރުންނަށް ވުރެ މައިނޮރިޓީ މެމްބަރުންގެ ބާރު ގަދަވި ތަނެވެ.
ސަރުކާރު ކޮޅުގައި ތިއްބެވި މެމްބަރުން، ރައީސް ޔާމީންގެ ހިތްޕުޅު ހަމަޖައްސަވަން، ތައުރީފާއި ސަނާ ކިއުމުގައި ކުރިއަށް ދަނީ އެވެ. (އެއީ ބޮޑު ދެއްކުންތެރިކަމެއް ކަން ކައުންސިލް އިންތިހާބުން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާނެ އެވެ.) އެއްކަލަ "މަޖާގަނޑު"ގައި ދޫވެގެން އެދިޔައީ ގާނޫނުއަސާސީން ދީފައި އޮތް ކިހާ ބޮޑު މިނިވަންކަމެއްކަމާ މެދު އެ މެމްބަރުން ވިސްނައެއް ނުލަ އެވެ. ސިޔާސީ ޕާޓީތަކުގެ އާދައިގެ މެމްބަރެކޭ، ރައްޔިތުންގެ މަޖިލިހުގެ މެމްބަރެކޭ މިއަދު ތަފާތެއް ނެތެވެ.
އެކަމަކު މަސީހު އާއި ސަރުކާރު ކޮޅުގައި ތިއްބެވި މެމްބަރުން ހަމަ ހެވިފަ އެވެ.
ސުވާލަކީ ގައުމަކުން ފެންނާނެ މިހާ ބޮޑު، ސީރިއަސް، ނާޒުކު މައްސަލަގަނޑެއްގެ ތެރެއަށް ރާއްޖެ ވެއްޓުމުން، އޭގެ ހައްލު، ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ލިއެފައި އޮތް ގޮތްތަކާ ހިލާފަށް، ސަރުކާރުން މި ހޯދަނީ ހަމަ މޮޅުކަމުން ހެއްޔެވެ؟ ނުބައި ކަމުން ހެއްޔެވެ؟ ނުވަތަ މިއީ ގައުމުގެ މުހިންމު މުއައްސަސާތައް ފުނޑާލުން ހެއްޔެވެ؟
ޒަރޫރީ ހާލަތެއް ކުރިމައްޗެއް ނުވޭ، ވޯޓު ވާނީ ބާތިލް
ގާނޫނުއަސާސީ މިއަދު ބިންމަތީގައި!
4މެމްބަރަކު ޕީޕީއެމުން ވަކިވިކަން މަޖިލިހަށް އަަންގައިފި
ސުޕްރީމް ކޯޓުގެ ހުކުމާ މެދު އިތުރު ސުވާލެއް ނެތް
"ގޮނޑި ގެއްލުމުގެ ބިރު އޮތަސް ދުލެއް ނުދެއްވާނެ"
އެ އުޅެނީ ދައުލަތް ހުއްޓުވާލަން، ސަމާލުވޭ: ނިހާން
ޖަމީލް ވަކިކުރި މައްސަލާގައި ދައުވާ ކުރެވޭނެ
ދެ މަހަށް ފަހު މަޖިލީހުގެ ޖަލްސާތައް ފަށަނީ
ސޮއިކުރުމަކީ ރައީސްއާ ދެކޮޅުވުމެއް ނޫން: މެމްބަރުން
ދެ ހުށަހެޅުމުގައި ރައީސްގެ އަރިސް މެމްބަރުންތަކެއް!